ކޮމަންވެލްތުން ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފި އެވެ.
މިއަދު އިލެކްޝަންސް ކޮމޮޝަންގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުން ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުން އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބު އޮބްޒާވުކުރުމަށް އެދިވަޑައިގެންވި ކަމަށެވެ. އަދި އެ ފުރުސަތު ކޮމަންވެލްތަށް ދެއްވާނެ ކަމަށް އެބޭފުޅުންނަށް ދެންނެވި ކަމަށް އަކްރަމް ވިދާޅުވި އެވެ.
މީގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު، ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އަކްރަމް ވިދާޅުވި އެވެ.
ކޮމަންވެތުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވު ކުރުމަށް އެދިފައިވާ އިރު، މީހާރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫރަޕްގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންވެތުގެ ސެކްޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑާ ވަނީ އިންތިހާބު އޮބްސާވް ކުރަމަށް އެ ޖަމާއަތުން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މިއީ މި އިންތިހާބު އޮބްޒާވް ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ބޭރުގެ ފުރަތަމަ ޖަމާއަތެވެ.
ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ ޖަމާއަތުން ރާއްޖެ ވަކިވެފަ އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރާއްޖެ އިން އަލުން ކޮމަންވެލުތުގައި ގުޅުމަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ.