އަވައްޓެރިން ދެކެ ލޯބިވުން

ވީއައިއޭގައި އަލަށް އަޅާ ރަންވޭގައި ތާރުއަޅައި ނިންމާފައި -- ފައިލް ފޮޓޯ/ވީއައިއޭ

ތިމާގެ އަވަށްޓެރިން ދެކެ ލޯބިވުމަކީ ރަނގަޅު ކަމެކެވެ. ހުރިހާ ދީނެއްގައި ވެސް އަދި ހުރިހާ މަޒްހަބެއްގައި ވެސް އަވައްޓެރިންނަށް ރަނގަޅަށް ކަންތައް ކުރުމަކީ ރިވެތި އަޚްލާޤް ކަމުގައި ބެލެވެ އެވެ. އަވައްޓެރިން ފެށެނީ ތިމާ ދިރިއުޅޭ ގޭގެ ކައިރީގައި ހުންނަ ގެތަކުގައި ދިރިއުޅޭ މީހުންނާ ހިސާބުންނެވެ. އެހެން ގޮސް ތިމާގެ ޤައުމުގެ ކައިރީގައި ހުންނަ ޤައުމުތަކަކީ ވެސް އަވައްޓެރިން ކަމުގައި ބެލެ އެެވެ. އަވައްޓެރި ޤައުމުތަކެވެ. އަވައްޓެރި ޤައުމުތަކާ އެކު ވެސް ރަނގަޅު ގުޅުމެއް ނުބޭއްވޭ ކަމަށްވާ ނަމަ، ދިރިއުޅޭ ގޭގެ ކައިރީގައި އުޅޭ އަވައްޓެރިންނާ ގުޅުން ބަދަހި ނުކުރުމުން ނުކުންނަ ކަހަލަ އުނދަގޫ ކަންތަައްތަކެއް ކުރިމަތިވުމަކީ ކައިރި ކަމެކެވެ. ދިރިއުޅުން ފަސޭހަ ނުވެ ހިގައިދާނެ އެވެ.

ރާއްޖެ ކަހަލަ ކުޑަ، ދުނިޔޭގެ ނިސްބަތުން އާބާދީ ކުޑަ، ބިން ކުޑަ، ވަސީލަތްތައް މަދު ޤައުމެއްގައި ރަޙްމަތްތެރި ކަމުގެ އަތެއް އަޅުގަނޑުމެން ނަށް ދިއްކޮއްލާ ކޮންމެ ފަރާތަކާ ގުޅުން ބޭއްވުން ބޭނުންތެރި އެވެ. އަދި އެ ފަރާތަކުން އަޅުގަނޑުމެންނަށް އެހީއެއް ވެދޭން ހުށައަޅައިފި ނަމަ އުފަލާ އެކު އެ އެހީއެއް ޤަބޫލު ކުރެ އެވެ. މާލީ ދަތިކަން ބޮޑު ދުވަސްވަރުގައި، އެ އެހީއާ އެކު އެދޭ ކޮންމެ ކަމަކަށް އާ ބަސް ބުނެވެ އެވެ. ސިޔާސީ ދާއިރާގައި އުޅޭ ފުންނާބު އުސް މީހުންގެ ސިޔާސީ މުސްތަޤްބަލް އުޖާލާ ވާ ކަހަލަ ކަމެއް ކޮށްދީފައި އޮތް ކަމުގައިވާ ނަމަ ނުވަތަ ކޮށްދެމުން ގެންދާ ކަމުގައި ވަނީ ނަމަ "އެޅިހާ ބަތަކަށް ރިހަ" އެވެ. ޙާލަތު މަޖުބޫރު ކުރުވަނީ އެވެ. ސިޔާސީ ގޮތުން ވަކި ބަޔަކާ އެކު ގުޅުން ކަނޑާލުމަށް އެދިއްޖެ ހިނދެއްގައި ބަލާލުމެއް ނެތި އެކަން ވެސް ކޮށްދެ އެވެ. އެބަޔަކާ މެދު އެއްވެސް މައްސަލަ އެއް އޮވެގެންނެއް ނޫނެވެ. އެކަމުގެ މަޤްޞަދު ގިނަ ފަހަރު ގުޅުން ކަނޑާލެވުނު ފަރާތަކަށް ވެސް ނޭނގެ އެވެެ. އެހީ ދިން ފަރާތުން ބޭނުންވާ ގޮތަށް، އެެއްވެސް ވިސްނުމެއް، ބަލާލުމެއް ނެތި އެ ބަޔަކާ ރުޅިވަނީ އެވެ. އެހެންނަމަވެސް ބައެއް ކަންކަމުގައި އަޅުގަނޑުމެން ކެރިގެން ނޫނެކޭ ބުނަމު އެވެ.

ޤައުމުގެ ރައްކާތެރި ކަމާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތަށް ބަލައިފަ އެވެ. ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ބޭއްވުމަށް އަޅުގަނޑުމެން ދެކޮޅެވެ. ކޮން ކަހަލަ ހިތްވަރު ގަދަ ނިންމުމެއްތޯ އެވެ؟

އަސްކަރީ މަރުކަޒެއް ރާއްޖޭގައި ބޭއްވުމަށް ބޭނުން ވަނީ މި ސަރަހައްދުގައި ހިނގާ ފާނެ ހަނގުރާމަކުޅިވަރުގެ ޙަރަކާތްތައް ދެނަގަތުމަށެވެ. އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރި ކަމަށް ޓަކައި، އަޅުގަނޑުމެންގެ އަމިއްލަ ފައިދާ އަށްޓަކައި، އެކުވެރި ހެޔޮ އެދޭ ޤައުމަކުން އެ ތަނުގެ ހަނގުރާމަ މަތީ ބައެއް މެޝިނު ރާއްޖޭގައި ބަހައްޓައި، އެ ޤައުމުގެ އަސްކަރިއްޔާގެ ފަސްދޮޅަހަކަށް މީހުން ރާއްޖޭގައި ތިބެވޭ ގޮތަށް އޮތުމަކީ ޤައުމަށް ފައިދާ ހުރިކަމެއް ކަމުގައިވެ އެވެ.

މި ސަރަހައްދުގައި އަސްކަރީ ގޮތުން ހިންގާ ކަންތައްތައް ބެލޭނެތީވެ އެވެ. އެއީ ކުޑަ ޚަރަދަކުން ބާއްވާ، "ދުނިޔެއަށް ހިމޭން" އަސްކަރީ މަރުކަޒެކޭ ބުނުމަކީ އަޅުގަނޑުމެންނަށް އެންމެ ހެޔޮ އެދޭ އަވައްޓެރިންނަށް ބުނެވޭ ވަރަށް ބޮޑު ކުޑައިމީސް ބަހެކެވެ. އެ މީހުން ރާއްޖޭގެ ސަރަހައްދުގައި ހިނގާ ޙަރަކާތްތައް ބެލުމަށް ދުއްވާ ދުއްވުމުގައި އަޅުގަނޑުމެންގެ މީހުން ބައިވެރި ނުކުރާ ނަމަ އެއީ ވެސް ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.

ކަމެއް ދިމާވާނީ އެނގިގެން ނެއް ނޫނެވެ. ކުއްލި އަކަށް ދިމާވާ ކަމަކުން އެ ފަދަ ދަތުރެއްގައި ބައިވެރިވާ އަޅުގަނޑުމެންގެ އަސްކަރީ އަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ އަޅުގަނޑުމެންނަށް ލިބޭނޭ ވަރަށް ބޮޑު ދެރަ އެކެވެ. އަޅުގަނޑުމެންގެ ލޯބިވާ އަވައްޓެރި ޤައުމުގެ އަސްކަރީން ތިބޭ ތަންތަނަށް އަޅުގަނޑުމެންގެ އަސްކަރީން ނަށް ނުވަދެވޭ ގޮތަށް އޮތުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. ބައެއް ފަހަރަށް އެތަން ތަނަށް ވަދެ އުޅޭ އިރު ފެންނަ މަންޒަރުތަކުން އަޅުގަނޑުމެންގެ ޢަޤީދާއާ ފުށުން އަރާނެ ތީވެ އެވެ. މިއީ ދެ އަހަރުން ދެ އަހަރަށް އާ ކުރުމަށް ސޮއި ކުރެވިފައި އޮތް އެއްބަސްވުމެއް ކަމުގައިވެ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހުން އަލުން އެއްބަސްވުމަކަށް އައުމަށް ބޭނުން ނުވެއްޖެ ނަމަ ވާނީ ކިހިނެއްތޯ އެވެ؟ އަސްކަރީ ހެލިކޮޕްޓަރުތައް ފޮނުވި ޤައުމަށް އަނބުރާ ގެންދިއުމަށް އެންގުމުންވީ ގޮތަށެވެ.

އަޅުގަނޑުމެންގެ ގިނަ އަވައްޓެރި ޤައުމުތަކަކީ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަށް ވުރެ ފެންވަރު ރަނގަޅު ޤައުމުތަކެވެ. މިހެންވުމާ އެކު ބައެއް ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ބައެއް ތަންތަން ހިންގުމަށް ބައެއް އަވައްޓެރި ޤައުމުތަކުގެ ކުންފުނިތަކާ ހަވާލު ކުރެ އެވެ. ވަރަށް ގިނަފަހަރު އެކަމުން ލިބެނީ ވަރަށް ހިތި ނަތީޖާ އެވެ. މި ނުބައި ތަޖުރިބާގެ ލާމަސީލު މިސާލަކީ އަޅުގަނޑުމެންގެ ފުރަތަމަ ބައިނަލްއަޤްވާމީ އެއަރޕޯޓެވެ.

އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ހަވާލު ކުރެވުނު ކުންފުނިން ހަމަ އެކަނި އެއަރޕޯޓު ތަރައްޤީ ނުކޮށް ތިބީއަކީ ނޫނެވެ. ސަރުކާރަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކަ އެވެ. އެއަރޕޯޓު ހިންގުން ބޭރު ފަރާތަކާ ހަވާލު ކުރުމާ އެކު ޢާއްމު ރައްޔިތުން ނަށް ޑޮލަރު ލިބުމުގެ އުނދަގޫ އުފުއްލަން ޖެހުނެވެ. ޑޮލަރު ޢާއްމުކޮށް ލިބެން ހުންނަ އަގު މައްޗަށް ދިޔަ އެވެ. އެހެންނަމަވެސް އެތަން ކުއްޔަށް ދިން މީހުން މިހާރު ވެސް ބުނަނީ އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމުގަ އެވެ. ދެކޮޅު ފެންނަން އޮންނަ އިރުގައި ވެސް މެ އެވެ.

އެތައް ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބޮޑުކުރަމުން ދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފެންވަރެއް ނެތް ވާހަކަ ދައްކާ އަޑު އިވެން ފަށައިފި އެވެ. އަދި އެތަން ހަދާ ނުނިމެ އެވެ. ލަފާ ކުރެވޭ ގޮތުގައި އަނެއްކާވެސް އެތަން އަވައްޓެރި ޤައުމަކަށް ކުއްޔަށް ދިނުމުގެ ވިސްނުމެއް ސިކުނޑީގެ ތެރޭގައި އެނބުރެނީ އެވެ.

އަޅުގަނޑުމެން ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހަދާ އަގުބޮޑު ތަންތަން ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަކީ ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތެއް ނޫނެވެ. ރާއްޖޭގައި ތަފާތު ފަންނުގައި ކިޔަވައިގެން ތިބި މީހުން މިހާރު ވަރަށް ގިނަ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ރަނގަޅު ވަޒީފާއެއް ނުލިބިގެން ވެސް އުޅެ އެވެ. ކޮންމެ އަހަރަކު ބޭސްވެރިކަން ކިޔަވައިގެން ވެސް ރާއްޖެއަށް އެތައް ބައިވަރު ޑޮކްޓަރުންނެއް އާދެ އެވެ.

އަޅުގަނޑުމެންގެ ބައެއް އަވައްޓެރި ޤައުމުތަކުގެ ފެންވަރަށް، އަޅުގަނޑުމެންގެ ބޭނުންތަކަށް ފުދޭވަރަށް ގިނަ ފަންނުތަކުގައި ކިޔަވައިގެން ތިބި މީހުން ރާއްޖޭގައި އަދި މަދު ކަމަށް ވެދާނެ އެވެ. އެހެންނަމަވެސް ރާއްޖޭގައި އެކަށީގެންވާ ވަޒީފާ އެއް، އެކަށީގެންވާ މުސާރައަކާ އެކު، އެކަށީގެންވާ މިނިވަންކަމާ އެކު ލިބުމުގެ ފުރުޞަތު ހަނިކަމުން، އެމީހުންނަށް ލިބިފައިވާ ޢިލްމާއި، ހޯދާފައިވާ ހުނަރުގެ އަގު ވަޒަންކުރާ ޤައުމުތަކުގައި މަސައްކަތްކުރާ ދިވެހިން ބައިވަރެވެ.

ތެދުފުޅެކެވެ. ސަރުކާރުގެ ބޮޑު ހޮސްޕިޓަލުން އަޅުގަނޑުމެން ބޭނުންވާ ސިއްޙީ ހުރިހާ ޚިދުމަތެއް، އަޅުގަނޑުމެން ބޭނުންވާ ފެންވަރެއްގައި ނުދެވެ އެވެ. އެކަމަކު އެއީ ސަރުކާރުގެ ހޮސްޕިޓަލެކެވެ.

މި ސަރަހައްދުގެ ބައެއް ޤައުމުތަކުގެ ބައެއް އަމިއްލަ ހޮސްޕިޓަލުތަކަށް ވުރެ އަޅުގަނޑުމެންގެ ސަރުކާރުގެ ހޮސްޕިޓަލުގެ ސާފު ތާހިރުކަމާއި ބޭރު ފެށުން ފެންނަ ފެނުން ހާސް ބައި ރީއްޗެވެ. ބޭރުން ބަލާލާ ބަލާލުމުގައި ބައެއް ޑިޕާޓުމެންޓުތައް ވައްތަރުވާން އުޅެނީ ބަމްރަންގުރާޑް އާއި ބޭންކޮކް ހޮސްޕިޓަލާ އެވެ. އެތެރޭގެ މަސައްކަތާ ބެހޭ ގޮތުން އެއްޗެއް ދަންނަވާކަށް ނޭގެ އެވެ. އެހެންނަމަވެސް ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް ބައެއް އަވައްޓެރި ޤައުމަށް، ބައެއް ބަލި މީހުން ދިއުމުން ރާއްޖެ އިން ފަރުވާ ނުހޯދީ ކީއްވެތޯ ސުވާލު ކުރާ ކަމުގައިވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ މޮޅެތި ދިވެހި ޑަކްޓަރުން ދަންނަ މީހުންނެވެ.

މިހެން ކަން އޮތް އިރު ބޮޑު ލޯނެއް ނަގައިގެން އަގު ބޮޑުކޮށް ހަދާ ފައި ހުރި ރީތި ދަރުމަވަންތަ ހޮސްޕިޓަލު، އަވައްޓެރިން ދެކެ ކިތަންމެ ލޯބިވިޔަސް، އަވަށްޓެރި ޤައުމަކަށް ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އަނެއްކާ ވެސް މިހާރު މި އުޅެނީ އަވައްޓެރިންނަށް ތަންތަން ދިނުމުގެ ބަލިގަނޑު ހިލިގެން ނެވެ.

އެ ހޮސްޕިޓަލުގެ ބައެއް ތަންތަން ދުށް މީހަކު ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްޞަކުރެވިގެން ހަދާފައި ހުރި ބަޔަކީ ވެސް ބޮޑު އެޕާޓުމެންޓެއްވަރުގެ ތަނެކެވެ. ކަނޑުގެ ރީތި މަންޒަރު ފެންނަ ތަނެކެވެ. ބޭހަކާއި ނުލައި ވެސް ބައްޔަށް ޝިފާ ލިބޭވަރުގެ ހިތްގައިމު ތަނެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ހިންގުންތެރިން ވެސް އެބަ ތިއްބެވެ. އެ މީހުންގެ ކުޅަދާނަކަން ފެންނާނީ އެމީހުންގެ ކުޅަދާނަކަން ދައްކަން ފުރުޞަތު ދިނުމުންނެވެ.

comment ކޮމެންޓް