ފާޑުކިޔުންތަކުން ޞަލާޙަށް ލިބެނީ އިތުރު ހިތްވަރެއް: ހެންޑަރސަން

ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ޞަލާހް ގޯލު ޖެހުމަށް ފަހު ހުއްޓިލައިގެން--

ލިވަޕޫލްގެ ފޯވާޑް މުހަންމަދު ޞަލާޙަށް މީހުންގެ ފަރާތުން އަންނަ ފާޑުކިޔުންތައް ދިފާއުކޮށް އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަރސަން ވާހަކަދައްކައިފިއެވެ.

ހެންޑަރސަން ބުނީ، މީހުންގެ ފާޑު ކިޔުމުން ޞަލާހަށް ލިބިގެންދަނީ އިތުރު ހިތްވަރެއް ކަމަށެވެ.

މުހައްމަދު ޞަލާހު ވަނީ ވޭތުވެ ދިޔަ ދެ މެޗުގައި ވެސް ޕެނަލްޓީއެއް ހޯދައި ލިބުނު ދެ ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޞަލާހު ޕެނަލްޓީ ހޯދަން ގަސްތުގައި ވެއްޓިގަތީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

މުހައްމަދު ސަލާހް ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ--

މިސްރުގެ ފޯވާޑް ޞަލާހު ދަނީ ހިނގަމުން މިދާ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއް ވެސް ޖަހަމުންނެވެ. އެގޮތުން 22 މެޗު ކުޅެ 14 ގޯލު ޖަހައި މި ސީޒަނުގެ ޕްރިމިއަރ ލީގުގަ މިވަގުތު އެންމެ ގިނަ ގޯލު ޖަހާފައިވާ 3 ކުޅުންތެރިންގެ ތެރޭގައި ޞަލާހް ވަނީ ހިމެނިފައެވެ.

"އެއީ ޕެނަލްޓީއެއް، ހަމަ ސީދާ ޕެނަލްޓީއެއް. އެކަމު ދެން އިތުރަށް މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" އިނގިރޭސިވިލާތުގެ މީޑިއާތަކާ ވާހަކަދައްކަމުން ހެންޑަސަން ބުންޏެވެ.

"އޭނަ ދަނޑުމަތީ ކުރާ ބައެއް ކަން ކަމަކީ އަބަދު ފެންނާނެ ކަންކަމެއް ނޫން، ވީމާ އަހަރަމެން ޖެހޭނެ އެކަން ބަލައި ގަންނަން. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް."

މުހައްމަދު ސަލާހް ޕެނަލްޓީީީިި ޖެހުމުގެ ތެރެއިން

މިދިޔަ ސީޒަންގައި އިނގިރޭސި ލީގުގެ އެންމެ ގިނަ ގޯލް ޖަހާފައިވާ ޞަލާހު ކުޅޭތަން ބެލުމަކީ ގިނަ ބަޔަކަށް ހިންހަމަ ޖެހުން ގެނުވާ ކަމެއް ކަމަށާއި އޭނާގެ ހުނަރުވެރި ކުޅުމަށް ތައުރީފު ކުރަން ޖެހޭކަމަށް ވެސް ހެންޑަސަން ބުންޏެވެ.

"ޞަލާހު ދެކެ ހިތްހަމަ ނުޖެހުން ފާޅުކޮށް ކިތަންމެ ވަރަށް ޕްރެޝަރު ކުރިޔަސް އޭނާއަކަށް އަސަރެއް ނުކުރާނެ. އިތުރަށް އޭނަގެ ކުޅުން ރަނގަޅު ވާނީ. އޭނައަކީ އެއަށް ވުރެން މާ އަޒުމް ވަރުގަދަ ކުޅުންތެރިއެއް."

comment ކޮމެންޓް