އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭ ނިޒާމެއް ގާއިމުކުރަނީ!

އިމިގްރޭޝަން އިން މިޔަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ވިދާޅުވީ އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

ޕާސްޕޯޓު ހެއްދުމަށް ބޮޑެތި ތަކުލީފު އުފުލަން ޖެހުމަކީ ރައްޔިތުންގެ ޝަކުވާއެއް ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ރައްޔިތުން ބޭނުންވާގޮތަށް ހިދުމަތް ފޯރުކޮށްދެންޖެހޭ ކަމަށް ހަނަފީ ވިދާޅުވިއެވެ.

"މިކަމަށް މިހާރުން މިހާރަށް ލިބޭނެ ހައްލަކަށް ފެނުނީ އީމެއިލްގެ ޒަރިއްޔާއިން ކޮންމެ ރަށެއްގައި ހުރެގެންވެސް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލުން. އަދި ޕާސްޕޯޓު ކަލެކްޝަންއަށް ހަތަރު ސެންޓަރު މެދުވެރިކޮށް ފުރުސަތު ހުޅުވާލުން،"

މާލޭގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށި، އަދި ފުވައްމުލަކުގައި އިމިގްރޭޝަނުގެ ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ.

އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ހުޅުވާލާއިރު، އިމިގްރޭޝަނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމްކޮށް އަންނަ މަހުގެ 25 އިން ފެށިގެން އިމިގްރޭޝަނުގައި ކޯލް ސެންޓަރެއް ގާއިމުކުރަންވެސް ވަނީ ނިންމައިފައެވެ. މީގެ އިތުރުން އިމިގްރޭޝަނަށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން ހާއްސަ އީމެއިލް އެއް ވަނީ ގާއިމްކޮށްފައެވެ.

މީގެ ކުރިން ފަސް ދުވަހުން ދޫކުރަމުން އައި ބިޒްނަސް ވިސާ، މިހާރު 48 ގަޑިއިރު ތެރޭ ލިބޭނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީއިންވެސް ބިޒްނަސް ވިސާ ދޫކުރާނެކަމަށް ހަނަފީ ވިދާޅުވިއެވެ.

"އެއީ މާލެއިން ބޭރުން ފުރަތަމަ މިހިދުމަތް ދެވޭ ރަށް. އެޖެންސީތައް ބާރުވެރިކޮށް ޕާސްޕޯޓު ބަލައިގަތުން އެ ބޭފުޅުން މެދުވެރިކޮށް ބަލައިގަތުމުގެ ހިދުމަތްވެސް ފެބްރުއަރީ ފުރަތަމަ ހަފްތާގެ ތެރޭގައި ހުޅުވާލާނަން،"

ކޮންޓްރޯލާ ހަނަފީ ވިދާޅުވީ އިމިގްރޭޝަނުން ދޫކުރާ ކޯޓާއާއި އެހެން ހިދުމަތްތަކާ ގުޅޭ ތަފާސްހިސާބު ހަފްތާއަކު އެއްފަހަރު އާންމު ކުރަންވެސް އިމިގްރޭޝަނުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް