ސްކޫލުތަކުގެ ވެރީންނަށް މިނިސްޓަރު: "ވަކި ފަރާތަކަށް ނުޖެހޭތި"

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ--- ފޮޓޯ: އެޑިއުކޭޝަން މިނިސްތްރީ

ސްކޫލުތަކުގެ އިސްވެރިން ވަކި ފަރާތަކަށް ނުޖެހުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިލްތިމާސްކޮށްފިއެވެ.

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ އިފްތިތާހްކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކްލާހުގައި ކިޔަވައިދޭ މުދައްރިސުން ފިޔަވައި ދަރިވަރުންގެ ތައުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސްކޫލު ހިންގަން ހުރި އިސްވެރިއެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

"ގޭގެ އޮޅި ނުރަނގަޅު ވެއްޖެނަމަ، ގެއަކަށް ސުލްހަވެރިކަން ނާންނަ ފަދައިން، ސްކޫލް ހިންގަން ހުންނަ ވެރިއަކު ނުރަނގަޅުވެއްޖެ ނަމަ، ސްކޫލްގެ ބަރަކާތް ކެނޑިގެން ދާނެ. ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ތިއިން ކޮންމެ ބޭފުޅަކީ އަދި ބޭކަނބަލަކީ، ސްކޫލްގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށް ގެންދެވޭނޭ ހާލަތްތައް މެދުވެރިކުރުވާ ފަރާތް. ތިއީ ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ގާއިމްކޮށް ދަމަހައްޓާ ފަރާތް." އޭނާ ވިދާޅުވިއެވެ.

އެގޮތުން މުޢާމަލާތްތަކާއި ގުޅުންތައް އެދެވޭ ގޮތެއްގެ މަތީން ތަރުތީބުކުރުމަކީ، ސްކޫލް ހިންގާ ވެރިން ކުރަޖެންހޭ އެންމެ މުހިންމުކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްތްރީ

އަދި ވިދާޅުވީ ކާމިޔާބު ވެރިންނަކީ އިޢުތިމާދު ނުވަތަ ޓްރަސްކުރެވޭ ގުޅުންތައް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރައްޔިތުންނާ ދެމެދު އުފައްދައި، އެ ގުޅުންތައް ހަންހާރަކުރާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ވެރިން ކަމަށެވެ.

ޑރ. އައިޝަތު ވިދާޅުވީ ސްކޫލުތަކުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި، އަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުއާމަލާތްކުރުމަކީ، ރާއްޖެއަށް އެކި މޫސުމުގައި އަންނަ ކޮޅިގަނޑުތަކުގައި ދެމިހުންނަނިވި ގޮތަށް ވަޒީފާ އަދާކުރުމަށް ބޭނުން ކަމެއް ކަމަށެވެ.

"ވައި ގަދަވެއްޖެ ނަމަ، ބޯތިރިކޮށް ރައްކާތެރިވުމަކީ، ވަޔާ އެކު އުދުހޭ ތަކެތިން ބޯ ސަލާމަތްވާނޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް