އިންޑިއާގެ އާ ހައި ސްޕީޑް ރޭލުގެ ފުރަތަމަ ދަތުރުގައި މައްސަލަ ޖެހިއްޖެ

އިންޑިއާގެ ސެމީ ހައި ސްޕީޑް ރޭލުގެ ހިދުމަތް ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާ ދެއްވަނީ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ފެބްރުއަރީ 17): އިންޑިއާގައި އަލަށް ބޭނުން ކުރަން ފެށި، އެގައުމުގެ އެންމެ ބާރަށް ދުއްވާ ރޭލުގެ ފުރަތަމަ ދަތުރުގައި ރޭލުގައި މައްސަލަ ޖެހިއްޖެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ އެސެމީ ހައި ސްޕީޑް ރޭލުގެ ހިދުމަތް ފައްޓަވާދެއްވީ ހުކުރު ދުވަހު އެވެ. ނަމަވެސް އެރޭލު ދިއްލީން ވަރަނަސީއަށް ދަތުރު ކުރުމަށް ފަހު އެނބުރި ދިޔަ މަގުމަތީގައި ރޭލު ހުއްޓުމަކަށް އަ އެވެ.

އެންޑީޓީވީން އިންޑިއާގެ ރެއިލްވޭ މިނިސްޓްރީއާ ހަވާލާދީ ބުނި ގޮތުގައި ރޭލު ހުއްޓުމަކަށް އައީ ދަތުރު ކުރަމުންދަނިކޮށް ގެރިއެއްގައި ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގި ކަމުގެ ނިޝާނެއް ރޭލުން ނުފެންނަ ކަމަށް ވެސް އެނޫހުން ބުންޏެވެ. އަދި ރޭލުގައި ތިބި މުވައްޒަފުން ވަނީ އެއީ ބްރޭކުގެ މައްސަލައެއް ކަމަށް ލަފާކޮށްފަ އެވެ.

މީގެ އިތުރުން ރޭލު ހުއްޓުނު ވަގުތު، އޭގެއިން ދުން އެރި ކަމަށާއި ކަރަންޓު ވެސް ދިޔަ ކަމަށް އެނޫހުން ރިޕޯޓު ކުރި އެވެ. އެވަގުތު ރޭލުގައި ތިބީ ހަމައެކަނި ރެއިލްވޭ އޮފިޝަލުންނާއި ނޫސްވެރިންނެވެ. އަދި ރޭލު ހުއްޓުމުން އެމީހުން ދިއްލީއަށް ފޮނުވަން ޖެހުނީ އެހެން ރޭލެއްގަ އެވެ.

އެމައްސަލަ ޖެހުނު ނަމަވެސް އިންޑިއާގެ ރެއިލްވޭ މިނިސްޓްރީން ވަނީ 'ވަންދޭ ބާރަތު އެކްސްޕްރެސް'ގެ ދަތުރުތައް މިއަދު ފަށާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެރޭލުގެ ތިން ޓެސްޓު ދަތުރުތަކުގައި ރޭލު ވަނީ 7000 ކިލޯ މީޓަރަށް ދަތުރުކޮށްފަ އެވެ. އަދި އެރޭލަށް ގަޑިއަކު 180 ކިލޯ މީޓަރަށް ދަތުރު ކުރެވޭނެ އެވެ. ނަމަވެސް އެރޭލު ދަތުރު ކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި ދިއްލީ އާއި ވަރަނަސީއާ ދެމެދުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް