ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

މާރިޔާ އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު--- ފޮޓޯ: މާރިޔާ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރަމަލާ ސިތަރަމަންއާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު މާރިޔާ ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އިންޑިއާއަށް މާރިޔާ މިހާރު ކުރައްވަމުން ގެންދަވާ މިއަދު ވަނީ އިންޑިއާއާ ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގައި މަރު މީހުންގެ ހަނދާނުގައި ހަދައިފައިވާ ހަނދާނީ ބިނާއަކަށްވެސް ޒިޔާރަތްކުރައްވައިފައެވެ.

މާރިޔާގެ ދަތުރާ ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުން ބުނީ އެ ދަތުރުގައި އިންޑިއާ އިން ރާއްޖޭގައި ގާއިމްކުރަން އުޅޭ ކޯސްޓަލް ސަވައިލަންސް ރާޑާ ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރަން ބާރުއަޅާނެ ކަމަށެވެ.

އިންޑިއާ އިން މިހާރު ވެސް ރާއްޖޭގައި ދެ އަސްކަރީ ހެލިކޮޕްޓަރު ބޭނުންކުރަމުންދާތީވެ، އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެކަމަށް ރައްދު ދެއްވައި މާރިޔާ ކުރިން ވިދާޅުވީ އެ ހެލިކޮޕްޓަރަކީ އިންޑިއާއިން ރާއްޖެއަށް ދިން ހަދިޔާއެއް ކަމަށެވެ. އަދި ހަދިޔާއެއް އަނބުރާ ފޮނުވާލުމަކީ ރާއްޖޭގެ ސަގާފަތެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.

ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއާ އިންނެވެ. އެކަމަކު ފުރަތަމަ އެއްބަސްވީ އަހަރު ދުވަހުގެ ތެރޭގައި ދިވެހިން ތަމްރީންކޮށް ދިވެހިންނާ ދެ ހެލިކޮޕްޓަރު ހަވާލު ކުރުމަށެވެ. ނަމަވެސް އެކަމެއް އިންޑިއާއަކުން ނުކުރެ އެވެ.

comment ކޮމެންޓް