ކޮމަންވެލްތުގެ ވަފުދެއް ރައީސްއާ ބައްދަލުކުރައްވައިފި

ކޮމަމްވެލްތުގެ ވަފުދެއް ރައީސް ސޯލިހްއާ ކުރެއްވި ބައްދަލުވުމުގެ ތެެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިހާރު ރާއްޖެ އައިސްގެން އުޅޭ ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހް ވަނީ ކޮމަންވެލްތާއި އަލުން ގުޅުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ކޮމަންވެލްތާ ގުޅުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވަޢުދުކަމުގައި ފާހަގަކުރައްވާފައެވެ. އަދި އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގައި ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރާއްވައިފައެވެ.

އަދި އެ ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ އުސޫލަށް ތަޢުރީފުކުރައްވައިފައެވެ.

ކުރީ ސަރުކާރުން ކޮމަންވެލްތުން ވަކިވި ނަމަވެސް އާ ސަރުކާރުން ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް އެދި ހުށަހަޅައިފައެވެ. އަދި ދާދި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އިނގިރޭސިވިލާތަށް ވަޑައިގެން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާވެސް ބައްދަލުކުރައްވައިފައެވެ.

ކޮމަންވެލްތާ އަލުން ގުޅުން ގާއިމްކުރުމުގެ ފުރަތަަމަ މަރުހަލާގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އޮބްޒާވަރެއްގެ ދައުރު އަދާކުރުމަށް ބޭނުންވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެެވެ.

comment ކޮމެންޓް