ރައީސް ސޯލިހުއާ އެކު ކުރިކެޓް މެޗެއް ކުޅުމަށް އެއާ އިންޑިއާގެ ޓީމު ރާއްޖެ އަތުވެއްޖެ

ރައީސް ސާލިހުއާ އެކު ކުރިކެޓް މެޗު ކުޅުމަށް ރާއްޖެ އައި އެއާ އިންޑިއާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން --- ސަން ފޮޓޯ / އަބްދުﷲ އައިމަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެޕްޓަން ކަން ކުރައްވާ ޓީމާއި އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ އެއާ އިންޑިއާ ބައްދަލު ކުރާ ހާއްސަ ކުރިކެޓް މެޗު ކުޅުމަށް ޓަކައި އިންޑިއާގެ ޓީމު ރާއްޖެ އައިސްފި އެވެ.

އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި ކުރިއަށްދާ އެ ހަރަކާތަކީ އާ ސަރުކާރުގެ ކުޅިވަރު މިނިސްޓްރީ އާއި ކުރިކެޓް ބޯޑުގެ އިތުރުން އިންޑިއަން އެންބަސީ ގުޅިގެން ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފެށުމެކެވެ.

ރައީސް ސާލިހުއާ އެކު ކުރިކެޓް މެޗު ކުޅުމަށް ރާއްޖެ އައި ބައެއް އެއާ އިންޑިއާ ޓީމުގެ ކުޅުންތެރީން --- ސަން ފޮޓޯ / އަބްދުﷲ އައިމަން

ރައީސް ސާލިހުގެ ކެޕްޓަންކަން ކުރައްވާ ހާއްސަ ޓީމުގެ އިތުރުން ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމާއެކު ވެސް އެއާ އިންޑިއާގެ ޓީމު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަން މާލޭ އެކުވެނި ގުރައުންޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތައް ވެގެންދާނީ ރާއްޖޭގައި ރާއްޖޭގެ ގައުމީ ޓީމާ އެކު އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނާ އެކު ކުޅެވޭ ފުރަތަމަ މެޗަށެވެ.

އިންޑިއާއާ އެކު 2011 ވަނަ އަހަރު ވޯލްޑް ކަޕު ކާމިޔާބު ކުރި ދެ ކުޅުންތެރިން ކަމަށްވާ ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގް މި މެޗު ކުޅެން ރާއްޖެ އަންނަ ގޮތަށް ކުރިން ރޭވިފައިވީ ނަމަވެސް ފަހު ވަގުތު ދިމާވި ކުޑަ މައްސަލަކާއި އެކު ހަރްބަޖަން ސިންގް ރާއްޖެ އައިސްފައެއް ނުވެ އެވެ.

ނަމަވެސް އިންޑިއާގެ ސުޕަ ލީގުގައި ކުޅޭ މޮޅެތި ކުޅުންތެރިންތަކެއް ޔުވްރާޖް ސިންގްއާ އެކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

comment ކޮމެންޓް