އައިއެސް އިން އެމެރިކާ ސިފައިންގެ ހަތަރު މީހަކު މަރާލައިފި

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް

ވޮޝިންޓަން (ޖަނަވަރީ 17) : އައިއެސް ޖަމާއަތުން ސޫރިޔާގެ އުތުރުގައި އަމިއްލައަށް މަރުވެގެންދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ހަތަރު މީހުން މަރުވުމުން ސޫރިޔާގައި އެޖަމާއަތް ބަލިކޮށްލެވިފައިވާ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ ޚިލާފަތް މުލުން ލުހެލައި އެޖަމާއަތް ބަލިކޮށްލެވިފައިވާ ކަމަށާއި އެ ޖަމާއަތުގެ މާބޮޑު ބާރެއް މިހާރު ނެތްކަމުގަ އެވެ. ޕެންސް މިމޭރުމުން ވާހަކަ ދެއްކެވީ ދުނިޔޭގެ ގައުމުތަކުގައިވާ އެމެރިކާގެ ޑިޕްލޮމެޓް މިޝަންތަކުގެ އިސްވެރިންގެ އަހަރީ ބައްދަލުވުމުގަ އެވެ. ވޮޝިންޓަންގައި ކުރިޔަށް ދިޔަ މި ބައްދަލުވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކުގެ ސްޓްރެޓެޖީ އާމެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުކެވެ.

ސޫރިޔާގެ އުތުރުގެ މަންބަޖްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ހަތަރު މީހުން މަރާލީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ މީހަކު ބުދަދުވަހުގެ ރޭ އަމިއްލަ ހަށިގަނޑު ގައި ބޮން ހަރުކޮށް އޭނާގެ ހަށިގަނޑު ގޮއްވާލައިގެން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށާ އެހަމަލާގައި ސޫރިޔާގެ ކުރުދީންގެ ނުވަ މީހުން ވެސް މަރުވި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ.

އައިއެސް އިން ވެސް ވަނީ އެހަމަލާ ދިންކަމަށް އިޢްތިރާފްވެފަ އެވެ. އައިއެސް އިން ހަމަލާ ދިފައިމިވަނީ އެޖަމާއަތް ބަލިކޮށްލެވިއްޖެ ކަމަށް ބުނެ ސޫރިޔާގެ އުތުރުން އެމެރިކާ ސިފައިން ބޭލުމަށް ނިންމައި އެމެރިކާ އިން އެކަން ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް މިދިޔަ މަހު އިސްތިއުފާ ދެއްވީ ސޫރިޔާގެ އުތުރުން އެމިކާ ސިފައިން ބޭލުމަށް ކުއްލި ގޮތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް