ސަރުކާރު ވައްޓާލަން ނޫޅެން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު: އޭނާ ވިދާޅުވަނީ، ސަރުކާރު ވައްޓާލަން ނޫޅޭ ކަމަށް -- ސަން ފޮޓޯ/ އަލީ ނަސީރު

"އިންޑިއާ ސިފައިން ފައިބާ" ނަމުގައި އިއުލާން ކުރެއްވި ހަރަކާތަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލުމަށް ފެށި ހަރަކާތެއް ނޫން ކަމަށް އެ ހަރަކާތް އިމްތިޒާމް ކުރާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދެ ހެލިކަޕްޓަރު އޮޕަރޭޓް ކުރުމަށް ކަމަށް ބުނެ ރާއްޖޭގައި ތިބޭ އެ ގައުމުގެ ސިފައިން ބޭރުކުރުމަށް އުމަރު އިސްވެ ހުންނަވާ އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ގައުމީ ހަރަކާތެއް އިއުލާން ކުރައްވާފައެވެ. މި ހަރަކާތަކީ ސަރުކާރު ވައްޓަލަން އުމަރު ހިންގަވާ ހަރަކާތެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ބެއެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެކަމާ ގުޅިގެން މިއަދު އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެ ހަރަކާތަކީ ސަރުކާރު ވައްޓާލަން ފެށި ހަރަކާތެއް ނޫން ކަމަށާއި އެއީ "ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަމެއް ފުޅާވިޔަ ނުދިނުމަށް ކުރާ މަސައްކަތެއް" ކަމަށެވެ.

"އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމީ، މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް، އިންޑިއާގެ އަމަލުތަކާއި އެމީހުން އެހެން ކުދި ގައުމުތައް އެއްކޮށްލި ގޮތަށް ބަލާއިރު މިއީ ދިވެހިން ހޭލާ ތިބެން ޖެހޭ ކަމެއް،" އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވި އެވެ.

"އޮޅުވެއްޖެ ކަމަށް ހީކޮށް، ބޮޑު ސިންގާ އެއް ގޭތެރޭގައި ނިންދަވާކަށް ނުވާނެ"

އުމަރު ވިދާޅުވީ، އިންޑިއާގެ ނިޔަތް ބަދަލުވާނެ ވަގުތެއް ނޭނގޭނެ ކަމަށާއި ރާއްޖޭގެ ސިފައިންނަށްވުރެ، ބާރުގަދަ ސިފައިންތަކެއް މި ފަސްގަނޑުގައި ތިބޭހަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާއެކު އިންޑިއާގެ އެކުވެރި ގާތް ގުޅުމެއް އޮތް ކަމުގައިވީނަމަވެސް އެ ގުޅުން ބަދަލުވެގެންދާނެ ވަގުތެއް ނޭނގޭނެ ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.

"ކާކުތޯ މީގެ 10 އަހަރުކުރިން ހީކުރާނީ، އެމްޑީޕީގެ ޖަގަހަތަކުން "ތިއައީ ޒައީމޭ" ގެ ލަވަ ޖަހާ، ރައީސް މައުމޫންއަށް އެމްޑީޕީ މީހުން ތައުރީފު ކޮށްފާނޭ. އެކަމު ހާލަތު ބަދަލުވެ، ގުޅުންތައް ބަދަލުވީ. ހަމަ އެގޮތަށް އިންޑިއާ އާއި އެމްޑީޕީއާ ދެމެދުވެސް ކަން ހިނަގާފާނެ،" އުމަރު މިސާލު ނެންގެވިއެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑީއާގެ ހެލިކަޕްޓަރު އެގްރިމަންޓް އާ ނުކޮށް އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ނިންމިއެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ފާބައިގައި ނުވެއެވެ.

އުމަރު ވިދާޅުވީ، އެމްޑިޕީއާ އިންޑިއާގެ ގުޅުން ހީނަރުވާ ދުވަހަކުން އެމްޑީޕީ ސަރުކާރުން އިންޑީއާ ސިފައިންނަށް އަންގާ ގޮތަކަށް އަމަލެއް ނުކުރާނެ ކަމަށާއި "ރައީސް ޔާމީންގެ ސަރުކާރުން އެންގެވީމަ ނުފޭބި ގޮތަށް އެމްޑީޕީ ސަރުކާރުން އެންގުމުންވެސް ނުފައިބާނެ ކަމަށެވެ.

އުމަރު އިއުލާން ކުރެއްވި ގައުމީ ހަރަކާތުގައި ތެރެއިން ވަރަށް ގިނަ ކަންތައްތައް ހިނގާނެ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން "މަގުމަތީ ޕޯސްޓަރު ޖެހުމާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ، ސައިކަލު ލޯރީ ބުރު" ފަދަ ހަރަކާތްތައް މި ގައުމީ ހަރަކާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުމަރު މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ގައުމީ ހަރަކާތެއް އުމަރު އިއުލާން ކުރައްވާފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެ ކަމަށާއި އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރާއެކުގައި ކަމަށެވެ. އަދި ދިވެހި ސިފައިން ވެސް ވިދާޅުވެފައި ވަނީ ދެ ހެލިކަޕްޓަރު އޮޕަރޭޓް ކުރަމުން ދަނީ ރާއްޖޭގެ ސިފައިންގެ ފުރިހަމަ ބާރުގައި ކަމަށެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އިންޑިއާގެ 64 ސިފައިން ރާއްޖޭގައި ހަރަކާތްތެރިވެ އެވެ.

comment ކޮމެންޓް