އެފްއޭއެމްގެ ޔޫތް ކޮންފަރެންސް މާދަމާ ފަށަނީ

އޭއެފްސީގެ ސީނިއާ ކޯޗު ނިހާދް ސޫގަރް -- ފޮޓޯ / އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ޔޫތް ކޮންފަރެންސް މާދަމާ ފަށާނެ ކަމަށް އެ އެސޯސިއޭޝަން އިން ބުނެފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ މި ކޮންފަރެންސް އަކީ ޔޫތު ޓީމްތަކުގެ ކޯޗުންނަށާއި، ކްލަބްތަކުގެ އެކެޑަމީ ތަކުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯޗުންނަށް އަމާޒު ކޮށްގެން ބާއްވާ ކޮންފަރެންސް އެކެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ މި މަހުގެ 12-13 ގެ ނިޔަލަށް މާލޭގައެވެ.

މި ކޮންފަރެންސް އަކީ މިގޮތަށް އެފްއޭއެމްއިން ބާއްވާ ފުރަތަމަ ކޮންފަރެންސްއެވެ. އެފްއޭއެމްއިން ފަހަކަށް އައިސް ގިނަ ޒުވާނުންތަކެއް ފުޓުބޯޅައަށް އަހުލުވެރި ކުރުމަށްޓަކައި އަންނަނީ ގިނަ ޕުރޮގްރާމްތަކެއް ހިންގަމުންނެވެ. އަދި ޒުވާނުންނަށް ހާއްސަ ކޮށްގެން ބާއްވާ ކޯސް ތަކުގައި ވަކި އުމުރު ފުރާއެއްގެ ބަޔަކަށް ކޯސްތަކުގައި ހިލޭ ބައިވެރި ވުމުގެ ފުރުސަތު އެފްއޭއެމް އިން ވަނީ ހުޅުވާލާފައެވެ.

މި ކޮންފަރެންސްގައި ހިންގާ ކޯހުގައި ބައިވެރިންނަށް ލެކްޗާ ދިނުމަށް ޓަކައި އޭއެފްސީގެ ސީނިއާ ކޯޗެއް ކަމަށްވާ ޖޯޑަންގެ މަޝްހޫރު ކޯޗު ނިހާދް ސޫގަރްވަނީ މިހާރު މާލެ އައިސްފައެވެ. ވޭތުވެ ދިޔަ މަހު އެފްއޭއެމްއިން ހިންގި "އޭ" ލައިސެންސް ކޯހުގައި ވެސް ނިހާދް ވަނީ ބައިވެރިންނަށް ތަމްރީން ދީފައެވެ.

ޔޫތް ކޮންފަރެންސްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ޔޫތު ޓީމްތަކުގެ ކޯޗުންނަށާއި، ކްލަބްތަކުގެ އެކެޑަމީތަކުގެ ކޯޗުންނަށެވެ. އަދި މިހަރަކާތުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ތަމްރީނުތައް ދިނުމަށް ބައިވެރިންނަށް އެނގިގެންދާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް