ފަރަންސޭސިވިލާތުން މެދުއިރުމަތީގައި އަދާކުރަނީ ފަނާކުރަނިވި ދައުރެއް: އީރާން

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް

ތެހެރާން (ޖަނަވަރީ 27): މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށް އީރާނުން ފަރަންސޭސިވިލާތަށް ގޮވާލައިފިއެވެ.

ލީބިޔާއާއި ސޫރިޔާ ފަދަ ގައުމުތަކުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރުދީގެން އެގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށް ފަރަންސޭސިވިލާތުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ފަރަންސޭސީންގެ ސިޔާސަތަކީ އަބަދުވެސް މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދައި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ސިޔާސަތެއް ކަމަށާ ޚާއްސަކޮށް ލީބިޔާ ނާކާމިޔާބު ސްޓޭޓަކަށް ބަދަލުވެގެން ދިޔުމުގައި އެގައުމުގެ ވާދަވެރި ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން ފަރަންސޭސިވިލާތުން އަދާކުރި ނުބައި ދައުރު ފާހަގަކޮށްލެވޭ ކަމަށް ބުނެފައިވެއެވެ.

އަދި އިސްރާއީލުން ފަލަސްތީނުގައި ގެންގުޅޭ އިސްތިއްމާރީ އަދި ލާއިންސާނީ ސިޔާސަތުތަކަށް ތާއީދުކޮށް އިސްރާއީލުގެ އަނިޔާވެރިކަން ދިފާއުކުރުމުގައި ފަރަންސޭސިވިލާތުން އަދާކުރާ ދައުރުވެސް ކުށްވެރިކޮށްފައިވެއެވެ. މިގޮތުން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނާއި ލުބްނާނުގެ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ސިފަކޮށް އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ފޮރުވުމުގައި ފަރަންސޭސި ސަރުކާރުން އަދާކުރާ ދައުރުގެ ނުރައްކާތެރިކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޔަމަންގެ ހަނގުރާމަ ދިގުދެމިގެން ދިޔުމުގައި ފަރަންސޭސި ސަރުކާރުން ޔޫއޭއީއާއި ސައޫދީއަށް ވިއްކަމުން ދާ ހަތިޔާރު މުހިއްމު ދައުރެއް އަދާކުރާއިރު ސޫރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފަރަންސޭސިވިލާތުން ހަތިޔާރު ފޯރުކޮށްދީ ސޫރިޔާގައި ހަމަނުޖެހުން އުފައްދަން ފަރަންސޭސި ސަރުކާރުން އަދިވެސް މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ސޫރިޔާގެ ހުއްދައަކާ ނުލައި ފަރަންސޭސި ބާރުތައް ގާނޫނާ ޚިލާފަށް ސޫރިޔާގައި ބައިތިއްބާ މައްސަލަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީރާނުން ފަރަންސޭސިވިލާތުގެ މައްޗަށް މި ތުހުމަތުތައް ކޮށްފައި މިވަނީ އީރާނުން ކުރިޔަށްގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލަންޖެހޭ ކަމަށާ އެކަމުގައި އީރާނުގެ އެއްބާރުލުން ނުލިބޭނަމަ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށްބުނެ ފަރަންސޭސި ޚާރިޖީވަޒީރު ޖީން އީވް ލޮދްރިޔާން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ފަރަންސޭސި ޑިޕްލޮމެޓުންގެ ބައްދަލުވުމެއްގައި ލޮދްރިޔާން ވިދާޅުވެފައިވަނީ އީރާނުން އުފައްދާ މިސައިލާއި ރޮކެޓް މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ލިބެމުންދާތީ އީޜާނުގެ މިސައިލް ޕްރޮގްރާމަކީ ހުއްޓާލަންޖެހޭ ޕްރޮގްރާމެއް ކަމުގައެވެ.

މިއީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނާއި ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭ މައްސަލައަށް އިޝާރާތް ކުރައްވައި ލޮދްރިޔާން ދެއްކެވި ވާހަކަތަކެއް ކަމަށްވަނީ ބެލެވިފައެވެ. އީރާނުންވަނީ އެގައުމުން ކުރިޔަށްގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. ފަރަންސޭސިވިލާތްފަދަ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާއި އިސްރާއީލުން މިސައިލް އުފައްދާއިރު އީރާނަށް އެކަން ނުކުރެވެންވީ ސަބަބަކާމެދު އީރާނުގެ މަސްއޫލުވެރިން ސުވާލުކުރައްވައެވެ.

އެހެންކަމުން މިސައިލް ޕްރޮގްރާމާމެދު އެއްވެސް ގައުމަކާ ވާހަކަ ނުދެއްކުމަށް އީރާނުންވަނީ ނިންމާފައެވެ. އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވެސް ހިމެނޭ ކަމެއް ނޫންކަމުން އެ ޕްރޮގްރާމާމެދު ވާހަކަދައްކަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވަން އެމެރިކާއާއި ފަރަންސޭސިވިލާތްފަދަ ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަނީ އިސްރާއީލުގެ ދިފާއުގައި ކަމަށް އީރާނުން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް