އިރާގުން އެމެރިކާ ސިފައިން ބޭލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ޝެނެހަން އިޜާގުގައި

ބަޣްދާދު (ފެބްރުއަރީ 12) : އިރާގަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ދިފާއީ ވަޒީރުގެ ގާއިމް މަގާމުގައި ހުންނެވި ޕެޓްރިކް ޝެނަހާން އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ އާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ އިރާގުގައި ތިބި އެމެރިކާ ސިފައިން ބޭލުމާ ބެހޭ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާގުގައި އައިއެސް ޖަމާއަތް ބަލިކުރެވިފައިވާތީ އިރާގުން އެމެރިކާ ސިފައިން އެއްކޮށް ބޭލުމާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރައްވައިފަ އެވެ. ނަމަވެސް މިކަމުގައި ޓްރަމްޕް އަދި ގޮތެއް ނިންމަވާފައެއް ނުވެ އެވެ.

އިރާގުގެ އަވަށްޓެރި ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކުރެވިފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ސޫރިޔާ އިން އެމެރިކާ ސިފައިން ބޭލުމަށް މިދިޔަ ޑިސެމްބަރު މަހު ނިންމަވާފަ އެވެ. އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ އާ ބައްދަލުކުރެއްވުމަށް ފަހު ޝެނެހާން ވިދާޅުވީ އޭނާ އިރާގަށް ކުރައްވާ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އިރާގުގައި ތިބި އެމެރިކާ ސިފައިންގެ މުސްތަގްބަލާ ބެހޭ ގޮތުން އިރާގުގެ މަސްއޫލުވެރިންނާ މަޝްވަރާކޮށް އެމީހުން ބޭލުމާ ބެހޭ ގޮތުން ގޮތްތަކެއް ނިންމުން ކަމަށްވާތީ އެކަމާ ބެހޭ ގޮތުން އޭނާ އިރާގުގެ ބޮޑުވަޒީރާ މަޝްވަރާ ކުރެއްވި ކަމުގަ އެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިން މެދުވެރިކޮށް އީރާނަށް ޖާސޫސުކޮށް އީރާނުގެ އަސްކަރީ ހަރަކާތްތައް ބަލަން ގަސްދުކުރާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ދެއްވި ބަޔާނަކާ ގުޅިގެން އިރާގުގެ މަސްއޫލުވެރިން ވަނީ ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން އެމެރިކާއަށް ބަހުގެ ޙަމަލާތައް ދެއްވައި ވާހަކަ ދައްކަވައިފަ އެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވުމުން އިރާގުގެ ރައީސް ބަރްހަމް ސާލިޙް ވަނީ އިރާގުގެ ބިމުގައި ތިބޭ އެމެރިކާ ސިފައިން ބޭނުންކޮށްގެން އީރާނަށް ޖާސޫސުކޮށް އީރާނާ އަސްކަރީ ގޮތުން ކުރިމަތިލުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ. އިރާގުގެ ބިންބޭނުންކޮށްގެން އަވަށްޓެރި ގައުމަކާ ދެކޮޅަށް އެފަދަ އުދުވާނީ އަމަލެއް ހިންގުމަކީ އެމެރިކާ ސިފައިން އިރާގުގައި ބޭތިއްބުމަށް ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފު ކަމެއްކަމަށް ވެސް އިރާގުގެ ރައީސް ވިދާޅުވި އެވެ.

ޓްރަމްޕްގެ ބަޔާނަށް ރައްދު ދެއްވަމުން އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ ވަނީ ޓްރަމްޕް ވިދާޅުވި ކަންކަމަކީ އިރާގުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަތުން ކަމަށާ އެއީ އިރާގުގެ ބިމުގައި އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރުގެ ގާއިމް މަގާމުގައި ހުންނެވި ޝެނެހަން އިރާގަށް ވަޑައިގެންނެވީ އަފްޣާނިސްތާނުންނެނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް