އިރުވައި މޫސުމުގެ ބާރުއޮއިވަރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އެމްއެންޑީއެފް ގެ ކޯސްޓްގާޑުން ސަފާރީ އަކަށް އެހީތެރިކަން ފޯރުކޮށްދެނީ: އޮއިވަރު ގަދަ ދުވަސްވަރެއް ކަމުން ކަނޑު މަތީ ހާދިސާތަަކަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ -- ފޮޓޯ/ އެމްއެންޑީއެފް

މިދުވަސްވަރަކީ ރާއްޖޭގެ އެކިސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއް ކަމަށް ފާހަގަކުރެވޭތީ، ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ، އޮއިވަރު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތަފާތު ނުރައްކާތެރި ހާދިސާތަކާއި ޑައިވަރުންނާއި ސްނޯކްލިންގއަށް ގޮސް އުޅޭ ފަރާތްތައް އޮޔާ ގޮސް ނުފެންނަކަމުގެ ރިޕޯޓްތައް އެ މުއަސަސާއަށް ލިބެމުން އަންނަ ކަމަށެވެ.

"މޫދު ކުޅިވަރު ކުޅުއްވާ ފަރާތްތަކުން ލައިފް ޖެކެޓް އަޅުއްވައިގެން ތިއްބެވުމަށާއި ލައިފް ގާޑުން އަދި ލައިފް ބޯޓް އުޅަނދުފަހަރުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް އިންތިޒާމް ހަމަޖެއްސުމަށް ދަންނަވަން. އަދި ޑައިވް ކުރައްވާ ފަރާތްތަކުން ޑައިވް ކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޑައިވް ކުރެއްވުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑިއެފް އިން ބުނީ، ސަލާމަތީގޮތުން މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތައް އެޅުމަށާއި ހެދިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރުމަކީ މިފަދަ ހާދިސާތައް ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށްވެސް އެމްއެންޑީއެފް އިން އިލްތިމާސް ކުރިއެވެ.

އެމްއެންޑީއެފް އިން އެގޮތަށް އިލްތިމާސް ކުރިއިރު، މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ވަނީ ގެނބިގެން މަރުވެފައެވެ. އަދި މިދިޔަ ދެ ދުވަހު ތިން މީހަކު ގެއްލިގެން ވަނީ ހޯދާފައެވެ. މިހާރު އެ ތިން މީހުންވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް