ރައީސް ސޯލިހުއާއެކު ކްރިކެޓު މެޗެއް ކުޅުމަށް ޔުވްރާޖާއި ހަރްބަޖަން ރާއްޖެއަށް

އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުގެ ދެ ކުޅުންތެރިން، ޔުވްރާޖް ސިންގްއާއި ހަރްބަޖަން ސިންގް ރާއްޖޭގައި ކުޅޭ ހާއްސަ މެޗަކަށް އައުމަށް ހަމަޖެހިއްޖެ -- ފޮޓޯ / ބީބީސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ހާއްސަ ކުރިކެޓު މެޗެއް ކުޅުމަށް އިންޑިއާގެ ގައުމީ ޓީމު ދެކުޅުންތެރިން ކަމަށް ވާ ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގް ހިމެނިގެން އެއާ އިންޑިއާގެ ކްރިކެޓް ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ ހުކުރު ދުވަހުގައި ރައީސް ސޯލިހުގެ ކެޕްޓަން ކަމުގެ ދަށުން ހޮވާލެވިފައިވާ ހާއްސަ ޓީމަކާއެކު އެ މެޗު ކުޅުމަށް ފަހު ރާއްޖޭގެ ގައުމީ ޓީމާއެކު ވެސް އެއާ އިންޑިއާގެ ޓީމު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުގެ ދެ ކުޅުންތެރިން، ޔުވްރާޖް ސިންގްއާއި ހަރްބަޖަން ސިންގް ރާއްޖޭގައި ކުޅޭ ހާއްސަ މެޗަކަށް އައުމަށް ހަމަޖެހިއްޖެ -- ފޮޓޯ / ބީބީސީ

ކުޅިވަރާ ބެހޭ މިނިސްޓްރީއާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކުވެސް މިފަދަ ހަރަކާތެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ކުޅޭ މެޗަކީ މިކަމުގެ ފެށުމެއްގެ ގޮތުގައި ކުޅެވިގެން ދާ މެޗުތަކެކެވެ.

ޔުވްރާޖާއި ހަރަބަޖަންއަކީ 2011 ވަނަ އަހަރު އިންޑިއާއިން ކުރިކެޓް ވޯލްޑް ކަޕު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވެގެންދާނީ ރާއްޖޭގައި ރާއްޖޭގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅޭ އެންމެ މަތީ ފެންވަރުގެ ދެ ކުޅުންތެރިންނަށެވެ.

ކުޅިވަރު އެކުވެނީގައި ކުޅުމަށް ހަމަޖެހިފައިވާ މި ހާއްސަ މެޗުގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލްގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ހިމެނެއެވެ.

comment ކޮމެންޓް