ޖިރޯނާއިން "ގަދަފަދަ" އެތުލެޓިކޯ ކަޓުވާލާއި ކުއާޓާއަށް

އެތްލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ގިރޯނާ ކުޅުންތެރިން އުފާ ފާލު ކުރާ މަންޒަރު -- ބީީބީސީ ސްޕޯޓަސް

ކޮޕަޑެލްރޭގެ ދެވަނަ ބުރުގައި ރޭ ޖިރޯނާއާ ވާދަކޮށް ހިތްދަތި ގޮތަކަށް އެތުލެޓިކޯ މެޑްރިޑް އެ މުބާރާތުން ކަޓައިފިއެވެ.

ސްޕެނިޝް ލީގުގެ ތާވަލުގައި މިވަގުތު ދެވަނައިގައި އޮތް އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅެ 3-3ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ޖިރޯނާއެވެ. އެއީ ޖިރޯނާގެ ދަނޑުގައި ކުޅެވުނު ފުރަތަމަ މެޗުން 1-1 އަކުން އެއްވަރު ވެފައި ވުމާއެކު އަވޭ ގޯލްގެ ތަފާތަށް ބަލާއިރު ގިނަ ލަނޑު ޖަހާފައިވަނީ ޖިރޯނާ ކަމަށް ވާތީއެވެ.

އެތްލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ގިރޯނާ ކުޅުންތެރިން އުފާ ފާލު ކުރާ މަންޒަރު

މެޗު ފެށިގެން ފުރަތަމަ ގޯލް ޖަހައި ލީޑުނަގާފައި ވަނީ އެތުލެޓިކޯއެވެ. ނަމަވެސް ފަހަތުން އަރައި ޖިރޯނާއިން ވަނީ ދެ ގޯލް ޖަހައިފައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ރައްދުގައި އެތުލެޓިކޯއިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 84 ވަނަ މިނަޓުގައި އެތުލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ގޯލެއް ޖަހައި ކުއާރޓާއަށް ދިއުމުގެ އުންމީދު އެ ޓީމަށް އާކޮށްދީފައެވެ. މެޗު ނިމެން ތިން މިނަޓަށް ވެފައި ވަނިކޮށް ޖިރޯނާގެ ސޭޑޫ ޑޫމްބިއާ ޖެހި ގޯލާއެކު އެތުލެޓިކޯގެ "ހިތް" ފުނޑުފުނޑުވިއެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ މުހިންމު ކުޅުންތެރިން ތަކެއް އިންޖަރީގެ ސަބަބުން ކުޅެފައި ނުވާއިރު އެ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ސައުލް ނިގުއެޒް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ އިންޖަރީވެ ދަނޑުން ބާލަން ޖެހިފައެވެ.

ކޮޕަ ޑެލް ރޭގެ ދެވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ރެއާލް މެޑްރިޑް އަދި ލެގަނެސް ބައްދަލު ކުރި މެޗުން 0-1 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްފައި ވަނީ ލެގަނޭސް އެވެ. ނަމަވެސް 3-1 ގެ އެގްރިގެރޭޓް ނަތީޖާ އަކުން ކުއާޓާއަށް ދަތުރު ކުރީ ރެއާލް މެޑްރިޑެވެ.

މީގެ އިތުރުން ސްޕެނިޝް ލީގުގެ ތާވަލުގެ ތިން ވަނައިގައި މިވަގުތު އޮތް ސެވިއްޔާއާއި އެތުލެޓިކްސް ބިލްބާއޯ ބައްދަލު ކުރި މެޗު 0-1ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ބިލްބާއޯއެވެ. މި މެޗުން ސެވިއްޔާ ބަލިވި ނަމަވެސް 2-3 ގެ އެގްރިގޭޓުގެ ނަތީޖާ އަކުން އެ ޓީމު ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ.

ރެއާލް މެޑްރިޑް އަދި ލެގަނޭސް ބައްދަލު ކުރި މެޗުގެ ތެރެއިން

މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ. އެގޮތުން މި މުބާރާތުގެ ވޭތުވެ ދިޔަ ތިން އަހަރުގެ ވެސް ޗެމްޕިއަން ބާސެލޯނާ އާއި ލެވަންޓޭ ބައްދަލު ކުރާ މެޗު ފާހަގަ ކޮށްލެވެއެވެ.

comment ކޮމެންޓް