މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން އައި!

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ނިމިދިޔަ 2018 ވަނަ އަހަރު ދިވެހިރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ޓޫރިސްޓު އެރައިވަލްގެ ރެކޯޑެކެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1،484،276 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ.

މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 6.8 ޕަސަންޓުގެ ކުރިއެރުމެކެވެ. ނުވަތަ 94،734 ފަތުރުވެރިންގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ގިނައިން ފަތުރުވެރިން އައީ ޔޫރަޕުން ކަމަށާއި، މިދިޔަ އަހަރުގެ ޖުމްލަ ފަތުރުވެރިންގެ ތެރެއިން 48.9 ޕަސަންޓަކީ ޔޫރަޕުގެ ޓޫރިސްޓުން ކަމަށެވެ.

އަދި އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިން ކަމަށާއި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޖަރުމަނުން ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

ކުރިން އިދިކޮޅުގައި ތިބި ފަރާތްތަކުން ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތަށް 2018 ވަނަ އަހަރު ކަނޑައެޅި ބަޖެޓު ކުޑަވި މައްސަލަ، ދާއިރާގެ ގިނަ ފަރާތްތަކަކުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް އާ ސަރުކާރުން ވަނީ 2019 ވަނަ އަހަރަށް ކަނޑައެޅި ޓޫރިޒަމް މާކެޓިންގް ބަޖެޓު ވަނީ ތިން ގުނައަށް އިތުރުކޮށްފައެވެ. އެގޮތުން މި އަހަރުގެ މާކެޓިންގް ބަޖެޓުގެ ގޮތުގައި ވަނީ 157 މިލިޔަން ރުފިޔާ ފާސްކޮށްފައެވެ.

އެހެންކަމުން މި އަހަރުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށް ކުރިއަށް ވުރެ ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް