ކޮމަންވެލްތާ އަލުން ގުޅުމުން އިޖްތިމާއީ ރޮނގުން އެހީލިބޭނެ: ޝިދާތާ

ކޮމަންވެލްތުގެ ވަފްދު ޖެންޑާ މިނިސްޓަރު ޝިދާތާ އާ ބައްދަލު ކުރެއްވުން -- ފޮޓޯ: ޖެންޑާ

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން އިޖްތިމާއީ ރޮނގުންނާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބާޝިޕް ދިނުމާ ގުޅޭ އެސެސްމަންޓް ހެއްދެވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމާ ބައްދަލު ކުރައްވައި ޝިދާތާ ރޭ ވިދާޅުވީ ރާއްޖެ އިން އޮތީ ކޮމަންވެލްތާ އަލުން ގުޅެން ތައްޔާރަށް ކަމަށެވެ. މި ސަރުކާރުގެ ވިސްނުން ހުރީ ބައިނަލްއަޤުވާމީ ދުނިޔެއާ އެކު ގާތް ގުޅުމެއް ބާވައިގެން މަސައްކަތް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝިދާތާ ވަނީ ކޮމަންވެލްތުން ރާއްޖޭގެ ތަރައްޤީއަށް ވެދީފައިވާ އެހީތައް ފާހަގަކުރައްވައިފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ހާޢްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށާއި އިޖުތިމާއީ ދާއިރާ އިން މިނިސްޓްރީ އިން ކުރަމުން ގެންދާ މަސައްކަތްތައް ކޮމަންވެލްތުގެ ޓީމާ ހިއްސާ ކުރައްވައިފަ އެވެ. އެ ގޮތުން ސިޔާސަތުތައް އެކަށައެޅުމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯއްދުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓަރު ހިއްސާ ކުރެއްވި އެވެ.

މީގެ އިތުރުން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ނިސްބަތް މި ވަގުތު އޮތް މިންވަރު އޮޅުންފިލުއްވައިދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ އިތުރުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ އަންހެނުންނާއި ޕާޓީތަކުގެ ޕްރައިމެރީތައް ކާމިޔާބުކުރާ އަންހެނުންގެ އަދަދު މަދުކަން ފާހަގަކުރައްވައި، އެ ކަމާ ކަންބޮޑުވާ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.

comment ކޮމެންޓް