މަލިކު ސަލްމާން މިސްކިތާއި ދަރުމަވަންތަ ހަސްފަތާލު

ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް: ސެޕްޓެމްބަރު މަހު ބައެއް ޚިދުމަތްތައް ފެށޭވަރުވާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނު އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އިރުމަތީ ކޮޅުގައި މަސްޖިދުލް މަލިކި ސަލްމާންގެ ނަމުގައި މިސްކިތެއް ބިނާ ކުރުމާއި، މާލޭގެ ހުޅަނގު ކޮޅުގައި ދަރުމަވަންތަ ހަސްފަތާލުގެ ނަމުގައި ބޮޑު ހަސްފަތާލެއް އިމާރާތް ކުރާން ފެށުން ހިމެނެ އެވެ. މި މަޝްރޫއުތަކާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެ އެވެ. ނަމަވެސް އެ ވާހަކަތައް އިހަށް ބާއްވާނީ އެވެ.

އަޅުގަނޑުގެ ފޯކަސް އަމާޒު ކޮށްލާން މި އުޅެނީ މި ދެ އިމާރާތުގެ ފަރުމާޔަށެވެ. މި ވާހަކަ މި ދައްކަނީ ސިޔާސީ އެއްވެސް މަތުލަބެއް އަދި މުރާދެއް ނެތި، ހަމައެކަނި ފަންނީ ވިސްނުމަކުންނެވެ.

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށް ނޫން ނަމަ، މަސްޖިދުލް މަލިކި ސަލްމާންގެ ފަރުމާޔަކީ ސުޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ކުރި ފަރުމާއެކެވެ. އަދި މިސްކިތް އެޅުމަށް ޓަކައި އެ ގައުމުން ފައިސާ ދިނީ، އެ ފަރުމާޔަށް މިސްކިތް އެޅުން ޝަރުތު ކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. މިއީ ކުށް މައުލޫމާތެއް ކަމަށް ވެސް ވެދާނެއެވެ. އެ މިސްކިތުގެ ފަރުމާޔަކީ ދިވެހި ސަރުކާރުގެ ފަރާތުން ދިވެހި ފަންނުވެރީން ލައްވައި ކުރުވި ފަރުމާޔަކަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް، އެ މިސްކިތުގެ ފަރުމާ ނިކަން ހުތުރެވެ. މިސްކިތެއްގެ ވައްތަރުގަނޑު އެއްގޮތަކަށް ވެސް ނެތެވެ. މިސްކިތުގެ ހަތަރު ދިމާއެއްގައި ހުރި މުންނާރުތަކުގައި ވެސް މުންނާރެއްގެ އެއްވެސް ސިފައެއް ނެތެވެ.

އަޅުގަނޑަކީ މިއުމާރިއްޔަތު ނުވަތަ އާރކިޓެކްޗަރގެ މާހިރެއް ނޫނެވެ. ނަމަވެސް އާއްމު އާދައިގެ ވިސްނުމަކުން ވިސްނުމުން، އަޅުގަނޑަށް ފެންނަ ގޮތުގައި ކޮންމެ އިމާރާތެއް ވެސް ވާން ޖެހޭނީ، އެ އިމާރާތް ދެކޭ މީހުންނަށް ވާހަކަތަކެއް ބުނެދޭ ތަނަކަށެވެ. މީހުންނާ "ވާހަކަ ދައްކާ" ތަނަކަށެވެ. "ތިމާގެ" ކުޑަކުޑަ ތައާރަފެއް މީހުންނަށް ދޭ ތަނަކަށެވެ. އިމާރާތެއް ފެނުމުން، އެއީ މީހުން ދިރިއުޅޭ ގެއެއްކަން، ނުވަތަ މަދަރުސާއެއްކަން، ނުވަތަ ކޮލެޖެއް ޔުނިވަރުސިޓީއެއް ފަދަ ތަނެއްކަން، ނުވަތަ ބާޒާރެއް ނުވަތަ ބާޒާރު މޯލެއް ކަން، ނުވަތަ އޮފީސް ޓަވަރެއްކަން، ނުވަތަ ބަގީޗާއެއްކަން، ނުވަތަ ފެހިގެޔެއްކަން، ނުވަތަ މިސްކިތެއް ކަން އަޅުގަނޑުމެންނަށް މީހަކު ނުބުންޏަސް އެނގެނީ، އެ އިމާރާތްތަކާއި ބިނާތައް މި ދެންނެވި އުސޫލުން އަޅުގަނޑުމެންނާ ވާހަކަ ދައްކާތީއެވެ.

ހަމަ މި ނުކުތާ އެހެން އިބާރާތަކުން ދަންނަވައިލެވޭތޯ ބަލައިލާނަމެވެ.

އިންސާނުން ތަރައްގީ ކުރި އެންމެ ފުރިހަމަ އަދި އެންމެ ހިތްގައިމު އެއް ފަންނު ކަމުގައި ވާ ބިނާފަރުމާ ނުވަތަ އިމާރާތްތައް ފަރުމާ ކުރުމުގެ ފަންނަކީ ހަމަތަކަކާއި އުސޫލުތަކެއް އޮންނަ ފަންނެކެވެ. އެހެން ކޮންމެ ފަންނެކޭ ވެސް އެއް ފަދައިންނެވެ. އެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން، ކޮންމެ ބާވަތެއްގެ އިމާރާތެއްގައި ވެސް އަސާސީ ސިފަތަކެއް ހުރެއެވެ. އެއް ބާވަތެއްގެ ތަފާތު އިމާރާތްތަކުގެ ތަފްސީލީ ފަރުމާގައި ކިތަންމެ ބޮޑެތި ތަފާތުތަކެއް ހުއްޓަސް، އެއީ އެއް ބާވަތެއްގެ އިމާރާތްތަކެއް ކަން ދެކޭ މީހުންނަށް އެނގެނީ، މި ދަންނަވާ އަސާސީ ސިފަތައް އެ ހުރިހާ އިމާރާތެއްގައި ވެސް ހުންނާތީއެވެ. މަސްޖިދުލް މަލިކި ސަލްމާންގެ ވާހަކަ ދެކެވޭ މަގާމަކަށް ވާތީ، މިސްކިތުގެ މިސާލު ނަގަމާ ހިންގަވާށެވެ. ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ލައްކަ މިސްކިތް ހުންނަ އިރު، އެ ހުރިހާ ތަންތަނުގެ ފަރުމާތައް ތަފާތެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެ ހުރިހާ ތަންތަނުން ވެސް އަސާސީ ސިފަތަކެއް ފާހަގަ ކުރެވެއެވެ. ދުވަހަކު ނުދާ ޝަހަރަކަށް ގޮސް އުޅެނިކޮށް، މާ ދުރުދުރުން މިސްކިތެއް ފެނުމުން، އެއީ މިސްކިތެއްކަން އެނގެނީ މި ދަންނަވާ އުސޫލުން މިސްކިތުގެ ބިނާފަރުމާގެ އަސާސީ ސިފަތައް އެ އިމާރާތުގައި ހުންނާތީއެވެ. އޭގެ ތެރޭގައި ގުއްބު ހުރުމާއި، މުންނާރު ހުރުމަކީ އެންމެ އާއްމު ދެ ސިފަ ކަމަށް ބެލެވިދާނެއެވެ. އެ އަސާސީ ސިފަތައް، އެ މިސްކިތްތައް ދެކޭ މީހާޔާ "ވާހަކަ ދައްކައެވެ". "މިއީ މިސްކިތެކޭ" ބުނެދެއެވެ. ރާއްޖެތެރޭގެ ރަށަކަށް އަލަށް ގޮސްގެން އުޅެނިކޮށް ވެސް، ކުރީން ދުވަހަކު ނުދެކޭ މިސްކިތެއް ފެނުމުން ވެސް އެއީ މިސްކިތެއް ކަން އެނގެނީ ހަމަ މި ގޮތުންނެވެ.

މި ދެންނެވި އުސޫލުން މަސްޖިދުލް މަލިކި ސަލްމާނަށް ބަލައިލާ އިރު، އެ ތަނުގެ ފަރުމާ އަޅުގަނޑަކަށް "މިއީ މިސްކިތެކޭ" ބުނެއެއްނުދެއެވެ. އިމާރާތް ވައްތަރީ ސްޕޭސް ސެންޓަރަކާއި އޮބްޒަރވޭޓްރީއަކާއި ޕެގޯޑާއެއްގެ ފަރުމާ އެއް ކޮށްލައިގެން ހަދައިފައި ހުރި ތާކުންތާކު ނުޖެހޭ، އެއަކަށް މިއަކަށް ނުވާ ތަނަކާއެވެ. މިސްކިތުގައި އެހެރަ މުންނާރުތައް އަޅުގަނޑަށް ވައްތަރީ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޯރޖް ވޮޝިންގޓަން މެމޯރިޔަލް ކަހަލަ މޮނިޔުމަންޓެއް ނުވަތަ ޔާދުގާރީ ބިނާއަކާއެވެ. ހަމައެހެންމެ، މިސްކިތް ވަށްކޮށް ހަދައިފައި ހުރީ ކޮން ބޭނުމެއްގައި ބާވައޭ ވެސް ހިތަށް އަރައެވެ.

މިސްކިތް ވަކި ފަރުމާޔަކަށް ހަދާން ޖެހޭ ވާހަކަ ޤުރުއާނަކު ނޯވެޔޭ، އާ ގޮތްތަކަށް މިސްކިތްތައް ފަރުމާ ކުރުމަކީ ވެސް އޮތް ކަމެކޭ، ވަކި ގޮތަކަށް މިސްކިތް ފަރުމާ ކުރާން މަޖުބޫރެއް ނޫނޭ ބައެއް މީހުން ބުނާނެކަން ޔަގީނެވެ. ބުއްދީގެ ހަމަތަކާއި، ސަގާފަތާއި، ޝަޚްސިއްޔަތާއި، ފަންނުވެރިކަމުގެ އުރުފާއި މަންތިގުގެ ހަމަތައް ހިފެހެއްޓުން ފަދަ ކަންކަމަކީ މުހިއްމު ކަންކަން ކަމަށް ނުދެކޭ، އެފަދަ ކަންކަން ދޭހަ ނުވާ މީހުންގެ ވާހަކަ ހުންނާނީ އެ ކަހަލަ ބަހުރުވަޔަކުންނެވެ. އެ ކަހަލަ މީހުންނަށް ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެއެވެ.

ދެން އޮތީ މާލޭގެ ހުޅަނގުފަރާތުގައި އިމާރާތް ކުރެވެމުންދާ ފަންސަވީސް ބުރީގެ ދަރުމަވަންތަ ހަސްފަތާލުގެ ވާހަކައެވެ.

އެންމެ ފުރަތަމަ، ދުނިޔޭގެ ފެންވަރުގެ ހަސްފަތާލެއް ރާއްޖޭގައި ބިނާ ކުރެއްވުމަށް ޓަކައި އެ ވަރުގެ ވަރުގަދަ މަޝްރޫއެއް ފެއްޓެވި ކަމަށް ޓަކައި ކުރީގެ ރައީސް ޔާމީނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. ގައުމާ މެދުގައި ހުރިހާ ސަރުކާރުތަކުން ވެސް އެފަދަ ކެރުންތެރި ތަސައްވުރުތައް ގެންގުޅޭން ވާނެއެވެ. އެ ހަސްފަތާލު ނިމި، އެ ތަނުގެ މަސައްކަތްތައް ފެށޭ ދުވަހެއް އެމަނިކުފާނަށް ދެއްކެވުމާއި، އެ ހަސްފަތާލުގެ މަސައްކަތް ފެށިގެން ދާ އިރު އެމަނިކުފާނަށް ހައްގު ޝުކުރު އަދާ ކުރެވޭ ތަން ފެނުމަކީ އަޅުގަނޑުގެ އުއްމީދެކެވެ.

ނަމަވެސް އެ ތަނުގެ ފަރުމާޔަށް ބަލައިލުމުން، އަނެއްކާވެސް ފިސާރިޔަކަށް ބޮލުގައި ރިއްސައިގަންނަނީއެވެ.

އެންމެ ފުރަތަމަ ކަމަކަށް، މާލޭގައި ނުވަތަ ރާއްޖޭގައި ބިން ނެތޭ ކިޔައިފައި، ހަސްފަތާލުތަކާއި ސަރުކާރުގެ އިމާރާތްތަކާއި ސްކޫލްތަކާއި މީހުން ދިރިއުޅޭ ތަންތަން ވިހި ފަންސަވީސް ތިރީސް ބުރިޔަށް ނެގުމުގެ ޚިޔާލަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ހަރުދަނާކަމެއް ބުރަދަނެއް ނެތް "ޖުވެނައިލް" ވިސްނުމެކެވެ. ޚާއްސަކޮށް، ހަސްފަތާލު ފަދަ ތަންތަނަކީ އެހައި އުސްކޮށް ބިނާ ކުރުން ހެޔޮ ވާ ވަރުގެ ތަންތަން ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ދަރުމަވަންތަ ހަސްފަތާލު އެ ހުރި ސަރަހައްދަށް ވިސްނާ އިރު، މިސާލަކަށް އިމާރާތުގެ މަތީބުރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އަލިފާން ނިއްވާ ނިޒާމުތައް ޑިޕްލޯއި ކުރުމަށް ބޭނުން ވާ ޖާގަ އެބައޮތްތޯއެވެ؟ އިމާރާތުގެ މަތީ ބުރިތަކުން އެއް ފަހަރާ އެތައް ސަތޭކަ ބަޔަކު ނެރޭން ޖެހިއްޖެ ހާލަތެއްގައި، މީހުން ހުސް ކުރުމުގެ މަސައްކަތަށް ބޭނުން ވާ ޖާގަ ތިރީގައި އެބައޮތްތޯއެވެ؟ އެ ވަރުގެ ބޮޑު އިމާރާތަކަށް ޖަމާ ވާ ހުރިހާ އެންމެންނަށް ބޭނުން ވާ ވަރަށް ޕާކު ކުރެވޭނެ ޖާގަ ކޮބައިތޯއެވެ؟ މާލޭގެ ބިމުގައި އެވަރުގެ ބަރު އިމާރާތްތައް އުފުލުމުގެ ގާބިލުކަން ހުރީ ކިހައިވަރަކަށްކަން ބެލުމަށް ކުރެވުނު ދިރާސާތަކާއި ތަހުގީގުތަކާއި ތަހުލީލުތައް ކޮބައިތޯއެވެ؟ ހަމަ ލޯ މަރައިލައިގެން ތިބެ ފަންސަވީސް ތިރީސް ސާޅީސް ބުރިޔަށް ރާއްޖޭގެ ރަށްރަށުގައި އިމާރާތްތައް ނަގަމުން ދިޔުމަކީ ބުއްދިވެރި ކަމަކަށް ވާނެތޯއެވެ؟ މީގެ އިތުރުން، އިމާރާތުގެ ފަރުމާ ހުރީ ދެ މޫސުމުގައި ދެ ފަރާތުން އަންނާނެ ގަދަ ވައިގެ ހަމަލާތަކުން ކިހައި ވަރަކަށް ރައްކައުތެރިކަން ލިބޭ ގޮތަށް ބާވައެވެ! އެ ވައިގެ ތެރޭގައި އެ އިމާރާތް ސާބިތުކަމާ އެކު ހުންނާނީ ކިތައް އަހަރު ވާންދެން ހެއްޔެވެ؟

އަޅުގަނޑަކީ ރައީސް ޔާމީނަށް ލަފާ ދޭން ހުރި މީހެއް ނަމަ، އަޅުގަނޑު އެމަނިކުފާނަށް ދެންނެވީހީ، އައިޖީއެމްއެޗް ހުރި ހިސާބު އޮތް ގޮތަށް އެންމެ ފުރަތަމަ ބާއްވަވައިފައި، އައިޖީއެމްއެޗަށް ވުރެ ބޮޑު އަދި ފުރިހަމަ ހަސްފަތާލެއް ހުޅުމާލޭގައި ބިނާ ކުރެއްވުމަށެވެ. އެއަށްފަހު، އިންދިރާ ގާނދީ މެމޯރިޔަލް ހަސްފަތާލު ތަޅުއްވައިލައްވައި، އެ ހަސްފަތާލު ހުރި ތަނާއި، ދަރުމަވަންތަ ހަސްފަތާލު ހަދާ ތަނާއި، މިހާރު ދިރާގުގެ އޮފީސް ހުރި ތަނާއި، މިހާރު ތާޖުއްދީން ސްކޫލް ހުރި ޖާގަ ހުސް ކުރައްވައި، އެ ތަނުގައި އެންމެ ޒަމާނީ، ސްޓޭޓް-އޮފް-ދި-އާރޓް ހަސްފަތާލެއް އެޅުއްވުމަށެވެ. ހަސްފަތާލުގެ އެއްވެސް ބައެއް ހަތް ބުރިޔަށް ވުރެ އުސް ނުކުރެއްވުމަށެވެ. ހަސްފަތާލުގެ ކުރިމަތީން އޮންނަ މަގު ވެސް، ބޮޑުތަކުރުފާނު މަގު ފުޅާ ކުރެއްވި ގޮތަށް، ހެޔޮވަރު ވަރުގެ ދެ ލޭނަށް ފުޅާ ކުރެއްވުމަށެވެ. އަދި މުޅި އެ ސަރަހައްދާއި ހަސްފަތާލަށް ނަގާ ސަރަހައްދުގެ އެތެރެ ވެސް ފެހި ގަސްތަކުން ފުރިގެން ވާ ރީތި ބަގީޗާތަކުން ޒީނަތްތެރި ކުރެވޭ ގޮތަށް، ހަސްފަތާލު ބިނާ ކުރެއްވުމަށެވެ.

ތާޖުއްދީން ސްކޫލާއި ދިރާގުގެ އޮފީސް ނަގާ ވާހަކަ މި ދެންނެވީ އެ ތަންތަން ނެއްތައިލާ ވާހަކައެއް ނޫނެވެ. މި ދެންނެވީ އެ ތަންތަން އެހެން ހިސާބުތަކަށް ބަދަލު ކުރާ ވާހަކައެވެ. ވީމާ އެ ވާހަކަ ވިދާޅުވެފައި އެއްވެސް ބޭފުޅަކު އަޅުގަނޑަށް ބަދު ދުއާ ނުކުރައްވާނެ ކަމަށް ހީ ކޮށްގެން ހުރީމެވެ.

ކޮންމެއަކަސް މިއީ އަޅުގަނޑުގެ ޚިޔާލެވެ. މި ޚިޔާލަށް އަދި އެއް ކަމެއް އިތުރު ކޮށްލާނަމެވެ. ދަރުމަވަންތަ ހޮސްޕިޓަލް މިއީ އެ ހަސްފަތާލަށް ކިޔާން އެންމެ ރަނގަޅު ނަން ކަމުގައެއް ނުފެނެއެވެ. އޭގެ ބަދަލުގައި، ދަރުމަވަންތަ ރަދުންނަށް ނިސްބަތް ކޮށް، އެކަމަކު "ދަރުމަ ހަސްފަތާލު" މި ގޮތް މާ ރަނގަޅުކަމަށް ފެނެއެވެ. ސަބަބަކީ "ދަރުމަވަންތަ" ޔަކީ ނަންއިތުރަކަށް ވެފައި، ނަންއިތުރުން ތަންތަނަށް ނަން ކިޔުމަކީ ހަމަޖެހޭ ގޮތެއް ކަމަށް ނުފެންނާތީއެވެ. އަދި ދިވެހި ވެފައި ވާ ލަފުޒެއް އޮއްވައި އިނގިރޭސި ތަލައްފުޒުން "ހޮސްޕިޓަލް" ބޭނުން ކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ފެންނާތީއެވެ. މިހެން ދެންނެވީމާ ވެސް، ބައެއް މީހުން "ހަސްފަތާލަކީ" ހަމަ އިނގިރޭސި ބަހެކޭ ކިޔައި ޒުވާބު ކޮށްގަންނާނެއެވެ. މިއަދު އަޅުގަނޑުމެންގެ ގައުމުގައި އޮތް އެންމެ ބޮޑު އެއް ބައްޔަކީ މިއެވެ. އެފަދަ މީހުންނަށް އަޅުގަނޑު ޖަވާބު ދޭނީ، ސުއްކަރާއި ޝުގަރގެ މިސާލާ މެދު ފުންކޮށް ވިސްނާލާށޭ ބުނެއެވެ. މިއީ މައުޒޫއާ ނުގުޅޭ ނުކުތާއެއް ކަމުގައި ވިޔަސް، މިހެން ވެސް ކުރީބައިގައި ދަންނަވާލީއެވެ.

comment ކޮމެންޓް