އޮސްޓްރޭލިއާއަށް މަސްތުވާތަކެތި އެތެރެ ކުރި މަލިންޑޯ އެޔާގެ މުވައްޒަފަކު ހައްޔަރުކޮށްފި

އޮސްޓްރޭލިއާއަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި މަލިންޑޯ އެޔާގެ ކުރޫ މެމްބަރަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ގެޓީ

ކެންބެރާ (ޖެނުއަރީ 16): އޮސްޓްރޭލިއާއަށް 14 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އެގައުމުން މެލޭޝިއާގެ މަލިންޑޯ އެޔާގެ ކުރޫ މެމްބަރަކު ހައްޔަރުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި 38 އަހަރުގެ އެކުރޫ މެމްބަރަކީ މެލޭޝިއާއިން އެގައުމަށް މަސްތުވާތަކެތި ގެންދާ ގުރޫޕަކަށް ނިސްބަތްވާ މީހެކެވެ. އަދި ވިއެޓްނާމްގެ ބަޔަކު ހިންގާ އެގޭންގު އޮސްޓްރޭލިއާގައި މަސައްކަތް ކުރާތާ މިހާރު ފަސް އަހަރު ވެދާނެ ކަމަށް ފުލުހުން ލަފާ ކުރި އެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި އެގޭންގުން ވަނީ 14.5 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފަ އެވެ. އެމައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.

"ކެބިން ކުރޫން ބޭނުން ކުރީ މަސްތުވާތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދާ މީހުންގެ ގޮތުގަ. އެމީހުން އާއްމުކޮށް އޮސްޓްރޭލިއާއަށް ވަންނަމުން ދިޔައީ މެލްބަން އާއި ސިޑްނީން،" އޭއެފްޕީން ރިޕޯޓު ކުރި އެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުން ހައްޔަރު ކުރި ކުރޫ މެމްބަރު މަސްތުވާތަކެތި ގެންދިޔައީ އޭނާގެ ހަށިގަނޑުގަ އާއި ލަގެޖުގައި ފޮރުވައިގެންނެވެ.

މަލިންޑޯ އެޔާއިން ވަނީ އެއެއާލައިންގެ މުވައްޒަފަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެއެއާލައިނުން ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށާއި އެމައްސަލައިގައި ހައްޔަރު ކުރީ އެއްމެ ކުރޫ މެމްބަރެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް