އެމެރިކާއިން ބައްވާ މަހާސިންތާގައި ބައިވެރި ނުވުމަށް ލުބްނާނުންވެސް ނިންމައިފި

ލުބްނާނާއި އީރާނުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ

ބައިރޫތު (ފެބްރުއަރީ 11): އެމެރިކާ އިސްވެ އޮވެގެން މި ހަފްތާގައި ޕޮލެންޑްގައި ބޭއްވުމަށް މަސައްކަތްކުރާ މެދުއިރުމައްޗާބެހޭ މަހާސިންތާގައި ބައިވެރިވުމަށް ލުބްނާނުންވެސް ދެކޮޅު ހަދައިފިއެވެ.

ލުބްނާނުގެ ޚާރިޖީ ވަޒީރު ޖުބްރާން ބާސީލް ވިދާޅުވީ އިސްރާއީލަކީ ލުބްނާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށްވާއިރު އިސްރާއީލު ހިމެނޭ ގޮތަށް އެ ބައްދަލުވުން ބާއްވާތީ އޭގައި ލުބްނާން ބައިވެރިނުވުމަށް ނިންމާފައިވާ ކަމުގައެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފްއާ ބައިރޫތުގައި ބައްދަލުކުރެއްވުމަށްފަހު ބާސީލް ވިދާޅުވީ އެމެރިކާ އިންތިޒާމުކުރާ މެދުއިރުމައްޗާބެހޭ މަހާސިންތާގައި ބައިވެރިވުމަށް ލުބްނާނުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ގިނަ ޕާޓީތަކުންވެސް ދެކޮޅު ހަދާކަމުގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ލުބްނާނުގެ މި ނިންމުމަށް ތައުރީފް ކުރައްވައި ލުބްނާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ލުބްނާނުގެ އިތުރުން ފަލަސްތީންވެސްވަނީ ޕޮލެންޑްގައި ބާއްވާ މެދުއިރުމައްޗާބެހޭ މަހާސިންތާ ބޮއިކަޓް ކުރުމަށް ނިންމައި އެކަން އެމެރިކާއަށް އަންގާފައެވެ. މިމައްސަލާގައި އެމެރިކާވަނީ ދެރަވާކަން ހާމަކޮށްފައެވެ.

ޕޮލެންޑްގައި ބާއްވާ މަހާސިންތާއަކީ ކުރިން ސީދާ އީރާނާ ދެކޮޅަށް ބޭއްވުމަށް އެމެރިކާ ޕްލޭންކުރި މަހާސިންތާއެކެވެ. ނަމަވެސް އީރާނާދެކޮޅަށް ބާއްވާ މަހާސިންތާއެއްގައި ބައިވެރިވުމަށް އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ބޮޑެތި ބާރުތައް ދެކޮޅު ހެދުމުން މަހާސިންތާ ފޭލްވެދާނެތީ އެމެރިކާވަނީ އެ މަހާސިންތާގެ ނަން ބަދަލުކޮށް އެއީ މެދުއިރުމައްޗާބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާއަކަށް ހަދާފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ފެށުމާބެހޭގޮތުން އެމެރިކާ އެކުލަވާލާއިވާ ޕްލޭންތައް އެމެރިކާގެ ރައީސްގެ އިސް މުސްތަޝާރު އަދި ޓްރަމްޕްގެ ދަނބި ދަރި ޖެރަޑް ކުޝްނާ އެމަހާސިންތާއަށް ހުށަހަޅުއްވާނެކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. ނަމަވެސް އެމަހާސިންތާގައި ފަލަސްތީނު ބައިވެރިނުވާތީ ފަލަސްތީން އިސްރާއީލާއި ފަލަސްތީނުގެ ސުލްހައާބެހޭ ކަމެއް ކާމިޔާބު ގޮތެއްގައި އެ މަހާސިންތާއިން ނުނިންމޭނެކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާ އިސްވެ އޮވެގެން ބާއްވާ މަހާސިންތާގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ހުރިހާ ކަމެއްގައި އެމެރިކާއަށް ބަރޯސާވާ ސިޔާސަތުތައް ގެންގުޅޭ އަރަބި ގައުމުތައް ކަމަށްވާ ސައޫދީ އާއި ގަތަރާއި ޔޫއޭއީ ފަދަ ގަލްފުގެ ގައުމުތަކުގެ އިތުރުން މިސްރާއި އުރުދުން ހިމެނެއެވެ.

ޔޫރަޕްގެ ދެކޮޅު ހެދުންތަކާ ގުޅިގެން ޕޮލެންޑްގެ މަހާސިންތާގައި އީރާނުގެ މައްސަލަ ހިމަނާފައިވަނީ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށް ވެއެވެ. ޔޫރަޕްގެ ގައުމުތަކުންވަނީ އީރާނާއެކު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުމަށް ބުރޫ އަރާފަދަ ކަމެއް އީރާނާ ދެކޮޅަށް ކުރުމުގައި އެމެރިކާއާ ބައިވެރި ނުވާނެކަމަށް ބުނެފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް