ތަޖުރިބާކާރު ގޯލް ކީޕަރު ޕީޓާ ޗެކް ކުޅުން ހުއްޓާލަން ނިންމައިފި

ޕީޓާ ޗެކް އެފްއޭ ކަޕްގެ ޓުރޮފީ އުފުލާލަނީ -- ލައިވް ސޮކާ ހަބަރު

އާސެނަލް އަދި ޗެލްސީއަށް ކުޅެފައިވާ ތަޖުރިބާކާރު ގޯލް ކީޕަރު ޕީޓާ ޗެކް މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށް ބުނެފިއެވެ.

އިިނގިރޭސި ޕްރިމިއަރ ލީގުގައި 15 އަހަރު ދުވަހު ޗެކް ވަނީ ކީޕަރެއްގެ މަގާމު އަދާކޮށްފައެވެ. މިއަދުގެ ވަގުތެއްގައި ޗެކް އޭނާގެ ސޯޝަލް މީޑިއާގައި ކުޅުން ހުއްޓާލާނެކަން ވަނީ އިއުލާން ކޮށްފައެވެ.

އޭނާ ބުނެފައިވަނީ ފުޓްބޯޅައިގެ ހަޔާތުގައި ކުރަން ބޭނުންވި ހުރިހާ ކަމެއް އެނާއަށް ހާސިލް ވެއްޖެ ކަމަށާއި އޭނާގެ "އަންގި ކުޅުމުން އެލުވާލަން މިހާރު ތައްޔާރު" ކަމަށެވެ.

ޕީޓާ ޗެކް ކުޅުމުގެ ތެރެއިން ނަގާފައިވާ މަންޒަރެއް -- ގާނާސޮކާނެޓް

މިއީ 36 އަހަރުގެ ޕީޓާ ޗެކް ޕުރޮފެސަނަލް ކީޕަރެއްގެ ގޮތުގައި ކުޅެމުން އަންނަ 20 ވަނަ ސީޒަން އެވެ. 2004 ވަނަ އަހަރު ފުރާންސްގެ ކުލަބް ރެނޭސް އިން ޗެލްސީއަށް ބަދަލުވެ ބޮޑެތި ކާމިޔާބުތަކެއް ޗެކް ވަނީ ހޯދާފައެވެ.

ޗެލްސީ އަށް ކުޅުނު 11 އަހަރުގެ ތެރޭގައި ހަތަރު ޕުރިމިއާ ލީގާއި އެއް ޗެމްޕިއަންސް ލީގު ޗެކް ވަނީ ހޯދާފައެވެ. މީގެ އިތުރުން އެ ކުލަބްގެ ދިގު ތާރީހުގައިވެސް އެންމެ ގިނަ ކުލީން ޝީޓް ހަދާ ކުލަބުގެ ރެކޯޑެއްވެސް ޗެކް ވަނީ ގާއިމު ކޮށްފައެވެ.

ގިނަ ދުވަސް ތަކެއް ޗެލްސީގައި މަޑު ކުރުމަށް ފަހު އެ ޓީމާއި އެންމެ ވާދަވެރި އާސެނަލަށް 2015 ވަނަ އަހަރު ޗެކް ބަދަލުވިއެވެ. އަދި އާސެނަލް އާއި އެކު 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ.

"މިއީ އަހަރެންގެ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ހަޔާތުގައި ހޭދަކުރާ 20 ވަނަ އަހަރު. އަދި މިކަމުން ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއްވެސް ކާމިޔާބު ކުރެވިއްޖެ. މި ވަގުތަކީ އަހަރެން ފުޓުބޯޅަ ކުޅެން ހުއްޓާލަން އެންމެ މުނާސަބު ވަގުތު." ޕީޓާ ޗެކް އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

comment ކޮމެންޓް