ދެ ގްރޭޑް ވަކިކޮށް، ހަންޏާމީދޫ ސްކޫލްގެ ކިޔެވުން ފަށައިފި

އދ. ހަންޏާމީދޫ ސްކޫލު: އެ ސްކޫލުގެ ގުރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުން ސްކޫލަށް މިއަދު ފޮނުވައިފި--- ފޮޓޯ: ބެލެނެވެރިއެއް

ބެލެނިވެރިން އެދުނު ގޮތަށް ދެ ގްރޭޑް ވަކިކުރުމުން، އދ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުން ސްކޫލަށް ފޮނުވައި މިއަދު އެ ސްކޫލުގައި ކިޔެވުން ފަށައިފި އެވެ.

"ސަން"އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނި ގޮތުގައި އެ ދެ ގްރޭޑުގެ ދަރިވަރުން ވެސް މިއަދު ސްކޫލަށް ފޮނުވީ އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައިވާތީ އެވެ.

"މިނިސްޓްރީ އިން އަންގައިފި ދެ ގުރޭޑް ވަކިން ކިޔަވަދޭން ފަށާނެ ވާހަކަ. އެހެންވެ މިއަދު ދެ ގުރޭޑު ކުދިން ވާނީ ސްކޫލަށް ފޮނުވާފައި. މިއަދުން ފެށިގެން ދެ ގުރޭޑުގެ ކިޔެވުން ދާނީ ވަކި ވަކިން،"

އެ މައްސަލައާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެ ރަށު ސްކޫލްގައި ގްރޭޑް ހަތަރެއް އަދި ފަހެއްގައި ކިޔަވަނީ ޖުމުލަ 18 ކުދީންނެވެ.

ސަން އާ ވާހަކަ ދެއްކި ބެލެނެވެރިޔާ ބުނި ގޮތުގައި، އެ ރަށުގެ ބެލެނެވެރިން ބޭނުން ވަނީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ކްލާސްތައް ވަކި ވަކީން ނަގައިދިނުމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ، ގްރޭޑުތައް ވަކި ކުރަން އެ ރަށުގެ ބެލެނެވެރިން މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ މަލްޓި ގްރޭޑުކޮށް ކިޔަވައިދިނުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވާ ކަމަށް ބުނެ އެވެ.

"އަސްލު ދެ ގްރޭޑުގެ ކުދިން އެއްކޮށް ކިޔަވައިދިނީމާ ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވޭ. ސަކަރާތް ބޮޑުވޭ،"

އެ ބެލެނިވެރިޔާ ބުނީ މަލްޓި ގުރޭޑުކޮށް ކިޔަވައިދިނުން ހުއްޓާލުމުގެ ސަބަބުން ބެލެނިވެރިން ހިތްހަމަޖެހޭ ކަމަށާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށެވެ.

"ކުޑަ އާބާދީއެއްގައި މަލްޓި ގްޜޭޑް ސިސްޓަމަކަށް ކިޔަވައިދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ދެން އަޅުގަނޑުމެން މިހާރު މި ބަލަމުންދަނީ އެކަމުގައި ހުރި ކަންބޮޑުވުންތައް. އެ މައްސަލަ ހައްލުކުރުމަށް މިހާރު އެރަށަށް ވަނީ ޓީމެއް ވެސް ފޮނުވާފައި،" ޑރ. އައިޝަތު އަލީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ހަންޏާމީދޫ ސްކޫލުގައި 100 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެ އެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ.

comment ކޮމެންޓް