ރަނގަޅު ޖީލެއް ބިނާކުރެވޭނީ އީމާންކަން ހަރުދަނާވެގެން: ޚުތުބާ

އީމާންކަން ހަރުދަނާކުރުމުގައި ބެލެނިވެރިންގެ ރޯލުގެ މުހިއްމުކަމުގެ މައްޗަށް ހުތުބާގައި އަލިއަޅުވާލި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަނގަޅު ޖީލެއް ބިނާކުރެވޭނީ އީމާންކަން ހަރުދަނާ ކުރެވިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އިއްވި ހުތުބާގައި ބުނީ ދަރިވަރުންގެ ސިކުނޑިތައް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު އެއް ކަންތައް ދޫކޮށްލެވިފައި އޮންނަ ކަމަށާއި އެ ކަމަކީ ކުދިންނަށް އިސްލާމީ އަގީދާ އާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަގީދާ އަކީ އީމާންކަމުގެ އަސާސް ކަމަށާއި އެ އަސާސުގެ މައްޗަށް ދަރިން ތަރުބިއްޔަތުކުރެވިގެން ނޫނީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި އަގީދާ ސައްހަނުވާނަ އެއްވެސް އަމަލެއްވެސް ސައްހަ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ ސައްހަ އަގީދާ އަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ވެސް ނުކުރާނެ ކަމަށެވެ.

ފަރުލު ފަސް ނަމާދާއި ދީނުގެ އެހެން އަޅުކަންތައް އަދާކުރުމުގެ ކުރިން އަގީދާ ރަނގަޅުކުރުމަށް ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ޣައިރު މުސްލިމަކު ކިތަންމެ ހެޔޮއަމަލެއް ކުރިނަމަވެސް އެނާގެ އެ އަމަލުތަކުން ގިޔާމަތް ދުވަހު އެއްވެސް މަންފާއެއް ނުކުރާނެ ކަމަށާއި މުސްލިމެއްގެ ގޮތުގައި ހުރެ ގިޔަ ހެޔޮއަމަލުތަކެއް ކުރުމަށްފަހު މާތްﷲ އަށް ޝަރީކުކޮށްފިނަމަ އޭނާގެ ހެޔޮ އަމަލުތައް ބާތިލްވާނެކަމަށް ވެސް ހުތުބާ ގައި ބުންޏެވެ.

އިސްލާމީ ރަަނގަޅު އަގީދާގެ ސަބަބުން އިންސާނާ އަށް މެދުވެރިވާ ކަންތަކުގައި ކަންބޮޑުވުމާއި ހިތްނުތަނަވަސް ވުމާއި މާޔޫސްވުން ފަދަ ކަންތައްތަކުން ދުރުކޮށްދޭނެ ކަމަށް ހުތުބާގައި ބުންޏެވެ. ސައްހަ އަގީދާއެއްގެ ވެރިއަކަށް ނުވާ ނަމަ، އެމީހަކަށް ނަފްސާނީ މައްސަަލަތައް ކުރިމަތިވެ، ހިތްހަމޖެހުން ނުލިބުމަކީ ނާދިރުކަމެއް ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ.

އަމިއްލަ ނަފްސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންތަކަށް މިހުން އަރައިގަންނަނީ ގަޟާ ގަދަރަށް އީމާންނުވާތީ ކަމަށާއި އެފަދަ މީހުން އަބަދުވެސް ބަލާނީ އަމިއްލަ ނަފްސަށް ކަމަށް ހުތުބާގައި ބުންޏެވެ.

ދަރިންނަށް އިސްލާމީ އަގީދާ ރަނގަޅަށް ކިޔައިދީ އޮޅުންފިލުވައިދިނުމަށް ބެލެނިވެރިންނަށް ހުތުބާގައި އިލްތިމާސް ކުރި އެވެ.

comment ކޮމެންޓް