ޖޫޑިޝަރީ ރަނގަޅު ކުރެއްވޭނީ ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހުން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފައިލް ފޮޓޯ: މަޖިލިސް

ރާއްޖޭގެ ޖޫޑިޝަރީގެ ކަންތައްތައް މިހާރު އޮތް ގޮތުން ޖޫޑިޝަރީ ހަމައަކަށް އެޅުއްވޭނީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށެވެ. ޖޫޑިޝަރީގެ ކަންތައްތައް މިހިސާބަށް ގޮސްފައި މިއޮތީ ކުރިން ވެރިކަމުގައި އޮތް ސަރުކާރުތަކުން ނާއި ރައްޔިތުންގެ މަޖިލީހުން ޖޫޑިޝަރީގައި މަސައްކަތް ކުރަމުން ގެންދިޔަ ގޮތާ މެދު އަޅާނުލުމުންނެވެ. ޖޫޑިޝަރީގައި މަސައްކަތްކުރައްވާ ބޭފުޅުން ޤާނުނު އަސާސީ އަށާއި ޤާނޫނުތަކަށް އެއިރެއްގައި އޮތް ވެރިކަމަކަށް ބޭނުންފުޅުވާ ތަރުޖަމާ އެއް ކުރައްވައިގެން ބޭނުންފުޅު ގޮތަކަށް ކަންތައް ކުރައްވަން ދޫކުރެއްވުމުންނެވެ. އެމްޑީޕީ ސަރުކާރު ވެރިކަމުން އެކަހެރިވީ، ޖޫޑިޝަރީ، އެބޭފުޅުން ބޭނުންފުޅު ގޮތަކަށް ބަދަލު ކޮށްލުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެވެ. އެބޭފުޅުންނަށް އުނދަގޫވާ ގޮތަށް ބައެއް ނިންމުންތައް ނިންމެވި ފަނޑިޔާރު ގޭގައި ހުންނަވަނިކޮށް، އޭނާގެ ނުރުހުމުގައި އަނބިދަރިންނާއި ޢާއިލާ އާއި ވަކިން ސަރުކާރުގެ މެހެމާނުސަރާ އަށް އޭނާ ގެންދެވުނެވެ. މިހާރު އެކަން ކުރި މީހަކު ވެސް ނެތެވެ. އެކަމުގެ ޒިއްމާ އުފުލާނެ މީހަކު ވެސް ނެތެވެ. އެ ހިތާމަވެރި ޙާދިސާ އާއި ކުރިމަތިވުމުގެ ޒިއްމާ އުފުލަން ޖެހެނީ އޭނާ އަށެވެ. ފަނޑިޔާރު ކަން ޤަބޫލު ކުރެއްވުމުންނެވެ. ޕީޕީއެމްގެ ވެރިކަމުގައި ޖޫޑިޝަރީގެ ނިންމުންތަކާއި އަމަލުތައް ހުރީ ރައްޔިތުން ކަންބޮޑުވާ ދަރަޖަ އަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިތަކާ ވެސް ކުޅުއްވި އެވެ. އެއްދުވަހަކު މެމްބަރެއް ނޫންކަމަށް ނިންމަ ފާނެ އެވެ. އަނެއް ދުވަހު މެމްބަރެއް ކަމަށް ނިންމަ ފާނެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ޤައުމުގައި ޤާނޫނު ހެދުމުގެ އެންމެ ބާރު ގަދަ އެންމެ މުހިއްމު މުއައްސަސާ އެވެ. އެ މަޖިލީހަށް މެމްބަރުން ހޮވަނީ ސީދާ ރައްޔިތުންނެވެ. އެބޭފުޅުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. އެބޭފުޅުންގެ ގޮނޑި ގެއްލޭ ގޮތް ކަނޑައެޅިގެން ޤާނޫނުގައި ސާފުކޮށް އޮވެ އެވެ. ޕީޕީއެމް ސަރުކާރުން ނުރުހޭ ގޮތަށް ޖޫޑިޝަރީން ކަމެއް ނިންމި ތަން އަޅުގަނޑުމެންނަށް ފެނުނީ އެންމެ ފަހަރަކު އެވެ. އެ ފަހަރު ޤައުމުގެ ބޮޑު ފަނޑިޔާރާއި ހިންގުމުގެ ދާއިރާގައި ކަންކަން ނިންމުމުގައި އިސް ކޮށް އުޅުއްވާ ފަނޑިޔާރު އެބޭފުޅުންގެ އޮފީހުން ސީދާ ސަރުކާރުގެ މެހެމާނުސަރާ އަށް ގެންދެވުނީ ވަރަށް އިޙްތިރާމް ކުޑަކޮށް ނެވެ. އެ ބޭފުޅުން އެފަދަ ތަނަކަށް ގެންދިއުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެއްވެސް އިޖުރާތެއް ފުރިހަމަ ނުކޮށެވެ. ފަސް ބޭފުޅަކު އެއްބަސްވެ ވަޑައިގެން ނިންމެވި ނިންމެވުމަކީ އެބޭފުޅުންގެ ވަޒީފާ ގެއްލުމުގެ އެއް ސަބަބު ކަމަށްވެ އެވެ. މި ދެ ޢިލްމުވެރިންގެ ސަރުކާރުގެ މެހެމާނުސަރާގެ ދަތުރުފުޅުގެ ކުރިން ޕީޕީއެމްގެ ބޮޑު އަޣްލަބިއްޔަތު އޮތް މަޖިލީހުން ޖޫޑިޝަރީގައި އެދުވަސްވަރު މަސައްކަތް ކުރެއްވި އެންމެ ޤާބިލު ދެ ބޭފުޅުން ނަކީ މަޤާމަށް ނާޤާބިލު ބޭފުޅުން ކަމަށް ނިންމަވާ އެ ބޭފުޅުންނަށް ނާޤާބިލް ކަމުގެ ޕެންޝަން ދެއްވި އެވެ. ނާޤާބިލްވީ ކިހިނެއްކަމެއް ސާފުކޮށެއް ނުދެއްވަ އެެވެ. އެތަނުން އެއްބޭފުޅަކީ އޭނާގެ ޤާނޫނީ ދެ ފާސް ވެސް އިނގިރޭސިވިލާތުން ހޯއްދެވި ބޭފުޅެކެވެ. އަނެއްބޭފުޅަކީ ޝަރީޢާ އިންނާއި ކޮމަން ލޯ އިން ފާސް ހޯއްދަވާ ފައިވާ ބޭފުޅެކެވެ. ވަރަށް ތެދުވެރިކަމާ އެކު ގިނަ ދުވަހު ޖޫޑިޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް މަޝްހޫރު ބޭފުޅެކެވެ. ބައެއް ރިވާތަކުން ބުނާ ގޮތުގައި އެބޭފުޅުން ނާޤާބިލު ވީ، އެބޭފުޅުންގެ ނިންމެވުންތަކުގައި ޕީޕީއެމް ސަރުކާރުން ބޭނުންވާ ކުލަ ނުޖެހެނީ އެވެ. ޤާނޫނީ ވަކީލަކު އަޅުގަނޑުގެ ކައިރީގައި ވިދާޅުވީ އަޣްލަބިއްޔަތާ ޚިލާފަށް އެ ބޭފުޅުން ވޯޓު ދެއްވާ އިރު ވެސް އެ ގޮތަށް ނިންމެވުމުގެ ޤާނޫނީ ހުއްޖަތާއި ސަބަބުތައް ދެއްވާނެ އެވެ. ތަފާތު ނަޒަރިއްޔާތުން ވިސްނަވާ ބޭފުޅުން އިންޞާފް ހޯދައިދިނުމުގެ މަސައްކަތުގައި އުޅުއްވުމަކީ އެކަމުގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. އެއިރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރަކުން ޤަބޫލުކުރަން ބޭނުން ނުވާ ޙަޤީޤަތަކީ، ސަރުކާރުން އަބަދު ވެސް ބޭނުން ވަނީ ޖޫޑިޝަރީ ސަރުކާރުގެ ކޮޅުގައި އޮތުމަށެވެ. ޖޫޑިޝަރީ އަކީ އެއްވެސް ކޮޅަކަށް ނުޖެހި އޮންނަންވާ ފަރާތެކެވެ. މިހެންވުމާ އެކު ރާއްޖޭ ގައި ޖޫޑިޝަރީގެ މައްސަލަ އަކީ ކުޑަ މައްސަލަ އެއް ނޫނެވެ. ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ. މި ކަން ހައްލުކުރުމަށް ކެރޭ، ކުޅަދާނަ، އިޚްލާޞްތެރި ސިޔާސީ ލީޑަރަކު، ދިވެހި ސިޔާސީ އުދަރެހުން އަދި އަޅުގަނޑަކަށް ނުފެނެ އެވެ. ގިނަ ފަހަރަށް ސިޔާސީ ވަޢުދަކީ ވޯޓު ހޯދަން ކުރާ ވަޢުދެކެވެ. އިންތިޚާބު ކާމިޔާބު ވުމުން ވަކި ފަރާތަކަށް ނުޖެހޭ ޢަދުލުއިންޞާފެއް ދިނުން ކަހަލަ ފުއްދަން އުނދަގޫ ވަޢުދު ގާދޫކޮލުން ނުކުމެގެން ބޭރަށް ދަމާ އޮޔާ އެކު ފަސްއަހަރު ދުވަސް ވާންދެން ދުރަށް ދަތުރު ކުރަނީ އެވެ.

ޤާނޫނު އަސާސީގެ މުޞަންނިފުން ޖޫޑިޝަރީގައި ކަންތައްތައް ހިންގަން ކަނޑައަޅާ ފައި އޮތް ގޮތް ސަރުކާރަށް ނޭގެނީ އެއް ނޫނެވެ. ސަރުކާރުން އަޅާނުލަނީ ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ބޮޑެތި މައްސަލަތައް ނިމިގެން ދާތީވެ އެވެ. ފާއިތުވި ފަސް އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް އޮތީ ވެރިކަން ކުރި ޕާޓީ އަށް ވުމާ އެކު، އެ ޕާޓީގެ މެމްބަރަކަށް ރަސްމީ ރޮނގު ހުރަސްކޮށް، ޕާޓީގެ އެތެރެއިން ނުނަގާ އުޞީލީ މައްސަލަ އެއް ނަންގަވަން ބޭނުންފުޅެއް ނުވެ އެވެ. ސުލޫކީ ފިޔަވަޅު އެޅިދާނެތީ ވެއެވެ. އަދި އެބޭފުޅުން ސަރުކާރާ އެކު ބާއްވާ ގާތްގުޅުމަށް ހިޔަނި އެޅެން ބޭނުންފުޅު ނުވާތީވެ އެވެ. އެބޭފުޅުންގެ އަމިއްލަ އެޖެންޑާގައި ހުންނަ ކަންތައްތައް ސަރުކާރު މެދުވެރިވެގެން ކުރައްވަން ދަތިފުޅުވެދާނެތީވެ އެވެ. ސަރުކާރު ނުރުހޭ ގޮތަށް ނިމިގެން ދިޔައީ ބޮޑު އެންމެ މައްސަލަ އެކެވެ. އެކަމުގައި ޝާމިލުވެ ވަޑައި ގެންނެވި ދެބޭފުޅުން ވަޑައިގަންނަވަން ޖެހުނީ ގެއަށެވެ. އެބޭފުޅުންގެ މައްޗަށް ބައިވަރު އެހެން ތުހުމަތުތަކެއް ކުރެވުނު ކަން ވެސް އެނގެ އެވެ. އޮޅުވާނުލައްވާށެވެ! ޖޫޑިޝަރީގައި ކަންތައްތައް ނިމިގެންދަނީ ސަރުކާރުގެ ނުފޫޒުންނޭ ފަހަރެއްގައި ވެސް އަޅުގަނޑު ނުދަންނަވަމެވެ. އަދި ވަކި ފަރާތަކުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމެގެ އުޞޫލެއް އޮންނަ ވާހަކަ ވެސް އަޅުގަނޑު ނުދަންނަވަމެވެ. އަޅުގަނޑަށް އެކަން ނޭގޭތިވެ އެވެ. އަޅުގަނޑު ހަމައެކަނި މިދެންނެވީ އަޅުގަނޑުގެ ލޮލަށް ފެންނަމުން ދާ މަންޒަރުގެ ވާހަކަ އެވެ.

އިދިކޮޅު ޕާޓީތަކުގައި ޝާމިލުވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހުރިހާ ބޭފުޅުން ގުޅިވަޑައިގެން ޖޫޑިޝަރީ ރަނގަޅު ކުރުމަށް ބިލެއް، ހުށައެޅުމެއް، ޤަރާރެއް މަޖިލީހުގެ ތަޅުމާ ހަމައަށް ގެންދެވުނުކަމެއް އަޅުގަނޑަށް ފާހަގަ ކުރެވިފައެއް ނުވެ އެވެ. އެހެނެއް ނޫނެވެ. ހުށައެޅިފައި އޮންނަ މައްސަލަ އެއްގެ ބޭރުން، ނުވަތަ މައްސަލަ އެއްގެ ތެރެއިން ހަވާސާ ގައި، ފަރުދީގޮތުން، ދޭތެރެ ދޭތެރެ އިން، ޖޫޑިޝަރީގައި ކަންތައް ހިނގާގޮތާ މެދު އެބޭފުޅުންގެ ހިތްޕުޅު ހަމަނުޖެހުމުގެ ޝުޢޫރު ފާޅު ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ޤައުމުގައި ކަންކަން ހިގަނީ ރަނގަޅަށްތޯ ބެލުމަށް ރައްޔިތުންގެ ފަރާތުން ފާރަވެރިވާ ފަރާތެވެ. މިކަން ރަނގަޅަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އެކިއެކި ކަންކަމަށް ފާރަވެރިކުރުމަށް، މަޖިލީހުގެ ތެރެއިން ލިބެން ހުރި ކަމުގެ ޢިލްމީ ނުވަތަ ޝަޢުޤު ވެރިވާ، ނުވަތަ ތަޖުރިބާ ލިބިފައި ތިބި މެމްބަރުންގެ މައްޗަށް، ކޮމިޓީތަކެއް އެކުލަވަ އެވެ. ޕާޓީތަކަށް މަޖިލީހުގައި ގޮނޑި ލިބިފައި އޮންނަ ނިސްބަތުންނެވެ. މިގޮތަށް ހަމަޖެހިފައި އޮންނަނީ ސަރުކާރުގެ ތަފާތު މުއައްސަސާތައް ހިގާ ގޮތް ގާތުން ބެލުމަކީ މުޅި މަޖިލީހަށް ވާނެ ކަމަކަށް ނުވާނެތީވެ އެވެ. އެފަދަ ކަންތައްތައް މުޅި މަޖިލީހަށް ނުބެލޭނެތީވެ އެވެ. ތަފާތު ކޮމިޓީތަކާއި، ތަފާތު މުއައްސަސާތަކުގައި މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ހަވާލު ކުރެވިފައި އޮވެ އެވެ. ޖޫޑިޝަރީގައި މަސައްކަތްކުރާ ގޮތް ބެލުމަށް ވެސް ކޮމިޓީއެއް އޮވެ އެވެ. އެ ކޮމިޓީ އަށް ބައެއް ފަހަރު ޖޫޑިޝަރީގެ ބައެއް ބޭފުޅުން ޙާޒިރު ކުރެ އެވެ. އަޅުގަނޑަށް މީޑިއާ އިން ފެނިފައި ވަނީ އެބޭފުޅުން ނަންގަވަނީ ތިލަފަށުގައި ހުންނަ މައްސަލަތައް ކަމެވެ. ޖޫޑިޝަރީއާ މެދު ޢާއްމު ރައްޔިތުންގެ އެންމެ ކަންބޮޑުވުން ހުރި އެއްވެސް މައްސަލައެއް އެ ކޮމިޓީގެ މެމްބަރުން ނަންގަވާ ފައި އޮތް ކަމަކަށް ޢާޢްމު ވެފައެއް ނުވެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންތައްތަކާ ބެހޭ ގޮތުން ވެސް ފާޑުކިއަ އެވެ. ޖޫޑިޝަރީން ނިންމާ ކަންތައްތަކާ ބެހޭ ގޮތުން ވެސް ފާޑު ކިޔޭނެ އެވެ. ފާޑުކިޔަންޖެހޭ ދަނޑިވަޅުގައި ފާޑުކިޔަން ވާނެ އެވެ. އެހެނެއް ނޫނެވެ. ކޯޓަކުން ނިންމާފައި އޮތް ޝަރީޢަތަކާ ބެހޭ ގޮތުން ފާޑުކިޔޭނީ ޢިލްމީ ދިރާސާ އެއްގަ އެވެ. ޢިލްމީ ގޮތުންނެވެ. ޑެމޮކްރަސީ އެއްގައި ޤަައުމުގައި ކަންތައްތައް ހިންގަން ތިބޭ މީހުން ކަންތައްތައް ކުރަނީ އެންމެ ރަނގަޅު ގޮތަށް ކަމަށް ނުފެނިގެން އެކަމަށް ފާޑު ނުކިއޭ ނަމަ ޑެމޮކްރަސީ އެއް އޮތުމުގެ ބޭނުން ކެނޑުނީ އެވެ. މާނަ ގެއްލުނީ އެވެ. މި ޙައްޤަކީ ޤާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިދީފައި އޮތް ޙައްޤެކެވެ.

comment ކޮމެންޓް