އިންޑިއާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރި އާ ފަނޑިޔާރަށް އެހެން ފަނޑިޔާރުންގެ ފާޑުކިޔުން

އިންޑިއާގެ ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރި ފަނޑިޔާރުން ސަންޖީވް ކަންނާ (ކ) އަދި ފަނޑިޔާރު ދިނޭޝް މަހޭޝްވަރީ --

ދިއްލީ (ޖެނުއަރީ 17): އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އެގައުމުގެ ސުޕްރީމް ކޯޓަށް އިއްޔެ އަލަށް އައްޔަން ކުރެއްވި ފަނޑިޔާރު، ސަންޖީވް ކަންނާއާ ބެހޭ ގޮތުން އެހެން ފަނޑިޔާރުންގެ މެދުގައި ދެބަސްވުން އުފެދި، ބައެއް ފަނޑިޔާރުންގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ފަނޑިޔާރު ކަންނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން އޭނާގެ ނަން ހުށަހެޅީ، ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ލަފާދޭ 'ކޮލީޖިއަމް'އިންނެވެ. ކޮލީޖިއަމްގައި ހިމެނެނީ އިންޑިއާގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ހަތަރު ފަނޑިޔާރުންނެވެ.

އެކޮލީޖިއަމްއިން މިދިޔަ މަހު ނިންމީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ހުށަހަޅާނީ ރާޖަސްތާން ހައި ކޯޓުގެ އުއްތަމަ ފަނޑިޔާރު ޕްރަދީޕް ނަންދުރަޖޮގް އާއި ދިއްލީ ހައި ކޯޓުގެ އުއްތަމަ ފަނޑިޔާރު ރަޖެންދުރަ މެނަންގެ ނަން ކަމަށެވެ.

ނަމަވެސް މިދިޔަ މަހު ޗުއްޓީއަށް ދިޔުމަށް ފަހު، މިމަހު ކޮލީޖިއަމް ވަނީ ކުއްލި ގޮތަކަށް އެނިންމުން ބަދަލުކޮށްފަ އެވެ. އަދި އެ ދެ ނަމުގެ ބަދަލުގައި، ދިއްލީ ހައި ކޯޓުގެ ފަނޑިޔާރު ސަންޖީވް ކަންނާ އާއި ކަރުނާޓަކާގެ އުއްތަމަ ފަނޑިޔާރު ދިނޭޝް މަހޭޝްވަރީގެ ނަން ރައީސަށް ހުށަހަޅާފަ އެވެ.

ނަމަވެސް އެނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ މިހާރާއި ކުރީގެ ބައެއް ފަނޑިޔާރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ކުރިން އެންގުމަކާ ނުލައި ކޮލީޖިއަމްއިން އެފަދަ ބަދަލެއް ގެނައީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.

މީގެ އިތުރުން، އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ރަޖެންދުރަ މާލް ލޮދާ ވަނީ ކަންނާއަށް ވުރެ އިސް ފަނޑިޔާރުން ތިއްބަވަނިކޮށް، އޭނާ އެމަގާމަށް އައްޔަން ކުރުމަކީ ހައިރާންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލު ކުރާ ގޮތުގައި ކޮލީޖިއަމް އިން އަމަލު ކުރަން ޖެހޭނީ ދެ ފުށް ފެންނަ ގޮތަށް އަދި އެބޭފުޅުންގެ ނިންމުމެއް ބަދަލުކޮށްފި ނަމަ އެއީ ކީއްވެގެންކަން ރައްޔިތުންނަށް އެނގެން ޖެހޭނެ. މިހާރު ޖޫނިއާ ފަނޑިޔާރަކު ވަނީ ސުޕްރީމް ކޯޓަށް އިސްކޮށްފަ، އަޅުގަނޑު ހައިރާންވެއްޖެ،" ފަނޑިޔާރު ލޮދާ ވިދާޅުވި އެވެ.

އަދި ދިއްލީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ކައިލާޝް ގަމްބިރު ވަނީ، ކަންނާ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައި ވަނީ އޭނާއަށް ވުރެ އިސް 32 ފަނޑިޔާރުން ތިއްބަވަނިކޮށް ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ސުޕްރީމް ކޯޓަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް