އަނެއްކާވެސް ގާސިމް ނުސީދާކޮށް ނަޝީދަށް ފާޑުވިދާޅުވެއްޖެ

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ފެށުމަށް ބޭއްވި ހަފްލާގައި ގާސިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނާ ޚިލާފު ވާހަކަ ދެއްކުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ނުސީދާކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިވެންޓެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކައިވެނިން ބޭރުން ގުޅުން ހިންގުމުގައި ދިމާވާ މައްސަލައަކީ ކައިވެނިން ބޭރުން ދަރިން ލިބުން ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރުން ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ސައްތައިންސައްތަ އިސްލާމުން އުޅޭ ގައުމެއްގައި ފިތުނަ ފަސާދަ އުފެއްދުމަށް ވާހަކަ ދެއްކުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ އެދުން ހާސިލް ކުރުމަށް ދައްކަންވާވަރުގެ ވާހަކަ އާއި ނުދައްކަން ޖެހޭ ވާހަކަ ހުންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ކަންތައްތައް ކުރަމުން ގެންދާނީ ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމަކަށް ވީހިނދު ދިވެހި ރާއްޖޭގައި އިސްމާލާމީ ވަންތަކަން ދަމަހައްޓައި ނަގަހައްޓައި ގެންދާ އުސޫލުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ބައެއްގެ ގޮތުގައި ހަދަމުން. އުމުރުން ނުވަ އަހަރުވާ ނުވަތަ ދިހަ އަހަރުވާއިރު ބައެއް އަންހެން ކުދިން ބާލިޣްވެ އެ ހިސާބުން ފެށިގެން އެ މީހުން ބާތު ކޮންޓްރޯލް ކުރާށެކޭ ދަންނަވާކަށް ނޫން އަޅުގަނޑު މިތަނަށް އައިސް މިހުރީ،" ކާނަލް ނާޒިމްގެ ކެމްޕެއިން ހަރަކާތް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވި އެވެ.

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެފަދަ ވާހަކަތައް ދެއްކުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އިސްލާމްދީނުގެ ހުކުމްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރުމުގެ ޓިކެޓް ދޭނީ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކައުންސިލުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭގެ ކުރިން އެއްވެސް މީހަކަށް ވޯޓު ދޭން އޭނާ ނުބުނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެއާ ޚިލާފަށް ޕްރައިމަރީގައި އެތައް ބަޔަކު ވާދަކުރާއިއިރު ވަކި މީހަކަށް ވޯޓު ދެއްވުމަށް ބައެއް ޕާޓީތަކުގެ ލީޑަރުން ކެމްޕެއިން ކުރާކަން ފާހަގަކުރައްވައި ގާސިމް ވަނީ ޑިމޮކްރެސީ ދިރުވުމުގެ ނަމުގައި އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތޯ ވިދާޅުވެ ސުވާލު އުފައްދާފަ އެވެ.

މި ހަފްތާ ތެރޭގައި ގާސިމް ވަނީ ދެ ފަހަރެއްގެ މަތިން ނުސީދާކޮށް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފަ އެވެ.

comment ކޮމެންޓް