އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމުގައި އަޅުގަނޑުގެ ހިއްސާ ބޮޑު: ކާނަލް ނާޒިމް

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން: އެނާ ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުގައި އެމަނިކުފާނުގެ ހިއްސާ ބޮޑު ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމުގައި އޭނާގެ ހިއްސާ ބޮޑުކަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖީއެމްއާރު އަތުން 2013 ވަނަ އަހަރު ވަހީދުގެ ވެރިކަމުގައި އެއާޕޯޓު އަތުލި އިރު ނާޒިމް ހުންނެވީ އޭރުގެ ޑިފެންސް މިނިސްޓަކަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމައަިފައިވާ ނާޒިމްގެ ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި މިރޭ ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެންމެ ކަންބޮޑުވި އެއް ކަމަކީ ދިވެހިންގެ އެއާޕޯޓު ދިވެހިންގެ އަތުން ގެއްލިގެން ހިގައި ދިޔުން ކަމަށާއި އެއާޕޯޓު ދިވެހިންނަށް ހޯދައި ދިނުމުގައި އެމަނިކުފާނުގެ ހިއްސާ ބޮޑު ކަމަށެވެ.

"ހަގީގަތުގައި އެދުވަހުގެ ނުރައްކާތެރި [ދުުވަހެއް]. އެރޭ އަޅުގަނޑުމެންނަށް އެއާޕޯޓު ހަވާލުވެގެން ދިޔަ ދުވަހަކީ އަޅުގަނޑުވެސް ވަރަށް ބިރުގަތް ދުވަހެއް. އަޅުގަނޑުމެންނަށް ވެގެން ދާނެ ގޮތެއް ހަމަ ގައިމުވެސް ނޭނގެ. ނަމަވެސް އަޅުގަނޑުމެން އެވަގުތު ސަރުކާރުގެ އިސްވެރިނާއެކު މަސައްކަތްކޮށް ދިވެހިންނަށް އެއާޕޯޓު ލިބިގެން ދިޔައީ، ތާރީހެއް އޮޅުވައެއް ނުލެވޭނެ ހަމަ ގައިމުވެސް އަޅުގަނޑުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން،" އޭރުގެ ޑިފެންސް މިނިސްޓްރަށް ހުންނެވި ނާޒިމް ވިދާޅުވިއެވެ.

ޖެނުއަރީ 17، 2019: ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާޒިމް ސިފައިންގެ ބޭކަލެއްގެ ގޮތުގައި އާއި ވަޒީރުކަމުގައި ހޭދަކުރެއްވި 25 އަހަރުގައި ކުރެއްވި ބައެއް ކަންތައްތަކަށް އެނާ ވަނީ އަލިއަޅުވާލައިފައެވެ.

އެގޮތުން ސިފައިންގެ ގައުމީ މަސައްކަތުގައި 3 ނޮވެމްބަރުގައި ދިވެހި ރައްޔިތުންގެ ހިދުމަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ސުނާމީ ކާރިސާގައި އެމަނިކުފާނުގެ ރޯލް ބޮޑު ވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގައި ހެދުނު ފުރަތަމަ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން ހަދައި، އެ ބޮޑު ކާރިސާ މައިތިރި ކުރުމުގައާއި ހަމައަަކަށް އެޅުވުމުަގައި އަޅުގަނޑު ގެ ހިއްސާ ބޮޑުވާނެ. ޖަލުތަކުގައި ހިނގައި ދިޔަ ކަންތައް ހަމައަކަށް އެޅުމަށް އަޅުގަނޑުގެ ހިއްސާ ބޮޑު ވާނެ،" 25 އަހަރުގެ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލަމުން ނާޒިމް ވިދާޅުވިއެވެ.

"ދިމާވި ވަރަށް ބޮޑު މައްސަލައެއް އިމިގްރޭޝަން ސިސްޓަމްގެ މައްސަލަ، އެ މައްސަލަ އިނގިރޭސީ ސަރުކާރާ ގުޅިގެން ކުރެވުނު މަސައްކަތުގެ މޭސްތިރިއެއްގެ ގޮތުގައި އަޅުގަނޑު ހުރިން. އަޅުގަނޑު މި ވާހަކަތައް އަމިއްލައަށް މި ދައްކާލަނީ، ބަޔެއް ބޭފުޅުން ތާރީހު އޮޅުވާލަން މަސައްކަތް ކުރާތީ. ހަމަ އެއާކު މާލެ އަށް ދިމާވި ފެނުގެ ކާރިސާގައި އަޅުގަނޑު މަސައްކަތް ކުރަމުން ދިޔަ ގޮތް ތިބޭފުޅުންނަށް ފެނިގެން ދާނެ،"

ނާޒިމް ވިދާޅުވީ މިރެއަކީ އެނާ ކުރެއްވި ގައުމީ މަސައްކަތައްފަހު ހަގީގީ ސިޔާސީ މަސައްކަތަށް ނުކުންނަވާ ރޭ ކަމަށެވެ.

ޖެނުއަރީ 17، 2019: ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ނާޒިމްގ ކެމްޕެއިން ފެއްޓުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ބާއިވެވަޑައިގަންނަވައެވެ.

ނާޒިމް ގެ ކެމްޕެއިން މިރޭ ފެއްޓެވި ނަމަވެސް ޖުމްހޫރީ ޕާޓީ ކައުންސިލުން އެޕާޓީން މަޖިލިސް އިންތިހާބާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމައިފައި ނުވުމުން އޭނާ އަކަށް އެ ޕާޓީގެ ޓިކެޓް އަދި ޔަގީންނެއް ނޫނެވެ.

comment ކޮމެންޓް