ބިދޭސީން ގެނައުމާ ގުޅޭ ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީ ދަށަށް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ސަން ފޮޓޯ/ އިބްރާހިމް މާހިލް މުހައްްމަދު

ބިދޭސީ މަސައްކަތްތެރީން ރާއްޖެ ގެނައުމާ ގުޅޭ، ބައެއް މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ބިދޭސީން ގެނައުމާ ގުޅޭ މަސައްކަތްތައް ކުރަމުން ދަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިދޭސީން ރާއްޖެ ގެނައުމަށް ހުއްދަ ދޫކުރުމުގެ ބައެއް މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް، އަންނަ މާޗު މަހުން ފެށިގެން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާ ބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީގެ ދަށަށް ބަދަލުކުރާ މަސައްކަތްތަކުގެ ތެެރޭގައި ރާއްޖެ އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވުމުގެ މަސައްކަތާއި ކޯޓާ ހަމަޖައްސައިދިނުމާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމާއި ޑިޕޮސިޓް ފީ ބަލައިގަތުމާއި ރިފަންޑުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިކަންކަން މިނިސްޓްރީން ފޯރުކޮށްދޭނެ ސީދާ ތާރީހެއް ފަހުން އާންމުކުރާނެ ކަމަށެވެ.

މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ފަދަ ގޮތަކަށް ހުއްދަ ދިނުމުގެ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހަފްތާގައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދުމަށްޓަކައި މާލޭގައި އޮޕަރޭޝަނެއް ހިންގާފައެވެ. ގަވައިދާ ހިލާފުވެގެން 69 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް