ކަފިހި ހުރަސްމަތިން އެކްސިޑެންޓްވެ މީހެއްގެ ހާލު ސީރިއަސްވެއްޖެ

މާލޭ މަގެއްގެ މަތީ ހިނގާ މީހުން ކަފި ހުރަސް މަތިން ހުރަސް ކުރާނީ: ކަފި ހުރަސް މަތީ ހުރަސް މިރޭ ވަނީ އެކްސިޑެންޓެއް ހިންގައިފައި -- ސަން ފައިލް ފޮޓޯ

ސެނެހިޔާ ކައިރީ ކަފިހި ހުރަސްމަތިން އެކްސިޑެންޓެއްވެ މީހެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 6:24ގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ވަނީ، ކަފިހިހުރަސް މަތިން ދެ މީހަކު ހުރަސް ކުރަނިކޮށް އެތަނުން އެކެއްގެ ގައިގައި ކާރަކުން ޖެހި، އަދި އެ މީހާ ގޮސް ދެ ވަނަ މީހާގައި ޖެހި، ވެއްޓި ހިނގި ހާދިސާއަކާ ގުޅިގެން ކަމަށެވެ. ކާރުން ޖެހުނު މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެކްސިޑެންޓް ހިނގުމުގެ ސަބަބުން، އެމީހާ ގައިގައި ޖެހުނު މީހާ އަށް ސިރީއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"[ކާރުން ޖެހުނު މީހާ ދެވަނަ މީހާގައި ޖެހި] އޭނާ އަށް އަނިޔާވެފައި ވަނީ ސްޕީޑް ބްރޭކަރުގައި ޖެހިގެން. އޭނާގެ ބޮލަށް ވަނީ ސީރިޔަސް އަނިޠަކެއް ލިބިފައި،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އަނިޔާ ލިބިފައިވާ މީހާއަށް މީހަރު އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ފަރުވާދެމުން ދަނީ 45 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެމީހާގެ އޮތީ ހޭނެތިފަ އެވެ. އަދި އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.

މާލޭގައި ކަފިހި ހުރަސް މަތީ ހުރަސްކުރާއިރު، ގިނަ ފަހަރު ދުއްވާ އުޅަދުތައް ހިނގާ މީހުންނަށް ސަމަލުކަމެއް ނުދީ، ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ހިނގާ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް