މިކަމުގެ ސީރިއަސްކަން އެނގޭނީ މީހެއްގެ ފުރާނަ ގޮސްގެން ބާ!؟

ކަފިހި ހުރަސް މަތިން ދެމައިން ހުރަސް ކުރާ އިރު، ދުވާ އެއްޗެހި ކަފިހި ހުރަސް މަތިން މަޑު ކުރުމެއް ނެތި ދުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތިއީ ރާއްޖޭގައި ހަމައެކަނި ދަމާލެވިފައިވާ ލައިނެއް. އެއްވެސް ހާއްސަކަމެއް ދޭ ތަނެއް ނޫން،" މިއީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭގައި ދުއްވާފައި ދިޔަ ކާރެއް، ކަފިހި ހުރަސް މަތިން ހުރަސް ކުރަމުން ދިޔަ މީހަކަށް މަޑުނުކުރުމުން ހިންގި އެކްސިޑެންޓެއްގެ ޚަބަރަކަށް ކިޔުންތެރިއަކު ކުރި ކޮމެންޓެކެވެ.

އަންގާރަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އެކްސިޑެންޓްވި 45 އަހަރުގެ އަންހެނަކަށް އޭޑީކޭ އައިސީޔޫގައި މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ.

ކަފިހިހުރަސް ނުވަތަ ޒިބްރާ ކްރޮސް އަކީ މަގުގައި ހިނގާބިނގާވެ އުޅޭ މީހުން މަގުހުރަސް ކުރަން ރީދޫ ނުވަތަ ހުދު ކުލައިގެ ރޮގުތަކުން ކުރަހާފައި ހުންނަ ނިޝާނެކެވެ. އެތަނުގައި މަގު ހުރަސްކުރަން މީހަކު ހުރެއްޖެ ނަމަ ދުއްވާ އެއްޗެހި އެމީހުންނަށް އެފުރުސަތު ދިނުމަށް ނުވަތަ ހިނގާ މީހުން މަގު ހުރަސް ކުރަންދެން މަޑު ކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނެ އެވެ.

ނަމަވެސް އަންގާރަ ދުވަހުގެރޭ ސެނަހިޔަ ހޮސްޕިޓަލް ކައިރިން ކަފިހި ހުރަސް މަތިން ހިނގި ހިތާމަވެރި ހާދިސާ ހިނގުމަށް މެދުވެރިވީ ދުއްވާފައި ދިޔަ ކާރު، ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހަށް ފުރުސަތު ނުދިނުމުންނެވެ. މިކަންތައް މިގޮތަށް ހިނގާތާ އަހަރުތަކެެއް ވެއްޖެ އެވެ.

https://sun.mv/115389

މިދިޔަ ޑިސެމްބަރު މަހު 16 ވަނަ ދުވަހު މާލޭ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރަތަކުން ސިމެންތި ބަސްތާއެއް ވެއްޓި މަރުވި އުމުރުން އަށް އަހަރުގެ ރައުޝަން ޖިއާންގެ ހާދިސާ އަދިވެސް ގިނަ ދިވެހިންގެ ހަދާނަކުން ނުފިލައެވެ. ޖިއާންވެސް މި ދުނިޔެއާއި ވަކިވެގެން އެ ދިޔައީ ބަޔެއްގެ އިހުމާލުންނެވެ.

ކަފިހި ހުރަސް މަތިން ދުއްވާ އެއްޗެހި ހިނގާ މީހުންނަށް ނުބަލައި ދުއްވުމުގެ ސަބަބުން އެފަދަ ހިތާމަވެރި ހާދިސާއެއް ނުހިނަގީސް އެކަމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ.

އަންގާރަ ދުވަހުރޭ ސެނެހިޔާ ކައިރީ ކަފިހި ހުރަސް މަތިން އެކްސިޑެންޓް ހިނގި ސަރަހައްދުގައި މީހުން ކަފިހި ހުރަސް މަތިން ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހުން ހޭލުންތެރިވާން ޖެހޭ!

މިދިޔަ ޑިސެންބަރު މަހު މަލޭ ސިޓީ ކައުންސިލުުން ވަނީ ބޮޑެތި ހަރަދުތަކެއްކޮށް ކަފިހި ހުރަސްތަކުގައި ކުލަލައި އާކޮށްފައެވެ. ނަމަވެސް ގާނޫނަށް ބޯލަނބައި، މަގު ހުރަސްކުރާ މީހުންނަށް ކަފިހިހުރަހުން ފުރުސަތުދޭ ދުއްވާ އެއްޗިހި ނިސްބަތުން މަދެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފު ވިދާޅުވީ، މަގުމަތީގެ ގާނޫނުތަކަށް ދުއްވާމީހުން ބޯނުލަބަނީ މީހުން އެކަމަށް ހޭލުންތެރި ނުވުމުން ކަމަށާއި މީހުން ހޭލުންތެރިވާނަމަ އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.

"ދާންވާ ތަނަކަށް ދިޔުމަށް އެމީހާ ދުއްވާ އިރު، އޭނަގެ ސިކުނޑީގައި މި އިންނަނީ، އެހެން މީހުންނަށް ވިސްނުމުގެ ބަދަލުގައި އޭނާ ދާން ބޭނުންވާ ތަނަކަށް ދިޔުމަށް. ކުރިއްސުރެ [ކަފިހި ހުރަސް] އަށް މަޑުނުކޮށް އެއާދަ މިއޮންނަނީ ނުހުއްޓި. [ދުއްވާ މީހުން] ހޭލުންތެރިވުމުން އެމީހަކަށް އެނގޭނެ ހިނގާ މީހާ އަކީ ވެސް މުހިންމު މީހެއް ކަން،" މާލޭ ސިޓީ ކައުންސިލް މެމްބަރު ހުސައިން ޝަރީފު ވިދާޅުވި އެވެ.

ކަފިހި ހުރަސް މަތިން މީހަކު ހުރަސް ކުރާ އިރު ދުއްވާ އެއްޗެހި މަޑު ނުކޮށް ދުއްވަނީ: މިއީ މާލޭގައި ވަރަށް އާންމު ކަމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސައިން ޝަރީފް ވިދާޅުވީ، ކަފިހި ހުރަސް އަށް ރައްޔިތުން ހޭލުންތެރި ކުރުމަށާއި އެކަމުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ކަމާބެހޭ މުއަސަސާތަކާއެކު ސިޓީ ކައުންސިލުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ގަވައިދާއި ގާނޫނުގައިވެސް އަޅުގަނޑުމެން ބަލަމުން މިދަނީ ކޮބާތޯ [އެކަން އެގޮތަށް ދިމާވުމަށް] މައްސަލަ އަންނަ ދިމާލަކީ. އިސްލާހު ކުރަންޖެހޭ ކަންތައްތއް އިސްލާހު ކުރުމަށް [ކަމާބެހޭ ފަރާތްތަކާއެކު] މަޝްވަރާ ކުރަމުން މިދަނީ،" އެނާ ވިދާޅުވީ، އެކަންތައްތަކުގައި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަރުދީ ޒިންމާ އަދާ ކުރަންޖެހޭ!

ސިޓީ ކައުންސިލުން މިމައްސަލަ އާމެދު އެގޮތަށް ވިދާޅުވާ އިރު، ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވަނީ، އެކަން އެގޮތަށް ދިމާ ވަނީ، ދުއްވާމީހުންނާއި ހިނގާ މީހުން އެމީހުންގެ ފަރުދީ ޒިންމާ އަދާ ނުކުރުމުގެ ސަބަބުން ކަމަށެވެ.

"ޓްރެފިކް ކަންތައްތައް ހައްލު ކުރެވޭނީ، ފަރުދީ ޒިންމާ ކޮންމެ ބޭފުޅަކުވެސް އަދާކޮށްގެން. ކޮންމެ ބޭފުޅެއްވެސް މަގުމައްޗަށް ނިކުތުމުން އެބައޮވޭ އަދާ ކުރަން ޖެހޭ ފަރުދީ ޒިންމާއެއް،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ރަފީއު ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ، ގަވައިދެއް ހަދައި، އެކަން ތަންފީޒުކުރުމަށް ބަޔަކު ތިބި ކަމުގައި ވީނަމަވެސް، މިކަމަށް އެދެވޭ ހައްލެއް އަންނަނީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމުގައި އެމީހެއްގެ ވިސްނުމަށް ބަދަލު އައިސްގެން ކަމަށެވެ.

"ދުއްވާ މީހާ އާއި ހުރަސް ކުރާ މީހާވެސް މިކަމުގައި ސަމާލުވާން ޖެހޭ. ނަމަވެސް [ދުއްވާ މީހުން] ކަފިހި ހުރަސް އިން ހިނގާ މީހާއަށް ޕްރައޯރިޓީ ދޭން ޖެހޭ. މުޅި މަގު އެއޮތީ ދުއްވާ މީހުންނަށް ދުއްވަން. ވަކި ތަންކޮޅެއް މި އޮންނަނީ ހިނގާ މީހާ ހުރަސް ކުރަން. އެހެން ކަމުން ކަފިހި ހުރަސް އިން ހިނގާ މީހާ އަށް ޕްރައޯރިޓީ ދޭންޖެހޭ،" ގިނަ ދުވަސްތަކެއް ވަންދެން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރެއްވި ރަފީއު ވިދާޅުވިއެވެ.

ކަފިހި ހުރަސް މަތީ މީހުން ހުރަސް ކުރުމަށްޓަކައި މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަފީއުގެ ވާހަކަ ތަކަށް ފުލުހުންވެސް ތާއީދު ކުރެއެވެ. ފުލުހުން ގަބޫލު ކުރައްވާ ގޮތުގައި މިކަމުގައި ހިގައި މީހުންނާއި ހުރަސް ކުރާ މީހުންވެސް ސަމާލުވާން ޖެހޭ ކަމަށެވެ.

"[ކަފިހި ހުރަސް އިން] މި ދިމާވާ މައްސަލަ އަކީ [ދެ ފަރާތުންވެސް] ގޮތް ދޫ ނުކޮށް ޖާގަ ނުދީ ދާން އުޅުން. މަގު ހުރަސް ކުރާ މީހާވެސް ބަލާ ނުލާ ހުރަސްކޮށްލަތީ އެ އިޝޫ ދިމާވަނީ،" ފުލުހުންގެ ޓްރެފިކް ރޯޑް ސޭފްޓީގެ އެވެއާނެސް އޮފިސާ ސާޖެންޓް ހުސައިން އަފްލަހު ވިދާޅުވިއެވެ.

އަފްލަހު ވިދާޅުވީ، ކަފިހި ހުރަސް މަތިން ހުރަސް ކުރާ މީހާއަށް، ދުއްވާ މީހުން ފުރުސަތު ދިނުމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ހިނގާ މީހުންވެސް ކަފިހި ހުރަސް މަތިން އަންނަ ގޮތަށް އައިސް ހުރަސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށާއި ހުރަސް ކުރާ އިރު ހުއްޓި ހުރެ، މަގުގެ ދެކޮޅު ބެލުމަށް ފަހު ހުރަސް ކުރުމަށް އަފްލަހު އެދިވަޑައިގެންނެވި އެވެ.

ކަފިހި ހުރަސް ބޭނުން ނުކޮށް މީހަކު މަގު ހުރަސް ކުރަނީ: ފުލުހުނާއި ކަމާ ބެހޭ މުއަސަސާތަކުން ބުނަނީ ދުއްވާ މީހުންނާއި ހިނގާ މީހުންވެސް މިކަމަށް ސަމާލުވާން ޖެހޭ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަފްލަހު ވިދާޅުވީ، ކަފިހި ހުރަސް މަތިން ދުއްވާ އުޅަދެއް މަޑުނުކޮށް ދުއްވާތަން ޓްރެފިކް ފުލުހަކަށް ފެނިއްޖެނަމަ، އެމީހަކު ހުއްޓުވައި ގާނޫނުގައި ބުނާގޮތަށް ޖޫރިމަނާ ކުރާ ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ އަހަރަކުވެސް ފުލުހުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ގައުމުތަކުގައި މިކަމަށް ހާއްސަ ސަމާލުކަމެއްދީ، ޖޫރިމަނާ ކުރާ ފީ ބޮޑު!

ރާއްޖޭގައި ހިނގާ މީހުންނަށް ކަފިހި ހުރަސްމަތިން ފުރުސަތު ނުދީ އުޅަދެއް ދުއްވައިފި ނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާ އަކީ 750 ރުފިޔާއެވެ.

ދިވެހީން އެންމެ ގިނައިން ދަތުރު ކުރާ އަވަށްޓެރި ސްރީލަންކާގައި ކަފިހި ހުރަސް މަތިން މީހަކު މަޑުކޮށްގެން ހުރިކަމުގައި ވާނަމަ ފުރުސަތު ނުދީ ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ.

"ލަންކާގައި ކަފިހި ހުރަސް މަތީ ރައްކާތެރިކަމާއެކު ހުރަސް ކުރުމުގެ ޔަގީން ކަން އެގައުމުގެ އުޅޭ ކޮންމެ ރައްޔިތަކަށް އޮންނާނެ. އެތާ ފުލުހުން ވަރަށް ސަމާލުކަންދީ ބަލަހަށްޓާ ކަމެއް އެއީ. ރާއްޖެ އައިސް، މާލޭގައި ކަފިހި ހުރަސް އަށް ދުއްވާ އެއްޗިއްސަށް ފުރުސަތު ނުދީ ދުވާތަން ފެނުމުން އަޅުގަނޑު ހައިރާންވި،" ލަންކާގައި ހަ އަހަރު ކިޔެވުމަށް ފަހު މިހާރު މާލޭގައި ވަޒީފާ އަދާ ކުރަމުންދާ މީހަކު ކިޔައި ދިނެވެ.

ލަންކާގެ ޓްރްފިކް ގަވައިދުގައިވާ ގޮތުން ޓްރެފިކް ގަވައިދުތަކާ ހިލާފު ވެއްޖެ ނަމަ އެންމެ ބޮޑު އަދަދަކަށް 25،000 ރުޕީސް (2،158 ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރެވެއެވެ.

ކަފިހި ހުރަސް މަތިން މީހަކު ހުރަސް ކުރަނީ: ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަމަށް ހާއްސަ ސަމާލުކަމެއްދީ ޖޫރިމަނާ ކުރާ ފީ ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީން ދިވެހީންގެ ގޮތް ދޫނުކުރުމުގައި ތިބެ، މިކަމުގެ ސަބަބުން މީހެއް ފުރާނަ ދަންދެން ގޮތްދޫނުކުރުމުގައި ތިބެން ވީތޯއެވެ. މިކަމުގެ ސީރިއަސްކަން އެނގޭނީ މީހެއްގެ ފުރާނަ ގޮސްގެން ތޯއެވެ.

އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ތުއްތު ޖިއާންގެ މަރު ފަދަ ހިތަމާވެރި ހާދިސާ އެއް ނުގަނީސް މިކަމުގެ ސީރިޔަސް ކަން ކޮންމެ ރައްޔިތަކުވެސް ދަންނަން އެބަ ޖެހެއެވެ. މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހޭލުންންތެރިވެ ތިމާ ތިމާގެ ފަރުދީ ޒިންމާ އަދާ ކުރަން ޖެހެއެވެ.

comment ކޮމެންޓް