ރާއްޖޭގައި ހުންނަވާ ޖަރުމަނުގެ އޮނަރަރީ ކޮންސުލް ކަމަށް ސަންޖޭ މަނިކު ހަމަޖައްސައިފި

ރާއްޖޭގައި ހުންނަވާ ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސަންޖޭ އިބްރާހިމް މަނިކު އައްޔަނުކުރަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހި ރާއްޖޭގައި ހުންނަވާ ޖަރުމަނު ވިލާތުގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ވިޔަފާރިވެރިޔާ ސަންޖޭ އިބްރާހިމް މަނިކު ހަމަޖައްސަވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސަންޖޭ މަނިކަށް އޮނަރަރީ ކޮންސުލްކަން ހަވާލުކުރެއްވިކަމުގެ ލިޔުން ހަވާލުކުރައްވާ ފޮޓޯއެއް އާންމުކުރައްވާފަ އެވެ. އެތަނުގައި ޖަރުމަނުން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖޯން ރޯޑްވެސް ހާޒިރުވެ ހުންނެވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ހިއްސާދާރެއް ކަމަށާއި މިދިޔަ އަހަރުގެ ޓޫރިސްޓު އެރައިވަލްސްގެ 8.9 ޕަސަންޓު ހިއްސާކުރީ ޖަރުމަނު ފަތުރުވެރިން ކަމަށެވެ.

އަދި ފަތުރުވެރިކަމާއި އިގްތިސާދީ އެހެނިހެން ދާއިރާތަކުން ޖަރުމަނާ ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ސަންޖޭ އިބްރާހިމް މަނިކަކީ ޔުނިވާސަލް އެންޓަޕްރައިޒެސްގެ ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުންނެވެ. އަދި ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓު ހިންގާ ރިއޯލޯ ގްރޫޕުގެ ޑިރެކްޓަރެކެވެ. އަދި އޮޕަރޭޝަންތައް ފަށާ ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން މަންތާ އެއާގެ މެނޭޖިންގް ޑިރެކްޓަރެވެ.

ސަންޖޭ މަނިކަކީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ހިންގާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރެވެ. އެ ކުންފުނީގެ ދަށުން ރާއްޖޭގެ ބައެއް އެހެން ރިސޯޓުތައްވެސް އޮޕަރޭޓުކުރެ އެވެ.

މީގެ އިތުރުން ސަންޖޭއަކީ ރާއްޖޭގައި ކޮކަކޯލާ އުފައްދާ މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ވެސް މެނޭޖިންގް ޑިރެކްޓަރެވެ.

comment ކޮމެންޓް