އިންޑިއާ ވިސާ އެގްރިމެންޓަށް މާޗު 11ގައި އަމަލުކުރަން ފަށަނީ

އަބްދުﷲ ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން: ދެގައުމުގެ ދެމެދުގައި ވެފައިވާ ވިސާ އެގްރިިމަންޓަށް މާޗު މަހުން ފެށީގެން އަމަލުކުރުމަށް ވަނީ ނިންމާފައި --- ފައިލް ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރިމަންޓަށް އަންނަ މަހުން ފެށިގެން އަމަލުކުރުމަށް ނިންމައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ދެ ގައުމުގެ ރައޔްިތުންނަށް ފަސޭހަކަމާއެކު ދެގައުމު ދޭތެރޭގައި ދަތުރުފަތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އާ ވިސާ އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ދެ ގައުމުގެ ވިސާ އެގްރިމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއާތުތައް ފުރިހަމަކޮށް މިއަންނަ މަހު 11 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް އެއްބަސްވެ ދެގައުމު ދެމެދުގައި ރަސްމީ ލިޔުން ބަދަލުކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމަތުދެއެވެ.

އާ ވިސާ އެގްރިމެންޓަށް އަމަލުކުރަން ފެށުމާއެކު ބޭސްފަރުވާއަށާއި މަތީ ތައުލީމަށް އިންޑިއާއަށްދާ ދިވެހީންނަށް ވިސާ ލިބުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އެގޮތުން އިންޑިއާގައި ތައުލީމު ހާސިލުކުރާ ދަރިވަރުން އަހަރުން އަހަރަށް ވިސާ އާކުރަންޖެހޭ ޖެހުމުގެ ބަދަލުގައި ކޯހުގެ މުއްދަތަށް ވިސާ ލިބޭ ގޮތް ހަމަޖެހިގެން ދާނެއެވެ.

މީގެ އިތުރުން އިންޑިއާގައި ތައުލީމު ހާސިލުކުރާ ދިވެހީންގެ 18 އަހަރުން ދަށުގެ ދަރީންނާއި އުމުރުން ދުވަސްވީ މައިންބަފައިންނަށްވެސް ވިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެކަން އެނގިފައިވެއެވެ.

އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހީން އިންޑިއާއަށް ދަތުރުކުރާއިރު، އެންމެ ގިނައިން އިންޑިއާއަށް ދަނީ ބޭސްފަރުވާއާއި މަތީ ތައުލީމުގެ އިތުރުން ވިޔަފާރިއަށެވެ.

comment ކޮމެންޓް