ކޮމަންވެލްތުގެ ވަފުދުން އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފި

ކޮމަންވެލްތުގެ ވަފުދުން އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުން --

ކޮމަންވެލްތުން މިހާރު ރާއްޖެއަށް ދަތުރު ކުރަމުންދާ ވަފުދުން، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކޮށްފި އެވެ.

ކޮމަންވެލްތުގެ ވަފުދެއް ރާއްޖެ އައިސްފައި މިވާނީ ރާއްޖެ އިން ކޮމަންވެލްތާ އަލުން ގުޅެން ނިންމުންނު، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހާލަތު ދެނެގަތުމަށެވެ.

އެގޮތުން އެވަފުދުން ބުރާސްފަތި ދުވަހު ވަނީ އުއްތަމަ ފަނޑިޔާރާވެސް ބައްދަލުކޮށްފައިއެވެ. މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމްކޯޓުގެ ހަތަރު ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމަންވެލްތުގެ ވަފުދުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސާރުކާރުގެ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަދި ސިޔާސީ ޕާޓީތަކާއެކުވެސް ވަނީ ބައްދަލުކޮށްފައެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބު އޮބްސާވް ކުރުމަށްވެސް އެ ޖަމާއަތުން ވަނީ ހުށަހަޅާފައެވެ.

ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ ޖަމާއަތުން ރާއްޖެ ވަކިވެފަ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރާއްޖެ އިން އަލުން ކޮމަންވެލުތުގައި ގުޅުމަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް