ބައްޔެއް ނެތި މަރުވާ މީހުން ގިނަވުން

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުކުރެވިގެން ފުރޮޅާލާފައި-- ފޮޓޯ: ޝަފީއު

ފަހަކަށް އައިސް ރާއްޖޭގައި އާދަޔާއި ޚިލާފު ގޮތް ގޮތަށް، ބައްޔެެއް ނެތި މަރުވާ މީހުންގެ އަދަދު ވަރަށް ގިނަ ވެއްޖެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުއްލި މަރު ގިނަވެއްޖެ ކަމަށް މިހާރު ފާހަގަ ކުރެވެނީ ކުރިއަށް ވުރެ ބޮޑަށް ރާއްޖޭގައި މުއާޞަލާތީ ޚިދުމަތްތައް ރަނގަޅު ވެފައި، ހަލުއި ވެފައި، ޚަބަރު ފެތުރުން އަވަސް ވީމަ އެވެ. އަދި ބައެއް ތަންތަނުން ޚަބަރާއި މަޢުލޫމާތު ދިނުމުގައި ތަންކޮޅެއް ބޮޑަށް ހުޅުވިފައި އޮންނަ ސިޔާސަތެއް ގެންގުޅެނީ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ބައެއް މީހުންގެ ނަޒަރުގައި މި ކަންތައްތަކަކީ ކުރިން ވެސް ހިނގާ ކަންތައްތަކެވެ. ޚަބަރު ނުފެތުރެނީ އެވެ.

ކުއްލިއަކަށް މަރުވާ ބައެއް މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކައިރީގައި ތިބޭ މީހުންނަށް ވެސް އެއްވެސް ކަމެއް ކޮށްދެވެން ނުއޮންނާނެ ފަހަރު ފަހަރު އަންނާނެ އެވެ. ކުއްލިއަކަށް ބޮޑު ހާރޓް އެޓޭކެއް ޖެހިފައި، ޑަކްޓަރަށް ގެންދިއުމުގެ ކުރިން މީހާ މަރުވާ އިރު ކައިރީ ގައި ތިބި ބަޔަކަށް ވެސް އެއްވެސް ކަމެއް ކުރެވޭޭނެ ފުރުޞަތެއް ނުއޮންނާނެ އެވެ. ކޮންމެ އަކަސް ފަހަކަށް އައިސް ރާއްޖޭގައި، ތަފާތު ސަބަބުތަކާއި ހުރެ، ތަފާތު ގޮތް ގޮތަށް ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ އެވެ. އެކަނިވެރި ދިރިއުޅުމެއް އުޅޭ އުމުރުން ދުވަސްވީ މީހެއް މަރުވެފައި އޮއްވައި ފެނުމުން، އެމީހެއްގެ ޖަނާޒާ ބާއްވާ ހިސާބުން އެކަން ނިންމާލުމަކީ އޯގާތެރިކަމާއި، އަޅާލުމުގެ މިންގަނޑަކުން ބަލާލާ އިރު އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެ ހިސާބަށް ކަންތައް ދިޔަ ގޮތް ބަލާލުން ރަނގަޅެވެ. އެެކަހަލަ ޙާދިސާތައް މުސްތަޤްބަލުގައި ކުރިމަތި ނުވޭތޯ ބެލުމަށެވެ. މިބާވަތުގެ ކަންތައްތައް ބަލައި ދިރާސާ ކުރާ ސަރުކާރުގެ މުއައްސަސާތައް ވެސް ހުރެ އެވެ. އެއް ތަނަށް ވުރެ ގިނަ ތަންތަނުން މި ވައްތަރުގެ މައްސަލަތައް ބަލަ އެވެ. އަދި މި ބާވަތުގެ ކަންތަކަށް ޝަޢުޤު ނަގާ އިޖްތިމާޢީ ޚިދުމަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމުޢިިއްޔާތައް ވެސް ހުރެ އެވެ. މަރުވި ގޮތުގެ އަސްލާ ހަމައަށް ދެވިއްޖެ ނަމަ އެކަހަލަ ޙާދިސާތައް މަދު ކުރެވޭތޯ ބެލުމަށް ދުރާލާ ކޮންމެވެސް މަސައްކަތްތަކެއް ކުރުމު ގެ ފުރުޞަތު އޮންނާނެ އެވެ.

މަގުމަތީގެ އެކްސިޑެންޓުތަކުން މީހުން މަރުވުމަށް ވެސް ހުއްޓުމެއް ނާދެ އެވެ. އަޅުގަނޑު މިދަންނަވަނީ އެކްސިޑެންޓު ވާ ކޮންމެ ފަހަރަކު މީހަކު މަރުވާ ވާހަކަ އެއް ނޫނެވެ. އެހެންނަމަވެސް އެކްސިޑެންޓުތަކުގެ ސަބަބުން ގެއްލުންވާ މީހުން ހޮސްޕިޓަލަށް ގެންދާ ވާހަކަ އަކީ ޢާއްމު ވާހަކަ އެވެ. އައްޑޫ ސިޓީގެ ލިންކް ރޯޑްގައި ހިނގާ އެކްސިޑެންޓުތައް މަދު ކުރެވޭނެ ގޮތެއް ނުވެ އެވެ. މާލޭގެ ރިންގް ރޯޑު ވެސް އެކްސިޑެންޓުން ރައްކާތެރި ތަނަކަށް ނުހެދުނެވެ. ހުޅުމާލޭ އަށް ދަތުރުކުރަން އޮންނަ ފާލަމަކީ ރައްކާތެރި ކަމާ އެކު ދަތުރުކުރެވޭ ފާލަމަކަށް ވެސް ނުހެދުނެވެ. މި ދައްކަނީ ދޮޅު ކިލޯ މީޓަރުގެ ދިގު މިން ނެތް ފާލަމެއްގެ ވާހަކަ އެވެ. މީގެ ދެތިން ހަތަރު ރޭގެ ކުރިން، ފާލަން މަތީގައި އުޅޭ ފުރޭތަތައް ފެނުމުގެ ނަސީބު އަޅުގަނޑަށް ވަނީ ލިބިފަ އެވެ. ހަތަރު ފުރޭތަ ދުއްވީ ހަތަރު މޮޓަރސައިކަލެވެ. ފަހަތުގައި ވެސް އިތުރު ފުރޭތަ އެއް އިނެވެ. ގިނަ ފުރޭތައިގެ ބޮލުގެ އިސްތަށިގަނޑު ވަރަށް ދިގެވެ. މޮޓަރސައިކަލް ފާލަން މައްޗަށް ހުއްޓާފައި ހަޅޭލަވާ ފައި ފާލަން މަތީގައި ނަށަން ފެށީ އެވެ. އެ ނެށުމާއި އެންމެ ވައްތަރުވަނީ ފިލްމް "މުޙައްމަދުއް ރަސޫލުﷲ"ގައި ޤާރޫނުގެ ކުރިމަތީގައި ނެށި ނެށުމާ އެވެ. އެ ފުރޭތައިން ނަކީ މޫމިނު ފުރޭތައިންނަށް ވީތީވެ، އެއްވެސް މީހަކަށް ގެއްލުމެއް ނުދީ ހެމުން ހެމުން އޭތީގެ ސައިކަލުގައި މާލެ އަށް އެރީ އެވެ. އެހެންނަމަވެސް އެ ގޮތަށް ނަށަނިކޮށް ފުރޭތައިންނަށް ހިތާމަވެރި ޙާދިސާއެއް ކުރިމަތި ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ފުރޭތައިންގެ ފާލަން މަތީގައި ނެށުމުގެ ދުވަސް ވެސް ނިމުމަކަށް އަންނަނީ އެވެ. ފާލަން މަތީގައި ބަހައްޓާ ކެމެރާ ހެދުމަށް އޯޑަރު ދީ ފައި ވާތީވެ އެވެ.

ރާއްޖެ އަކީ ފަތުރުވެރިކަމުގެ ޤައުމެކެވެ. ފަތުރުވެރިކަމަކީ ވަރަށް ނާޒުކު ޞިނާޢަތެކެވެ. ތިމާގެ ބާރު ނުފޯރާ ހިސާބުގައި ހިނގާ ކަމަކުން ވެސް މުޅި ޞިނާޢަތު ހަލާކު ވެގެން ހިގައިދާނެ އެވެ. ހަމަ އެގޮތަށް ރާއްޖެ އާ ބެހޭ ގޮތުން ފެތުރޭ ފަތުރުވެރިން ޖެހިލުންވާ ފަދަ ޚަބަރަކުން ވެސް ފަތުރުވެރިކަމަށް ލޮޅުން އަރާ ފާނެ އެވެ. ފަހަކަށް އައިސް ރާއްޖޭގައި އާދަޔާ ޚިލާފް ގިނަ އަދަދަކަށް ފަތުރުވެރިން މޫދުގައި މަރުވުމުގެ ހާދިސާތައް ހިނގަ އެވެ. މިކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ އިހުމާލެއް އޮންނަ ކަމުގައި ބެލުމުގެ ފުރުޞަތު ވެސް އެބައޮތެވެ. ރާއްޖެ އާއި ފަތުރުވެރިކަމުގެ ވިޔަފާރީގައި ވާދަ ކުރާ ޤައުމަކުން ފަތުރަފާނެ ފަތުރުވެރިން ބިރުގަންނަ ފަދަ، ރާއްޖެ އާ ބެހޭ މަޢުލޫމާތަކުން ރާއްޖެ އަށް ފަތުރުވެރިން އައުމަށް ޖެހިލުން ވެދާނެ އެވެ. އެންމެ ކުޑަ މިނުން ބަލާ ބެލުމަށް ރައްކާތެރި މާހައުލެއް ފަތުރުވެރިންނަށް ގައިމު ކޮށްދޭން ޖެހެ އެވެ. ފަތުރުވެރިން މޫދުގައި މަރުވާ އަދަދު ގިނަވާން ފެށުމުން ފަތުރުވެރިކަމާ ބެހޭ އޮފީހުން ޢާއްމު ކުރި ޚަބަރެއްގައި ބުނަނީ ވަރަށް އަވަހަށް ރިޒޯޓުތައް ޗެކް ކުރަން ފަށާނެ ކަމުގަ އެވެ. ރިޒޯޓުތައް ޗެކް ކުރުމާއި މޫދުގައި ފަތުރުވެރިން މަރުވުމާ ހުރި ގުޅުމެއް ދަންނަވާކަށް ނޭނގެ އެވެ. ރިޒޯޓުތައް ޗެކް ކުރަން ފެށުމުގެ ކުރިން މޫދަށް އެރޭ ފަތުރުވެރިންގެ ރައްކާތެެރިކަމާ ބެހޭ ގޮތުން ހަރުދަނާ ޤަވައިދެއް ހެދެންވީ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި އެ ޤަވައިދު ތަންފީޒު ކުރަން މަޖުބޫރު ކުރަންވީ އެވެ. މިކަހަލަ ޤަވައިދެއް ހަދާ އިރު ފަތުރުވެރިކަމުގެ މަސައްކަތް ކުރެވޭ ހުރިހާ ރަށެއްގެ އޮއި ދެމޭ ގޮތް އެގެން ބޭނުން ވާނެ އެވެ. އޮއި ބާރު ސަރަހައްދުގައި ފަތުރުވެރިން މޫދަށް އެރިއުޅުން މަނާކުރެވޭ ނިޝާންތައް ހަރުކުރެވިފައި ހުންނަންވީ އެވެ. އަދި އޭގެ އިތުރަށް އެތަން ބަލަހައްޓާނެ ގާޑެއް ވެސް ހުންނަން ވީ އެވެ. އެފަދަ ގާޑެއް ދޭ މަޢުލޫމާތުގެ އަލީގައި ސަލާމަތީ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް އޮންނަން ބޭނުން ވާނެ އެވެ. ރަށް ރަށުގައި ހިންގާ ގެސްޓު ހައުސްތަކުން ނެގޭ ފީ އަކުން ޚަރަދު ކޮށް ގެން ކުރިން ދެންނެވުނު ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅު މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެޅިދާނެ އެވެ. ފަތުރުވެރިކަމާ ބެހޭ އޮފީސް ވާން ވާނީ ދުރު ފެންނަ މަގު ދައްކައިދޭ ތަނަކަށެވެ. ރިޒޯޓެއް ހިންގުމުގެ ކޫސަނި ކަންތަކާ ބެހޭ އޮފީހަކަށް ނޫނެވެ.

ފީނަން ގޮސް ގެން މަރުވާ މީހުން ވެސް ވަރަށް ގިނަ އެވެ. މި ގޮތަށް އިވޭ މަރުގެ ފަހަތުގައި ގިނަ ފަހަރަށް އޮންނަނީ ފަރުވާ ކުޑަ ކަމާއި ނޭގުމެވެ. ބައެއް މީހުންނަށް ފީނާފައި މައްޗަށް އަރަން ޖެހޭ ގޮތް ވެސް ނޭގޭ ކަމުގައިވެ އެވެ. އަޅުގަނޑު މިދަންނަވަނީ މަސްވެރިކަމުގައި އެން ދަމަން، މަސް ހިފަން ފީނާ މީހުންގެ ވާހަކަ އެެވެ. ފީނާ މީހުންގެ އަމިއްލަ ބައެއް ކުންފުނިތަކުން އެމީހުން އަމިއްލަ އަށް ބައެއް އަތޮޅުގެ ބައެއް ރަށްރަށުގައި ފީނުމުގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ކޮންމެވެސް މިންވަރެއްގެ ތަމްރީނުތަކެއް ދޭ ކަމުގައިވެ އެެވެ. އެކަމަކު އެއީ އަމިއްލަ ބަޔަކު އެ މަސައްކަތް ދެކެ ވާ ލޯބިން ކޮށްދޭ ކަމެއް ކަމުގައިވެ އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން މުޅި ރާއްޖޭގައި މަދުވެގެން އަހަރަކު އެއްފަހަރު ތަފާތު ފަރާތްތަކާ ގުޅިގެން މިފަދަ ތަމްރީނުތައް ބޭއްވޭތޯ މަސައްކަތް ކުރަންވީ އެވެ. މިފަދަ ތަމްރީނު ތަކަށް ބޭނުންވާ ފައިސާ ވަރަށް ފަސޭހަކަމާ އެކު ބޭރުގެ އޭޖެންސީ އަކުން ވެސް ލިބިދާނެ އެވެ. އަދި މިކަހަލަ ކަންތައްތައް ރަނގަޅު ކުރުމަށް ބޭނުންވާ ރާއްޖޭގެ ބައެއް ފަރާތްތަކުން ވެސް ކޮންމެ ވެސް ވަރަކަށް ޚަރަދު ކުރުމަށް ތައްޔާރު ވެދާނެ އެވެ. ބޭނުންވާނީ ކޮންމެވެސް ފަރާތެއްގެ އިސް ނެގުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރައްކާތެރި ކަމަށްޓަކައި ވެސް ރާއްޖޭގައި ކުއްލިއަކަށް މަރުވާ މީހުންގެ ނުވަތަ ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ އޮޓޮޕްސީ ރާއްޖޭގައި ހެދޭނެ ނިޒާމެއް އަވަހަށް ގައިމުކުރަން ވެއްޖެ އެވެ. އެންމެންގެ ރައްކަލަކަށް ޓަކަ އެވެ. ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ވެސް މިއީ ކުރަން ވެއްޖެ ކަމެކެވެ. އެތައް ބިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހޮސްޕިޓަލެއް އިމާރާތް ކުރާ ޤައުމެއްގައި އޮޓޮޕްސީ ހެދޭނެ ނިޒާމެއް ގައިމު ކުރުމަކީ އުނދަގޫ ކަމަކަށް ވެގެން ނުވާނެ އެވެ.

comment ކޮމެންޓް