މި ފްރިޖު ދޮރު ހުޅުވާފައި ދިޔުމުން ފޯނަށް އެނގުންވޭ

މިއީ އާދައިގެ ފްރިޖެއް ނޫނެވެ. "ސްމާޓް" ފްރިޖެކެވެ. އިލެކްޓްރޯނިކްސް އަދި އިލެކްޓްރިކްސް އުފެއްދުންތައް އުފައްދާ ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު މި ފްރިޖަކީ މި ގެންގުޅޭ ސްމާޓް ޑިވަސްތަކާ އެއްވަރުގެ އުފެއްދުމެކެވެ.

އާންމުކޮށް ދިމާވާ ކަމަކަށް ނުވިޔަސް، ބައެއްފަހަރު ހަނދާން ނެތިގެން ފްރިޖުގެ ދޮރު ލައްޕަން ހަނދާން ނެތިފައި ހުރެއެވެ. މި ފްރިޖުގެ ދޮރު ނުލެއްޕި ހުރިނަމަ، އެކަން ފޯނަށް ނޮޓިފައި ކޮށްދެއެވެ. ސެމްސަންގުގެ ސްމާޓް ފްރިޖުތަކުގައި ރައްކާކޮށްފައި ހުންނަ ކާބޯތަކެތި ބަލާލުމުގެ ފުރުސަތުވެސް ހާއްސަ އެޕެއް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް މިހާރު އޮވެއެވެ.

ސެމްސަންގުން ބުނީ ފްރިޖަކީވެސް ސްމާޓް ހޯމް އެސިސްޓެންޓަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އެކުންފުނިން މިހާރު ދަނީ ވައިފައި ދޮންނަ މެޝިނެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މެޝިނަކީ އާންމު އެހެން މެޝެންތަކަށްވުރެ އަވަހަށް އަދި ރީއްޗަށް އަންނައުނު ދޮވެވޭނެ މެޝިނަކަށް ވާނެއެވެ.

ސެމްސަންގުގެ ފޯނުތަކުގައި ހިމަނާފައިވާ ބިކްސްބީ، އެމީހުންގެ އެޕްލަޔަންސްތަކުގައި ހިމަނައި، ބިކްސްބީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްވެސް ސެމްސަންގުން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް