ބްރެކްސިޓްގެ މައްސަލައިގައި އިނގިރޭސީންނަށް ދެން އޮތީ ތިން ހައްލެއް!

ބްރެކްސިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްތަކުން ނޫނެކޭ ބުނުމުން އިނގިރޭސިވިލާތަށް މިވަނީ މި ކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮންޖެހުންތަކާއެކު މިމައްސަލަތައް ހައްލުކުރުމުގައި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ކުރިމަތީގައި އޮތީ އެންމެ ތިން ގޮތެކެވެ.

އެއީ އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ދޫކޮށްލުން ނޫނީ އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުން މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމަކަށް ދިޔުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދާއެކު އަލުން ވާހަކަތައް ފެށުން ނޫނީ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އިތުރު ވޯޓެއް (ފެންނަ ނުފެންނަ) ނެގުމެވެ.

ފުރަތަމަ ގޮތަށް ބަލާއިރު އެއީ ފަސޭހަ ހައްލެއް ނޫނެވެ. ސަބަބަކީ ބްރެކްސިޓާމެދު އިނގިރޭސި ރައްޔިތުން ވަކި ގޮތަކަށް ނިންމާފައި އޮއްވައި އެކަން ތަންފީޒުނުކޮށް ހަމައެކަމާބެހޭގޮތުން އިތުރު ވޯޓަކަށް ދިޔުމެވެ. މިއީ އިނގިރޭސިވިލާތުން ޑިމޮކްރަސީގެ ނަމުގައި ގެންގުޅޭ އުސޫލުތަކާ މުޅިން ފުށުއަރާ ކަމެކެވެ. މިކަން ކޮށްފިނަމަ އިނގިރޭސި މުޖްތަމައު ބައިބައިވެ ހަމަނުޖެހުންތަކާ ކުރިމަތިލާންޖެހުމުގެ ބިރު ވަރަށް ބޮޑެވެ.

ދެވަނަ ހައްލަށް ބަލާއިރު އިގްތިސާދީ ގޮތުން އިނގިރޭސިވިލާތަށް މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމަކަށް ދިޔުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދާ ވާހަކަދެއްކުމަކީވެސް އޮތް ފުރްސަތެއް ނޫނެވެ. މިފުރްސަތު އިނގިރޭސިވިލާތަށް ދެން ނުދެވޭނެކަން ޔޫރަޕްގެ އިއްތިޙާދުގެ ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓުސްކުވަނީ އެތަށް ފަހަރަކު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ މިހާރު ވެފައިވާ ބްރެކްސިޓްގެ އެއްބަސްވުމަކީ ދެވެންއޮތް އެންމެ ބޮޑު ދޫ އިނގިރޭސިވިލާތަށް ދީގެން އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާތީއެވެ. މިއަށްވުރެ ބޮޑު ދުލެއް ދިނުމަށް ޔޫރަޕްގެ ލީޑަރުން ދެކޮޅު ހައްދަވާނެތީއެވެ. އެހެންކަމުން އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުން މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމެއް ޔޫރަޕްގެ އިއްތިޙާދާއެކު ވުމަކީވެސް އިނގިރޭސި ސަރުކާރަށް އޮތް ޚިޔާރެއް ނޫނެވެ.

ދެން އޮތީ ވާނެ ހާލެއްގައި ވުމަށް (އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް) ދޫކޮށްލުމެވެ. މިހެންވެއްޖެނަމަ އިނގިރޭސި އިގްތިސާދު ހަލާކުގެ ތެރެއަށް ވެއްޓޭނެ ކަމާއި އިނގިރޭސި ކުންފުނިތަކަށް ޔޫރަޕްގެ އިއްތިޙާދާ މުއާމަލާތް ކުރާނެ ގޮތެއްނެތުމުން ކުންފުނިތައް ބަނގުރޫޓް ވުމުގެ ފުރްސަތު ބޮޑު ކަމަށް އިނގިރޭސި އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. ސަބަބަކީ ޔޫރަޕްގެ އިއްތިޙާދު އެއްކޮޅުގައި އޮވެފައި އިނގިރޭސިވިލާތް އަނެއްކޮޅުގައި އޮންނަ އިރު ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރާނެ ގޮތެއް އަދި އެއްބަސްވުމެއް އުސޫލެއް ނެތުމުން ގެއްލުންވާނީ އިނގިރޭސި އިގްތިސާދަށް ކަމަށްވާތީއެވެ.

އިނގިރޭސި އިގްތިސާދަކީ ޔޫރަޕްގެ އަނެއް 27 ގައުމުގެ އިގްތިސާދާ އަޅާބަލާއިރު ވަރަށް ކުޑަ އިގްތިސާދެކެވެ. މީގެއިތުރުން އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ދޫކޮށްލައިފިނަމަ ޔޫރަޕްގެ އެހެން ގައުމުތަކާއި އިނގިރޭސިވިލާތްޖެހި އިގްތިސާދީ އަދި ގާނޫނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް މުޅި ގައުމު ވެއްޓިގެންދާނެތީ މިފަދަ ހާލަތެއްގައި ޔޫރަޕަށްވުރެ ބޮޑަށް ގެއްލުންވާނީ އިނގިރޭސިވިލާތަށް ކަމަށް ތަޖްރިބާކާރުން ދެކެއެވެ. މިފަދަ ހާލަތެއްގައި އިނގިރޭސި ކުންފުނިތަކަށާއި އިގްތިސާދަށް ވާނެ ގެއްލުންތައް އަންދާޒާ ކުރަންވެސް ނޭނގޭކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެއެވެ.

ކޮންމެއަކަސް ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭގޮތުން އެކުލަވާލާފައިވާ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްޔަތަކުން މިވަނީ ނޫނެކޭ ބުނެފައެވެ. މިއާއެކު ތެރީސާ މޭގެ ކުރިމަތީގައި އޮތީ މިމައްސަލަ ހައްލު ކުރުމާމެދު ސަރުކާރުން ނިންމާ ގޮތެއް ތިން ދުވަހުގެ ތެރޭގައި ހައުސް އޮފް ކޮމަންސަށް އެންގުމެވެ. ކޮންމެ ގޮތެއްގައިވެސް މިއަހަރުގެ 29 މާޗް ގައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެތީ މަތީގައިވާ ތިން ހައްލުގެ ތެރެއިން ކޮންމެވެސް ހައްލަކާ ދިމާއަށް ދިޔުމަށް ތެރީސާގެ ސަރުކާރަށް މަޖްބޫރުވާނެއެވެ.

މިއިން އެއްވެސް ހައްލަކާ ދިމާއަށް ނުގޮސްފިނަމަ ދެން އޮތީ މިހާރު ދެކޮޅުހެދި އެއްބަސްވުމަށް ކުދިކުދި އިސްލާހް ތައް ގެނަސްގެން އެ އެއްބަސްވުމަށް ރުހުން ދިނުމުގެ މުހިއްމުކަން ހައުސް އޮފް ކޮމަންސްގެ ގިނަ މެންބަރުންނަށް ތެރީސާގެ ސަރުކާރުން ވިސްނައި ދީ އަލުން ހައުސްގެ ވޯޓަކަށް އެހެމެވެ.

ބްރެކްސިޓް އެއްބަސްވުމާބެހޭގޮތުން ހައުސްގައި ނެގި ވޯޓުގައި އެއްބަސްވުމާ ދެކޮޅަށް 432 މެންބަރުން ވޯޓު ދެއްވާފައިވާއިރު އެއްބަސްވުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ އެންމެ 202 މެންބަރުންނެވެ. ބްރެކްސިޓްގެ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ކޮންޒަވެޓިވް ޕާޓީގެ މެންބަރުންގެ ތެރެއިންވެސް ގިނަ ބޭފުޅުން ހިމެނޭތީ މިހާ ގިނަ މެންބަރުންތަކެއްގެ ޚިޔާލު ބަދަލުކުރުމަކީވެސް ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް ޔޫރަޕާ ވާހަކަ ދައްކައިގެން މިހާރުގެ އެއްބަސްވުމަށް ކަސްޓަމްސްގެ މައްސަލަތަކާއި އަޔަލޭންޑްގެ ސަރަހައްދީ ރޮނގުގެ މައްސަލައާ ގުޅޭ ބައިތަކަށް އިސްލާޙް ގެނެވިއްޖެނަމަ ބައެއް މެންބަރުންގެ މިއެއްބަސްވުމަށް ތާއީދު ކުރައްވާނެ ކަމުގެ އުންމީދު އެބައޮތެވެ.

ބްރެކްސިޓްގެ ވޯޓަށްފަހު އިނގިރޭސި އިދިކޮޅު ލީޑަރު އަދި ލޭބަރ ޕާޓީގެ ޒައީމް ޖެރިމީ ކޮބިން ވަނީ ތެރީސާގެ މޭގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ހައުސް އަށް ހުށަހަޅާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް ހައުސްގައި ގިނައީ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މެންބަރުން ކަމަށްވާތީ އިތުބާރުގެ ވޯޓުން ތެރީސާ އާއި ވެރިކަންކުރާ ކޮނަޒަވެޓިވް ޕާޓީ ސަލާމަތްވެ ވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް