ބީއެމްއެލްގެ މުވައްޒަފު ޚިޔާނާތްވީ 4.9 މިލިއަނަށް، މައްސަލަ ފުލުހުންނަށް ފޮނުވައިފި

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފު ޚިޔާނާތްތެރިވެފައި ވަނީ 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޚިޔާނާތްތެރިވި މައްސަލަ އާ ގުޅޭގޮތުން ބޭންކުގެ އިންޓާނަލް އޮޑިޓުން ކުރި ތަހްގީގުން ދައްކާގޮތުގައި ބޭންކުގެ މުވައްޒަފަކު އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓާނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމަށް އޭނާ އަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ފޮނުވާފައެވެ.

"މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާރުވަނީ ހުށަހެޅިފައެވެ،" ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ބޭންކް އޮފް މޯލްޑިވްސްގައި ވަނީ ގާއިމްކުރެވިފައެވެ. އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފިނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް