އެމެރިކާ ސަރުކާރު އަނެއްކާވެސް ބަންދު ކުރުން ހުއްޓުވުމަށް ކޮންގްރެސްއިން އެއްބަސްވުމަކަށް

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ ބޯޑަރުގައި ފާރެއް ރާނަން 5.7 ބިލިއަން ޑޮލަރު ބަޖެޓުގައި ހިމަނަން ދެކޮޅު ހަދާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ފެބްރުއަރީ 12): އެމެރިކާ ސަރުކާރުގެ ބޮޑު ބައެއް އަނެއްކާ ވެސް ބަންދު ކުރުން ހުއްޓުވުމަށް ޓަކައި އެ ގައުމުގެ ބަޖެޓާ ބެހޭ ގޮތުން ކޮންގްރެސްއިން އެއްބަސްވުމަކަށް އައިސްފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވި ގޮތުގައި އެއެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވަނީ އިއްޔެ ކޮންގްރެސްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. އަދި އެމަޝްވަރާތަކުގައި ޑިމޮކްރެޓިކް މެމްބަރުންނާއި ރިޕަބްލިކަން މެމްބަރުން ނިންމީ މެކްސިކޯ އާއި އެމެރިކާއާ ދެމެދު 88 ކިލޯ މީޓަރުގެ ފާރެއް ރާނަން 1.375 ބިލިއަން ޑޮލަރު ހާއްސަ ކުރުމަށެވެ.

އެއެއްބަސްވުމާ ބެހޭ ގޮތުން ދެން ކޮންގްރެސްގައި ވޯޓެއް ނަގާނެ އެވެ. އަދި ބަޖެޓު ފާސް ވާނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެބިލު ތަސްދީގު ކުރެއްވުމުންނެވެ.

ނަމަވެސް ރައީސް ޓްރަމްޕް ބޭނުންފުޅު ވަނީ 322 ކިލޯ މީޓަރުގެ ފާރަކަށް 5.7 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ 22ގައި އެމެރިކާގެ ސަރުކާރުގެ ގިނަ އޮފީސްތައް ބަންދުކުރީ ބޯޑަރު ފާރު ރާނަން އެހާވަރަށް ފައިސާ ބަޖެޓުގައި ހިމަނަން ޑިމޮކްރެޓިކް މެމްބަރުން ދެކޮޅު ހެއްދެވުމުންނެވެ.

އަދި ސަރުކާރުގެ ބަންދު ކުރިތާ 35 ދުވަސް ފަހުން އޮފީސްތައް ހުޅުވީ، މިމަހުގެ 15އާ ހަމައަށް ހަރަދު ކުރާނެ ބަޖެޓެއް ކަނޑައެޅުމަށް ފަހުގަ އެވެ. އެއީ އެމެރިކާގެ ތާރީހުގައި ވެސް އެގައުމުގެ ސަރުކާރު އެހާ ގިނަ ދުވަހަށް ހުއްޓުމަކަށް ގެނައި ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން އެގައުމުގެ އިގުތިސާދަށް 11 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ.

މީގެ ކުރިން އެމެރިކާ ސަރުކާރުގެ އޮފީސްތައް އެންމެ ގިނަ ދުވަސް ވަންދެން ބަންދު ކުރީ 1995 އާއި 1996އާ ދޭތެރޭ 21 ދުވަހަށެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ބިލް ކްލިންޓަން އެވެ.

comment ކޮމެންޓް