"އައި އެމް ސޮރީ ނާލް! އައި އެމް ސޮރީ..." އިޒިއަންގެ އަނގައިން އެ ބަސްތައް ބޭރުވަމުން ދިޔައިރު އެ އަޑުގައިވި ވޭނާ ރިހުން ސިއްރެއްނުވިއެވެ. އަޑުގައި މަޑު ތުރު ތުރެއްވީ އޭނާގެ ހިތަށް ވަމުން ދިޔަ ގޮތުން ވާހަކަ ދައްކަން އުނދަގޫވީތީއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމަށްފަހު ތުންފަތް ތެތްމާލީ ލިބިފައިވާ ހާސްކަން ދުރުކުރަން އުޅޭފަދައަކުންނެވެ.

އެތަށް އިރަކު އަނާލްގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލައިގެން އިޒިއަން އިނެވެ. އެހެން އިންއިރު އެހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހިން އޭނާ ބައެއްފަހަރު ދެފަރާތަށް ބޯހޫރާލައެވެ. އަނެއްބައި ފަހަރު ނިތްކުރިމަތީގައި އަތް ހާކާލާނެއެވެ. އަނގަމަތި ފުހެލާނެއެވެ. ގޮނޑީގައި އިށީނދެ އަނާލްއަށް ނަޒަރު ހުއްޓާލައިގެން އިން އިޒިއަންއަށް ސިހުން ގެނުވީ ކުއްލިއަކަށް ވަރަށް ބާރު މިނުގައި ދޮރު ހުޅުވުނު އަޑަށެވެ. އޭނާ ދޮރާ ދިމާލަށް ބަލާލިއިރު އައްމާރުއާއި އަންހެނުން މަޒާޔާގެ އިތުރުން އެ އާއިލާގެ އިތުރު މެންބަރުން ވެސް ވަންނަނީއެވެ. އިޒިއަން ގޮނޑިން ތެދުވަމުން ދުރަށް ޖެހިލިއެވެ. އަދި އައްމާރުއަށް ބަލާލާ އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. އައްމާރު އިޒިއަންއަށް ބަލާލަމުން ބޯ ޖަހާލީ ހާސްނުވާށޭ ބުނަމުންނެވެ. އޭނާ އިޒިއަންގެ ބޮލުގައި އެއިން އެއްވެސް ކަމެއް ނާޅުވަމޭ ބުނާކަހަލަ ގޮތަކަށެވެ.

ރަކީންއާއި ޝާހީން ވެސް އައިސް އެނދު ގާތަށް ހުއްޓުނެވެ. އިޒިއަން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

"ނާލްއަށް ކިހިނެތްތަ ވީ؟" މަޒާޔާއަށް ސުވާލުކޮށްލެވުނެވެ. އޭނާ ބޭނުންވީ ވީ ގޮތުގެ އެންމެ ފުރިހަމަ ތަފްސީލެވެ. އެހެންކަމުން އިޒިއަންއަށް ބަލާލަމުން އޭނާ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އަނާލްގެ ކައިރިއަށް ޖެހިލާ ބޮލުގައި ފިރުމާލުމާއެކު މަޒާޔާގެ ބަޑި ފަޅައިގެން ގޮސް ރޮވިއްޖެއެވެ. ރޮމުންރޮމުން އޭނާ ދެވަނަ ފަހަރަށް ވެސް އިސްޖަހާލައިގެން ހުރި އިޒިއަންއަށް ބާލާލާ ސުވާލުކޮށްލިއެވެ. އިޒިއަން އިސް އުފުލާލަމުން މަޒާޔާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. މަޒާޔާގެ ލޮލުން އޭނާއަށް ކަންބޮޑުވުމާ ހާސްކަން ފިޔަވާ އިތުރު އެއްޗެއް ނުފެނުނެވެ. މައެއް ދަރިއަކުދެކެ ވާ ލޯބި ސާފު ބިއްލޫރު ކޮޅެއްގެ ސިފައިގައި އިޒިއަންއަށް ފެންނަމުން ދިޔައެވެ. އިސްޖަހާލެވުނީ އެހެންވެއެވެ. އަނާލްއަށްވި ހުރިހާ ކަމެއްގެ ޒިންމާ އޭނާ ނަގަން ޖެހޭނެކަމަށް އެ ސިކުނޑިއަށް ވިސްނުނީތީއެވެ. އިޒިއަން ހިތްވަރު ކޮށްފައި ވީ ގޮތް ކިޔައިދިނެވެ.

އެންމެން އެތަނުގައި ތިއްބާ ދޮރު ހުޅުވާލާފައި ވަތް ރަމްޔާ ފެނި އައްމާރު ހިނިތުންވެލިތަން ފެނުނެވެ. ދެންތިބި އެންމެން ވެސް ޑރ ރަމްޔާއަށް ތަންދެމުން އެއްފަރާތަކަށް ޖެހިލިއެވެ. ޑޮކްޓަރ ރަމްޔާ އަނާލް ގާތުން އަބަދު ފެންނަމުން ދާތީ އެކަމަށް ވެސް އިޒިއަންގެ ޝައުގުވެރިކަން ހުއްޓުނެވެ. ކުރިން ދުވަހުވެސް އޭނާއަށް އަނާލްއާއި ރަމްޔާއާއި ވަނީ ފެނިފައެވެ. އޭގެ ކުރިން މީޓިން އޮތް ދުވަހުވެސް ފެނުނެވެ. ޑޮކްޓަރ ރަމްޔާއަކީ ސައިކޭޓްރިސްޓަކަށް ވެފައި އަނާލް ރަމްޔާ ގާތުން ފަރުވާ ނަގަނީކަން އިޒިއަންއަށް ގާތްގަނޑަކަށް ޔަގީންވިއެވެ.

"އަޅުގަނޑު ބޭނުން ވާހަކައެއް ދައްކާލަން..." ރަމްޔާ އައްމާރުއަށް ބަލާލަމުން ބުނެލިއެވެ. ރަމްޔާ އިޒިއަންއަށް ބަލާލީ އެތަނުގައި ގެއިން ބޭރު މީހަކަށް ހުރީ ހަމައެކަނި އިޒިއަންއަށް ވީމައެވެ. ވީގޮތް ވިސްނުމާއެކު އިޒިއަން ވާހަކަ ދެއްކިއެވެ.

"އައިލް ވެއިޓް އައުޓް ސައިޑް..." އިޒިއަން ދަމުން އަދިވެސް އެއްފަހަރު އަނާލްއަށް ބަލާލިއެވެ. ރޫމްގެ ދޮރުމަތީގައ ދެފަރާތަށް ހިނގަމުން ދިޔަ އިޒިއަންއަށް އިރުއިރު ކޮޅަކާ އެ ރޫމްގެ ދޮރަށް ބަލާލެވެނީ ރަމްޔާއާއި އެ ދެމެދުގައި ދެކެވެނީ ކޮންވާހަކައެއްބާއޭ ހިތަށް އަރާ ހާލުގައެވެ.

"އަސްލު މި ވީ ގޮތުން އަނާލްއަށް ވަރަށް ބޮޑެތި އަސަރު ތަކެއް ކުރާނެ، މާޒީގައި ދިމާވީ ކުޑަކަމެއް ނޫން، އަދިވެސް އެކަމުން އަރައި ނުގަނެވި އުޅޭއިރު ކުރިއަށް އޮތްތާ މި ފަދަ ކަންތައްތައް ދިމާވަންޏާ، އައެމް ސޮރީ ޓު ސޭ ދެޓް ނާލް ކުރިން ހުރި ސްޓޭޖަށް ވެއްޓުން އެކަށީގެންވޭ... ނާލްގެ ޑޮކްޓަރުގެ ހައިސިއްޔަތުން މި ވާހަކަތައް ހިއްސާކުރުން މުހިންމު ކަމަކަށް ވާތީ މިބުނެލަނީ... ކޮންމެހެން ކުރީގެ ހާލަތަށް ދާކަށް މަޖުބޫރެއް ނޫން... އެކަމަކު ހަމަ ޕޮސިބިލިޓީއެއް... އާއިލާ ގެ ސަޕޯޓް ނާލްއަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަން ޔަގީން ކުރަން... " ރަމްޔާ ފަހަރަކު މީހެއް މޫނަށް ބަލަމުން އަތުން ހަރަކާތް ކުރަމުން ވާހަކަ ދައްކަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ.

"ނާލް" އެންމެންގެ ސަމާލުކަން މަޒާޔާ އަތުލީ އޭނާ އަނާލްއަށް ގޮވާލުމުންނެވެ. އަނާލް މަޑުމަޑުން އެސްފިޔަތަށް ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލިއެވެ. މީހާ ސިއްސައިގެން ދިޔަ ފަދައަކުން އަނާލް ކުޑަ ހަޅޭކަކާއެކު ތެދުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ. މަޒާޔާ އަނާލް ހިފައްޓާލިއެވެ.

"ނޫން ނޫން ނޫން....." ހަމަހޭވެރިކަންވި އަނާލް މަޒާޔާގެ އަތް ފޮޅުވާލަމުން ކޮށްޕާލިއެވެ. އަނާލް ލޯ މަރައިގެން އިންއިރު އެ ނޭވާ އަވަސް ވަމުން ދިޔައެވެ. ރަމްޔާ އަނާލްއާ ކައިރިވެފައި ވާހަކަ ދެއްކިއެވެ.

"ނާލް! ނޭވާ ލާން މަސައްކަތް ކުރޭ! މިތާ ތިބީ ހުސް ނާލްގެ ފެމެލީ މީހުން... އެކަކުވެސް ނާލްއަކަށް ގެއްލުމެއް ނުދޭނެ... މަސައްކަތް ކުރޭ ނާލް! ނާލްއަށް ވާނެ!" ރަމްޔާ ވާހަކަ ދައްކަމުން ދިޔައެވެ. އަނާލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ވަށައިގެންވީ މާހައުލަށް ބަލާލިއެވެ. އައްމާރު މަޒާޔާ ހިފައްޓައިގެން ހުރިގޮތުން ދެންމެ އޭނާއަށް ކޮށްޕާލެވުނީ މަޒާޔާ ކަން އެނގި އަނާލްއަށް ހިންދިރުވާލެވުނެވެ.

"އައި އެމް ސޮރީ...!" މަޒާޔާ ގާތުން މާފަށް އެދުމަށްފަހު އަނާލް އޭނާގެ ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އަދި އެއަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އެންމެން ދޭ މިތަނުން..." އަނާލް ބުނެލިއެވެ.

"ނާލް އިޓްސް އޯކޭ... ހަމަޖެހިބަލަ... ނާލްއަށް...." ޝާހީން ވާހަކަ ދައްކަން ފެށުމާއެކު އަނާލް ކަންފަތުގައި އަތް އަޅާލިއެވެ.

"މި ބުނީނު ނުކުންނާށޭ ހުރިހާ އެންމެން" އަނާލް ހަޅޭއްލަވައިގަންނަމުން ބުނެލިއެވެ. އަނާލްގެ ސިކުނޑިއަށް ބާރުކުރަން ފެށުމާއެކު އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލްގެ ދަށަށް ގެންނަން އުނދަގޫވީއެވެ.

މަޒާޔާ އަނާލްއާ ގާތަށް ފިޔަވަޅެއް އަޅާލި ނަމަވެސް މަޑުކޮށްލަން ޖެހުނީ ރަމްޔާގެ އިޝާރާތަށެވެ. އޭނާ އެދުނީ އެންމެން ނުކުތުމަށެވެ. އައްމާރު ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ދޮރާ ދިމާލަށް ދިޔައެވެ. މަޒާޔާވެސް ކަރުނަވީ ދެލޮލުން އަނާލްއަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް ރަމްޔާއަށް ބަލާލީ އާދޭހުގެ ބެލުމަކުންނެވެ. ރަމްޔާ ބޯ ޖަހާލީ އޭނާއަށް އިތުބާރު ކުރާށޭ ބުނާފަދަގޮތަކަށެވެ.

ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އިޒިއަންއަށް އެންމެން ބޭރަށް ނުކުތުމާއެކު ދެބުމަ އަރުވާލެވުނެވެ. އެތެރޭން ރަމްޔާ ދޮރު ލައްޕާލިތަންވެސް އޭނާއަށް ފެނުނެވެ.

"ނާލް..." އަނާލް ގާތަށް ގޮސް ރަމްޔާ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އޭނާ އެނދުގައި އަނާލް ގާތު އިށީނދެ އަނާލްގެ ކަންފަތުގައި އަޅާފައި އޮތް އަތް ނައްޓުވާލިއެވެ.

"އައި ޖަސްޓް ވޯންޓް ޓު ޑައި..." ވަރުބަލިވެފައިވާ އަޑަކުން އަނާލް ބުނެލިއެވެ. ރަމްޔާ ދެފަރާތަށް ބޯ ހުރާލީ އެފަދަ އެއްޗެއް ބުނެގެން ނުވާނޭ ބުނަމުންނެވެ.

"ނާލް ކީއްވެ މިހާރު އެހާ ހިތްވަރު ދެރަވީ؟" އޭނާ އަނާލްގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ.

"ރަމް! އަހަރެން... އަހަރެންނަކަށް މިކަމުން ސަލާމަތެއް ނުވެވޭނެ... އަހަރެންނާ ހެދި އަހަރެންގެ އާއިލާގެ މީހުންނަށް ވެސް ހާދަ އުނދަގުލެއް ކުރެވޭ... އަހަރެން.... އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް... ކީއްވެތަ އަބަދު އެ ހަނދާންތައް އާވަނީ... މާޒީ މަތިން ހަނދާން ނައްތާ ނުލެވެނީ... އެހާ ދުވަސް ފަހުން ހަމައަކަށް އެޅެމުން ދަނިކޮށް އަނެއްކާވެސް އެ ހަނދާންތައް! ރަމްއަށް އެނގޭތަ؟... އަހަރެންނަކަށް ނޭނގެ ހަނދާނެ އެއްގޮތެއްވެސް މިހާރު.. އެންމެ ދެކެން ބޭނުން ނުވާ މީހާވެސް ފެނިއްޖެ!" އަނާލް ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ގޮސް އެންމެފަހު ޖުމުލަ ބުނެލި އިރު އެ އަޑު ރަމްޔާއަށް ވެސް އިވުނީ ކިރިއަ ކިރިއާއެވެ. އޭނާއަށް ދެބުމަ އަރުވާލެވުނެވެ. އަނާލްގެ ފަރާތުން އިތުރު ތަފްސީލެއް ބޭނުންވާފަދައަކުންނެވެ.

އަނާލް ދެލޯ މަރާ ބާރުކޮށްލުމާއެކު ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އަނާލް ދެ ތުންފަތުގައި ދަތް އަޅާލުމާއެކު ރަމްޔާ ވާހަކަ ދައްކަން ފެށިއެވެ.

"ނާލް... އޭނަ އެއްޗެކޭ ކީތަ؟" ރަމްޔާ އަހާލިއެވެ. އަނާލް އޭނާއަށް އެދުވަހު ހޮސްޕިޓަލުން ފެނުނު ޒުވާނާއާއި އަދި އެ ދެމެދުގައި ދެކެވުނު ވާހަކަ ކޮޅު ރަމްޔާއާ ހިއްސާކޮށްލިއެވެ.

"ނާލް! ނާލްއަށް ތިހެން ތިވަނީ މާ ބޮޑަށް ވިސްނާތިއްޔޭ.. އިންޝާ ﷲ އަދި ހުރިހާކަމެއް ވެސް ރަނގަޅުވާނެ..." ރަމްޔާ ބުނެލިއެވެ.

ގޮނޑި ބަރީގައި އިށީނދެގެން އިން މަޒާޔާ ކަރުނަ ފުހެމުން ދިޔައީ އޭނާގެ ލޮލުން ވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައީތީއެވެ. ކައިރީގައި އައްމާރު އިނެވެ. އޭނާ މަޒާޔާގެ ކޮނޑުގައި ހިފައްޓާލަމުން ހިތްވަރު ދިނެވެ. އެންމެންގެ ސަމާލުކަން އަތުލީ ރޫމްގެ ދޮރު ހުޅުވާލާފައި ނުކުތް ރަމްޔާ އެވެ.

"ޝީޒް އޯކޭ ނައު... ޑޮކްޓަރ ފޮނުވާލާނަން އަނާލް ޗެކް ކޮށްލަން...ދެން މިކަމާ އަދި ކުރީގެ އެއްވެސް ކަމަކާ ބެހޭގޮތުން އަނާލް އާ ވާހަކަ ނުދެއްކުން އަދި ރަނގަޅުވާނީ..." ރަމްޔާ ބުނެލިއެވެ. އަދި ހިނިތުންވެލަމުން އޭނާ ދިޔައީ އަނާލް ގާތަށް ޑޮކްޓަރުން ފޮނުވާނޭ ވާހަކަ ބުނަމުންނެވެ. އެންމެން އެތެރެއަށް ވަތްއިރު އަނާލް އޮތީ ހަމަޖެހިފައެވެ. އެދުވަހު އަނާލް ގެއަށް ދޫކޮށްލެވުނީ އިރު އޮއްސުނު ފަހުންނެވެ.

އެދުވަހުގެ ފަހުން ހަފްތާއެއް ފާއިތު ވެގެން ދިޔައިރުވެސް އިޒިއަންއަށް އަނާލް ފެންނަ ގޮތެއް ނުވިއެވެ. މަސައްކަތްތައް އޭނާ ކުރިޔަސް ކުރަނީ އެކަންޏެވެ. އަނާލްގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ފޯނުން ގުޅައިގެން މަޝްވަރާ ކުރެއެވެ. މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި އަނާލް ނުފެނި އިޒިއަން ހޭދަކުރީ އުނދަގޫ ދުވަސްތަކެކެވެ. އަނާލް ދެކޭ ހިތުން ކެތްމަދުވެ ކިތަންމެ ފަހަރަކު އެގެއަށް ދާންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އިޒިއަންއަށް އެފަދައިން ކަންތައް ކުރާކަށް ހިތްވަރެއް ނުލިބުނެވެ. ކިތަންމެ ރެއަކު އިޒިއަން އަނާލްގެ ހަނދާނުގައި ގޭގެ ބެލްކަނީގައި ހުރެއެވެ. އެހިތަށް ވަމުންދާ ގޮތާމެދު ސުވާލުކުރެއެވެ. އެހިތް އޭނާގެ އިހްތިޔާރުން ބޭރުވެދާނެތީ އެހިތަށް ވިސްނައިދޭން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އިޒިއަންއަށް ބާރެއް ނުފޯރުވެއެވެ. ވިސްނި ވަރަކަށް އެ އިޙްސާސް ގަދަވެ އޭނާއަށް ނޫޅެވޭ ހިސާބަށް ވަނީ ގޮސްފައެވެ.

ރެގަނޑުގެ ވަގުތެވެ. މިރޭވެސް އިޒިއަން ހުރީ ގޭގެ ބެލްކަނީގައެވެ. އާދައިގެ މަތިން އަނާލްގެ ހަނދާނުގައެވެ. އަމިއްލަ ހިތަށް ވިސްނައިދޭން ކުރަމުން ދިޔަ މަސައްކަތް ބޭކާރުވަމުން ދާނެކަން އެނގިހުރެއެވެ. ފޯން ރިންގް ވުމާއެކު އިޒިއަން ޖީބުގައި އޮތް ފޯން ނަގާ ބަލާލިއެވެ. ފޯންގެ ސްކްރީނަށް އަރާފައިވާ އަނާލްގެ ނަން ފެނި އޭނާގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އަވަސް އަވަހަށް ފޯން ކަންފަތުގައި ޖައްސާލެވުނެވެ. މި ނޫނީ އަނާލް އިސްވެ އޭނާއަށް ގުޅާފައި ނުވެއެވެ.

"ހަލޯ... ނާލް ކިހިނެތްތަ؟" އަނާލްއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އިޒިއަންއަށް އަވަސްވެފައިވާ ހިތަކާއެކު ސުވާލުކޮށްލެވުނެވެ.

"އަހަރެން ރަނގަޅު... އިޒް ކިހިނެތްތަ؟" އަނާލް ވެސް ޖަވާބުދެމުން އެ ސުވާލު އިޒިއަންއާ ދިމާލަށް އަނބުރާލިއެވެ. އިޒިއަން އެ ސުވާލަށް ޖަވާބު ދިނުމާއެކު ދެން އެ ދެމެދަށް ހަމަ ހިމޭންކަމުގެ ވަގުތުކޮޅެއް ވެރިވިއެވެ.

"އިޒް....." "ނާލް....." ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ގޮވާލެވުމާއެކު އެކީ ބާރަށް ހީގަނެވިއްޖެއެވެ. ފޯނުން އަނާލްގެ ހުނުމުގެ އަޑު އިވި އިޒިއަންއަށް އޭނާގެ ހުނުން މަތަކޮށްލަމުން އެ އަޑު އަހަން ހުރެވުނެވެ. އަނާލް ހުނުން ހުއްޓާލަމުން ވާހަކަ ދެއްކިއެވެ.

"އިޒް! މާދަން އޮފީހަށް ނުކުންނަން އެނގޭ... އެ ވާހަކަ ބުނެލަން ވެގެން....." އަނާލް ވާހަކަ ދެއްކިއިރު އެ އަޑުގައިވި އުފާވެރިކަން އިޒިއަންއަށް ސިއްރެއްނުވިއެވެ.

"އާރ ޔޫ އޯކޭ؟" އަނާލް އެހެން ބުނި ނަމަވެސް އިޒިއަންއަށް އަނެއްކާވެސް އަނާލްއާ ސުވާލުކޮށްލެވުނީ އަނާލް ރަނގަޅުތޯ އަހާފައެވެ.

"އަނާލް އާރ ޔޫ އޯކޭ" އިޒިއަން ބޭނުންވީ ޔަޤީންކަމެވެ.

"އައި އޭމް ކޮންޕްލީޓް ލީ ފައިން. އިންޝާ ﷲ..... އެ ދުވަހަށް ވަރަށް ބޮޑަށް މާފަށް އެދެން... ދިމާވީމަ ދޯ ދެން އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާނީ" ފޯނުން އަނާލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު އަނާލްއަށް ކޮންމެވެސް މީހަކު 'ދަރިފުޅާ' އޭ ކިޔާފައި ގޮވާލި އަޑު އިޒިއަންއަށް އިވުނެވެ. އެއާއެކު އަނާލް ވެސް ދާންވެއްޖެ ކަމުގައި ބުނެފައި ފޯން ބޭއްވީ މާދަން އޮފީހަށް ދާން އިޒިއަންއަށް ހަނދާން ކޮށްލަދީފައެވެ. އިޒިއަން ބުނީ އޭނާ ވެސް ނިމިފައި ހުރި ފައިލްތައް ހިފައިގެން ދާނެކަމުގައެވެ. އަދި ހުރިހާ އެއްޗެއް ވެސް ހުރީ ތައްޔާރު ކޮށްފައި ކަމަށެވެ.

އަނާލް ފޯން ބޭއްވުމާއެކު ހިތަށް ލިބުނު ފިނިކަން އިޒިއަންއަށް ބޭރުކޮށްލެވުނީ ލީ ފުންނޭވާ އަކާއެކު ވެރިވި ހިނިތުންވުމަކުންނެވެ. އޭނާ އިތުރަށް އެތަނުގައި މަޑުނުކޮށް ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން ނިދަން އޮށޯތީ މާދަން އަނާލް ފެންނާނެތީ އެކަމުގެ ހިންހަމަޖެހުމާ އެކުގައެވެ.

*****

އޮފީހަށް ވަތް އިޒިއަންއަށް އަނާލް ފެނުނީ ރިޝެޕްޝަން ކައިރީގައި އިންދައެވެ. ކައިރީގައި ހުރި ޒައުނާއަށް ފައިލެއް ދައްކަމުން އޭގެން ކޮންމެވެސް އެއްޗެއް ކިޔައިދެމުން ދިޔަ އަނާލްއަށް އިޒިއަން ފެނުމާއެކު ނިންމާލަމުން އެ ފައިލް ޒައުނާއަށް ދިނެވެ. އަދި އިޒިއަންއަށް ހިނިތުންވެލިއެވެ. އަނާލްގެ ކެބިންއަށް ގޮސް ދެމީހުން ހަމެޖެހިލީ މޭޒު ދޮށުގައެވެ. އިޒިއަން އޭނާ ނިންމި ފައިލްތައް އަނާލްއަށް ދައްކާލިއެވެ. އެއަށްފަހު ރަނގަޅުތޯ އަހާލިއެވެ. އަނާލް އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު އިޒިއަންއަށް ބަލާލަމުން ހެވިފައި އިނދެ ވަރަށް ރަނގަޅޭ ބުނެލިއެވެ.

"އައި އެމް ސޮރީ..." އަލުން އަނބުރާ ފައިލަށް ނަޒަރު ހުއްޓާލި އަނާލްއަށް އިޒިއަންއަށް ބަލާލަން މަޖުބޫރުވީ އިޒިއަންގެ އަޑުންނެވެ. އޭނާ ފައިލުން ނަޒަރު ވަކިކޮށްލާ އިޒިއަންއަށް ބަލާލިއެވެ.

"އެ ކީއްވެ؟" އަނާލް ސުވާލުކޮށްލިއެވެ.

'އަހަރެންގެ ސަބަބުންކަމަށް ޤަބޫލް ކުރެވެނީ ނާލްއަށް އެހެން ވީ... އަހަރެންނާ އެކީ ނާލް އެތަނަށް ގެންގޮސްގެން ވެސް ނުވާނެ ދޯ... ހަޤީގަތުގައި އަހަރެންނަށް ވެސް އެނގޭ ނާލްއަށް އުނދަގޫތަކެއް ވާކަން... ކުޑަ ވަގުތު ކޮޅަކަށް ވެސް ހަނދާނުން ކައްސާލީ..." އިޒިއަން ބުނެލިއެވެ.

"އިޓްސް އޯކޭ... އެއީ އިޒިއަންގެ މައްސަލައެއްނޫން... އެހެންނޫނަސް އަހަރެން މިހާރު އޯކޭ" އަނާލް ބުނެލިއެވެ.

"އެކަމަކުވެސް އަހަރެންނަށް މާފު ކޮށްދޭނެކަމަށް އުންމީދުކުރަން..." އިޒިއަން ބުނެލިއިރު އޭނާގެ ލޮލުން ތަފާތު ވިދުމެއް ފާޅުވިއެވެ. އަނާލް ފައިލް ލައްޕާލަމުން އިޒިއަންއަށް ފުން ނަޒަރެއްދިނެވެ.

"އިޒް" އަނާލް ގޮވާލުމާއެކު އިޒިއަން އަނާލް ބުނަން އުޅޭ ވާހަކައަކަށް ސަމާލުވެލިއެވެ.

"ހަޤީގަތުގައި އަހަރެންނާއެކު މަސައްކަތް ކުރަން ފެށުމުން އިޒްގެ ހިތުގައި ވެސް ތަފާތު ސުވާލުތައް އުފެދޭނެކަން އެނގޭ... އަހަރެންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭނެކަން ވެސް އެނގޭ، ހަމަގައިމުވެސް ވެދިޔަ އެއްވެސް ކަމަކަށް އަހަރެން އިޒް ބްލޭމްއެއް ނުކުރާނަން. އަހަރެންގެ އާއިލާ ވެސް، މައްސަލަ ހުރީ އަހަރެންގެ... އިޒް އާ ދޭތެރޭ އަހަރެންނަށް އެކުވެރިއެއްގެ ގޮތަށް ދެކެވޭ... ތަނެއްގައި ބަންދުވެގެން އެތަށް ދުވަހަކު އުޅުމަށްފަހު އަހަރެން ނުކުންނަން ނިންމީ ވަރުގަދަ އަޒުމަކާއެކު... ކިތަންމެ ދުވަހަކު އަހަރެންނާ ބެހޭ ގޮތުން އޮޅުން ފިލުވަން އިޒިއަން ބޭނުންވެފައި ހުންނަކަން ތި ދެ ލޮލުން އަހަރެންނަށް ފެނޭ... ނޭނގޭ ވިދުމެއް އަބަދުވެސް ފެނޭ... އަހަރެންނާ ދެމެދުވާ ހަމްދަރުދީ ވެސް ފެނޭ... އިޒް އަކީ އެހެންމީހުންނާ ތަފާތު މީހެކޭ އަހަރެންގެ ހިތް ބުނަން ފަށައިފި... އަހަރެންގެ ސިއްރުތައް ހިފައްޓާކަށް އަހަރެން ނުބުނާނަން. އެއީ އަހަރެންނަށް ޔަޤީން އިޒިއަން އަހަރެންގެ ސިއްރު ހިފައްޓާނެކަން..." އަނާލް އިޒިއަންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އެތައް ވާހަކައެއް އެއްފަހަރާ ދައްކާ ނިންމާލައިފިއެވެ. އިޒިއަން ބޯ ޖަހާލިއެވެ.

"އިޒް! އަހަރެންނަކީ ވަރަށް ގިނަ ސައިކޮލޮޖިކަލް މައްސަލަ ތަކެއްގައި ބަނދެވިފައިވާ އަންހެން ކުއްޖެއް... ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު އަހަރެންނަށް މާޒީ ހަނދާން ނައްތައެއް ނުލެވުނު..." އަނާލް ބުނެލިއެވެ. އިޒިއަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވާހަކައެއް ބުނަން އުޅުނު ވަގުތު އޭނާ ކޮށިއެރިއެވެ. މޭޒުމަތީގައި ހުރި ފެންތަށި ނަގަން އުޅުނު ވަގުތު އެތަނުގައި އޮތް ކުޑަ ނޯޓް ފޮތް ވެއްޓުނެވެ. އެއާއެކު އޭގެ ތެރެއިން ކޮންމެވެސް އެއްޗެއް ވެސް ވެއްޓުނެވެ. އިޒިއަން ފެން ބޮއި ހަމަޖެހިލައިގެން އެ ފޮތް ނަގަން ގުދުވެލި ވަގުތު އޭގެ ތެރެއިން ފޮޓޯ ގަނޑެއް ނުކުމެފައި އިނެވެ. އޭނާ އެ ފޮޓޯގަނޑު މަޑުމަޑުން ނަގާ ބަލާލިއެވެ. ދެ ބުމަ ގާތް ކޮށްލެވުނީ އެ ފޮޓޯގަނޑުގައި އަނާލްއާ އެކު ހުރި ފިރިހެން ކުއްޖާ ފެނުމާއެކުއެވެ. އަނާލް ގޮނޑިއެއްގައި އިށީނދެގެން އިންއިރު އެ ކުއްޖާ ހުރީ އަނާލް ފަހަތުގައި ކޮޅަށެވެ. ދެމީހުން ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި ގޮތް ފެނި އިޒިއަންގެ ހިތަށް ތަދުވިއެވެ. އޭނާ އެ ފޮޓޯގަނޑު އެތެރެއަށް ލުމުގެ ކުރިން ރަނގަޅަށް އޭގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ.

އެއީ ދުވަހަކުވެސް އޭނާ ދެކުނު ފިރިހެން ކުއްޖެއްނޫނެވެ. އަވަސްއަވަހަށް ފޮޓޯގަނޑު ފޮތް ތެރެއަށް ލަމުން އޭނަ ފޮތް ލައްޕާލާ އަނާލްއާ ހަވާލުކޮށްލިއެވެ. އަނާލް ވެސް ހިނިތުންވެލަމުން ފޮތް އިޒިއަންގެ އަތުން އަތުލަމުން މޭޒުގެ އެއްފަރާތު ކަބަޑަށް ލިޔެވެ.

ދެން އަނެއްކާވެސް ވާހަކަ ދެކެވުނީ ޕްރޮޖެކްޓާއި ބެހޭގޮތުންނެވެ. އަނާލް ގިނަ ވާހަކަ ދައްކަމުން ދިޔައިރު އިޒިއަންއަށް އިނދެވެނީ ގިނަފަހަރު ފުން ވިސްނުމަކަށް ގެއްލިފައެވެ. ދެފަހަރަކު އަނާލް އިޒިއަންއަށް ގޮވާވެސް ލިޔެވެ. އެއިން ކޮންމެ ފަހަރަކުވެސް ސިހިފައި އިޒިއަންއަށް އަނާލްއަށް ބަލާލެވެނީއެވެ. އަނާލް ޖެހެނީ ކުރިން ދެއްކި ވާހަކަ ތަކުރާރު ކުރާށެވެ.

"އިޒް! ވަޓް ހެޕެންޑް؟" އަނާލްއަށް އެންމެފަހުން އަހާލެވުނެވެ.

"ނާލް! އަހަރެންނަކަށް ނޭނގެ ނާލްއާ މެދު ހަމަ ވިސްނެނީ..." އިޒިއަންއަށް ހިތާ ހިތުން ބުނެވުނެވެ. އެބަސްތައް ކިތަންމެ ދުލު ކުރިއަށް ގެންނަން ބޭނުންވިނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އިސްޖަހާލަމުން މާފަށް އެދުނެވެ.

"އަހަރެން ބުނީމެއްނު އިޒްގެ ކުށެއް ނޫނޭ... އަދިވެސް އެކަމާ ދޯ ތި ވިސްނަނީ" އަނާލްއަށް އިޒިއަންގެ ހިތުގައި ހިނގަމުން ދާ ހައިޖާނުގަނޑުގެ ކުޑަ މިންވަރެއް ވެސް ނޭނގޭ ފަދައެވެ.

އިޒިއަން ވެސް އިތުރަށް އެއްޗެއް ބުނުމުގެ ބަދަލްގައި ބެލީ މަސައްކަތަށް ސަމާލުކަން ދެވޭތޯއެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ދެމީހުން ވެސް ހިންދެމިލިއެވެ. އެއަށްފަހު އޮފީހުގެ ރިޝެޕްޝަނަށް ގުޅާލުމަށްފަހު ދެ ކޮފީ ގެނައުމަށް އަނާލް އެދުނެވެ. މާ ގިނަ އިރެއްނުވެ ކޮފީ ގެނައުމުން މުޅި ކޮޓަރީގެ ތެރޭގައި ކޮފީގެ މީރުވެސް ހިފާލިއެވެ. ދެމީހުން ވެސް ކޮފީބޮމުން ހިންހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލިއެވެ.

*****

ހަފްތާއެއް ފާއިތުވެއްޖެއެވެ. އަނާލްއާ މެދު ހިތުގައި އުފެދުނު އިހްސާސް އަކީ ލޯބިކަމާމެދު އިޒިއަން މިހާރު ޝައްކެތް ނުކުރެއެވެ. އެ ހިތް އަނާލްއަށް އެދޭވަރުން އަމިއްލަ ނަފްސު ދެކެވެސް އިޒިއަންއަށް ރުޅިއާދެއެވެ. އެހެންނަމަވެސް ދެން އިތުރަށް ކުރެވޭނޭ ކަމެއްނެތެވެ. އެ ހިތް އެއްކޮށް އަނާލްއަށް ދެވި ނިމިއްޖެއެވެ. އަނާލް ގާތު އޭނާ ލޯބި ވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ އަނާލް އޭނާގެ ލޯބި ޤަބޫލް ކުރާނެބާއެވެ. ނޫނެކެވެ. އަނާލްގެ ހިތުގައި ވަނީ އެހެން ޒުވާނެކެވެ. އެ ޒުވާނާ އަކީ ކާކުކަން ކަނޑައެޅިގެން ނޭނގުނު ކަމުގައި ވިނަމަވެސް އެ ޒުވާނާއާއި އަނާލް ތިބި ގޮތުން އެ ދެމެދުގައި އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އިޒިއަންއަށް ދެނެގަނެވުނެވެ. އަނާލްގެ ހިތާ ހިސާބަށް ވާސިލްވުމަށް އިޒިއަން ފުރަތަމަ ކުރަން ޖެހޭނޭކަމަކީ އެއީ ކާކުކަން ހޯދުމެވެ. އަދި އަނާލް އާއި އެދެމެދުގައި އަދިވެސް އެއްވެސް ގުޅުމެއް އޮތްތޯ ޔަޤީންކުރާށެވެ. ހިތުގައި އުފެދުނު ސުވާލަކީ އަނާލްއާ ދެމެދު ގުޅުމެއް އޮތްނަމަ އޭނާއަށް އަނާލްގެ ފަރާތުން އެ ފޮޓޯގަނޑާ ގުޅުވައިގެން އެހާ ހިތްދަތި އަސަރުތަކެއް ފެންނަންވީ ކީއްވެތޯއެވެ.

*****

މިވީ ދުވަސްތަކުގައި ޝަފޫން ފެންނަ ހިސާބަށް ނުގޮސްވޭތޯ ދީމް މަސައްކަތް ކުރަމުން ދިޔައެވެ. އެއީ ވެސް އެފަދަ ދުވަހެކެވެ. ކޮލެޖް ނިންމާލާފައި އައިސް އޭނާ ގެއަށް ވަނެވެ. އަފާޒު ވެސް އޭނާގެއަށް ލާފައި މުހިންމު ކަމަކު ދާން ޖެހުމުން ދިޔައީއެވެ. އޭނާ ބެކްޕެކް އަޅުވާލައިގެން ގެއަށް ވަދެގެން އައިސް ބޮޑު ކޮޓަރީގެ ސޯފާތަކާއަރާ ހަމަވިއިރު ޝަފޫން އައިސް އެ ހިސާބާ އަރާ ހަމަވަނީއެވެ. އިސްޖަހާލި ދީމް އެއްފަރާތަކަށް ޖެހިލަމުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. މިވީ އެއްވެސް ދުވަހެއްގައި ޝަފޫން ކާންއަރާ ކަމުގައި ވަނީނަމަ ދީމް މޭޒުދޮށަށް ކާކަށް ނުނިކުމެވެ. އެކަނި ކާން ޖެހުނު ނަމަވެސް އޭނާ ކަނީ ޝަފޫން ކައި ނިމުމުންނެވެ. ހިތުގައި އަތް އަޅައިގެން ހުންނަން ޖެހެނީ ހިތަށް ތަދުނުވާތީއެއްނޫނެވެ. އެހެންނަމަވެސް އާއިލީ މަސްލަހަތު ޙިމާޔަތް ކުރުމަށެވެ.

އިސްޖަހާލައިގެން ހުރެ ދީމް ދިޔަ ދިމާލަށް ޝަފޫންއަށް ބަލާލެވުނެވެ.

"ޝަފޫން... ދީމްގެ އޮތީ ކޮން ކުށެއްތަ؟ ދީމްއަށް ތިހެން ހަދަން ހެޔޮވާނެތަ؟" މަޒާޔާގެ އަޑު ފަހަތުން އިވުމާއެކު ޝަފޫންއަށް ފަހަތަށް އެނބުރު ބަލާލެވުނެވެ.

"އަހަރެންގެ ދަރިއަކަށް ވިޔަސް އަހަރެން އޭނަދެކެ ރުޅިއައުން ހައްޤު" ޝަފޫންގެ އަޑުގައި ރުޅިވެރިކަމެއް ވިއެވެ. އެ އަޑު ދޮރުގައި ލެނގިލައިގެން ހުރި ދީމްގެ ކަންފަތުގައި ޖެހުނީ ޝަފޫން ބުނިލެއް ބާރުކަމުންނެވެ. ހީވަނީ ދީމްއަށް އަޑު އިއްވަން ބުނެލިހެންނެވެ.

ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެން ދިޔައީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. މެއާ ދިމާލުގައި އުފެދުނު ރިހުން ގަދަވެ މީހާއަށް ކޮޅަށް ހުންނަން ދަތިވިއެވެ. އެ މަންމަގެ ރުހުން ހޯދަން އޭނާ ކުރަންވީ ކީއްހެއްޔެވެ؟ މައެއްގެ ލޯބި ލިބުން އޭނާގެ ނަސީބުގައި ނެތީހެއްޔެވެ؟.

އިޒިއަންއަށް ވެސް މަސައްކަތް ނިންމާލުމަށްފަހު އެރޭ ގެއަށް ދެވޭ ވަރުވީ އަށެއް ޖަހާ ބޮޑުވީފަހުންނެވެ. އަނާލްއާ އެކު މަސައްކަތް ނިންމާލުމަށް ފަހު ބައްޕަ އާއެކު ސްޓާރ ހޯލްޑާރސް އޮފީހަށް ކަމަކު ޑިސްކަސް ކުރަން ދާންޖެހުނީއެވެ.

"ދަރިފުޅާ" ގެއަށް ވަތް އިޒިއަންއަށް އަކްނިޒާ ގޮވާލިއެވެ. އޭނާއާ އަރާ ހަމަވެފައި އިޒިއަން އަކްނިޒާއަށް ހިނިތުންވެލިއެވެ.

"ކޮބާ ބައްޕަ ނާދޭތަ؟" އިޒިއަންގެ ފަހަތަށް ނަޒަރު ހުއްޓާލަމުން އޭނާ އަހާލީ ފަހީމް އަންނާނޭ ކަމަށް ހީކުރެވުމުންނެވެ.

"ބައްޕަ އަންނަ ވާހަކަ ބުނި އެކޮޅުން އައިސްގެން އުޅޭ މީހުންނާއެކު އަދި އެއްބައްދަލުވުން ބޭއްވުމަށްފަހު... ފަނަރަ މިނިޓް ވާނެކަމަށް ބުނީ... އަނެއްހެން މާ ބޮޑު ކަމެއްނޫން... އެކޮޅު ހޮސްޕިޓަލާ ވާހަކަ ދައްކަން ޖެހޭތީ އެކަމުގެ މިހާރު ގިނަ ވަގުތު ހޭދަ ކުރަނީ" އިޒިއަން އޮޅުން ފިލުވައިދިނެވެ. އަކްނިޒާ ބޯ ޖަހާލަމުން ވާހަކަ ދެއްކިއެވެ.

"ދެން ދޭ އަވަހަށް ފެންވަރާ ތާޒާ ވެލައިގެން އަންނަން، އޭރުން ބައްޕަ ވެސް އަންނާނެއެއްނު، އެންމެން އެކީ ރޭގަނޑުގެ ކެއުން ކުރިއަށް ގެންދަން ވާނީ... މިއަދުވެސް އެއްގަޑިއަކުވެސް އެންމެން ހަމައެއްނުވެއެއްނު... ތިން މީހުންނާ ދެން ނޯކަރުން އެކަނި މި އޮއް ބޮޑު ގޭގައި އުޅޭތީ ކިހާ ފަޅުތަ... ހިތަށް އަރާ އެކޮޅުގައި ތިބި މީހުން އަންނާނޭ ނަމައޭ" އަކްނިޒާ ވާހަކަ ދެއްކިއެވެ. އޭނާ ވަށައިގެން އެ ބޮޑު ގެއަށް ނަޒަރެއްދިނެވެ.

"ތިއުޅެނީ ނާނު ނައިސްގެންތަ؟ ނޫނީ އެހެން އެންމެންތަ؟" އިޒިއަން އެއްލޯ މަރާލަމުން އަހާލިއެވެ. އަކްނިޒާ އިޒިއަންގެ ކޮނޑުގައި ޖަހާލިއެވެ.

"އެހެންނު ވާނީ... ނާނު އުޅޭ ގޮތުން ހަނދާން ނެތޭ ވަރެއްވެސް ނޫނޭ... ނާނު ހުރިއްޔާ ގޭތެރެ ފަޅު ފިލާނެ..." އަކްނިޒާ ބުނެލިއެވެ.

"ދެން އަޅުގަނޑުވެސް ހުރީނު މަންމަ ގާތު..." އިޒިއަން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

"މަންމަ ކިހާ ނާނު މަތިން ހަނދާން ވާނެ... އިޒް ނެތް އިރު..." ވާހަކަ ވަކި ހިސާބަކަށް ބުނެފައި އަކްނިޒާ ހުއްޓާލީ ސިހިފައެވެ. ބުނަންނުވާ އެއްޗެއް ދުލުން ބޭރު ކުރެވުނު ފަދައެވެ. އޭނާ އިޒިއަންއަށް ބާލަލަމުން 'ސޮރީ' އޭ ބުނެލިއެވެ.

"އިޓްސް އޯކޭ މަންމާ... އެއީ ހަމަ ހަޤީގަތެއްނު..."ހިތި ހިނިތުންވުމަކާއެކު އިޒިއަން ބުނެލިއެވެ. އެއަޑަށް ހިސާބެއްގެ މަޑު މޮޅިކަމެއް އައިކަން އަކްނިޒާއަށް ވެސް އެނގުނެވެ.

ދެން ދޭ އަވަހަށް ތާޒާވެލައިގެން އަންނަން" އަކްނިޒާ އިޒިއަންއަށް ބަލާލަމުން ބުނެލުމާއެކު ލަސްނުކޮށް އިޒިއަން ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު އަކްނިޒާގެ ފޯނު ރިންގްވުމާއެކު އޭނާ ފޯނަށް ބަލާލިއެވެ. ގުޅަނީ ރާއްޖޭން ބޭރު ނަންބަރަކުންނެވެ. އުފަލުން ހުރެ ފޯންކަންފަތުގައި ޖަހައިގެން ހުރެ އަކްނިޒާ ފަހަތަށް ޖެހިލިއެވެ.

ފަހީމްއަށް އައުމާއެކު ތިން މީހުން ކެއުމުގައި ބައިވެރިވީ އެއްކޮށެވެ. އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައެވެ.

"އެނގޭތަ!.... އިންޑިޔާގައި ހުންނަ އަހަރެންގެ އެކުވެރި ޝަމޫންގެ ފިރިހެން ދަރިފުޅު މީހަކާ އިންނާތީ ދައުވަތު ފޮނުވާފައި އެބައިން އެ ކޮޅުގައި އޮންނަ ޕާރޓީއަށް ދާން" އެއްފަހަރަކު ދެކެވެމުންދިޔަ ވާހަކަ ތަކެއްގެ ތެރޭން ފަހީމްއަށް ބުނެވުނެވެ.

"އަހަރެމެންގެ އިޒް ވެސް މިގެއަށް ދެން އަންހެން ކުއްޖަކު ގެނައިމަ ދޯ ފަޅު ފިލާނީ... މިހާރު މީހަކާ އިންނަވަރުވެސް ވީނު... ހިޔެއްނުވޭ އެކަމާ އަދި ވިސްނާހެނެއް" އަކްނިޒާ ފުންނަޒަރަކުން އިޒިއަންއަށް ބަލާލަމުން ވަހަކަ ދެއްކިއެވެ. ފެންތަށި އަނގައިގައި ޖަހައިގެން އިން އިޒިއަން ކޮށި ނޭރީ ކިރިއާއެވެ.

"އޭނ" އޭނާއަށް ބުނެވުނެވެ. އަދި އަކްނިޒާއަށް ބަލާލެވުނެވެ. ދެވަނަ ފަހަރު ފަހީމްއަށް ބަލާލެވުނީ މަންމަ އެ ދައްކަނީ ކޮންފަދަ ވާހަކައެއްހޭ އަހާލާ ފަދަގޮތަކަށެވެ.

"ދަރިފުޅު އަދިވެސް ކައިވެންޏަކާ ހިސާބަށް ދާކަށް ގަސްދެއް ނުކުރަންތަ؟ މަންމަގެ އެކަނިވެރިކަން ވެސް ފިލާނީ ދެން ގެއަށް ޅީ ދަރިއެއް ގެނައިމަހެން ބައްޕައަށް ހީވަނީ" އަކްނިޒާއާ އެއްބައިވެލުމަށް ފަހީމް ވެސް ބުނެލިއެވެ. އަކްނިޒާއާ ދެމީހުން ހީ ގަތުމުން އިޒިއަންއަށް ވެސް ހެވުނެވެ.

"އަހަރެމެން ވީނު އިޒް އިންނަން ކުއްޖަކު ހޯދައިދޭން، މިހާރު ދެން އިޒްއަކަށް އެކަމެއް ނުކުރެވުނެއްނު" އަކްނިޒާ ހުނުން މަތަ ކޮށްލަމުން ބުނެލިއެވެ. އިޒިއަންގެ ތުންފަތް މަތިން ހިނިތުންވުމުގެ އަސަރު ފިލާ ހާސްކަން ވެރިވިއެވެ.

"ހީވަނީ ތިކަން ހެން ދެން ކުރަންވީ ދޯ" ފަހީމް ވެސް އެވަގުތު ބުނެލިއެވެ. ފަހީމް އަކީ ކިތަންމެ ޝަހްސިއްޔަތު ވަރުގަދަ މީހެއް ނަމަވެސް އާއިލާއާ އެކު އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކުރުމަށް އަބަދުވެސް އިސްކަންދޭ މީހެކެވެ. މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނަސް އަބަދުވެސް ވަގުތު ކޮޅެއް ހޯދާލައިގެން އެންމެން އެންތައްކޮށް ވާހަކަދެއްކުމަށް އިސްކަންދެއެވެ. އޭނާ ޤަބޫލްކުރާ ގޮތުގައި އާއިލާގެ ތެރޭގައި އޮންނަ ގުޅުން ވަރުގަދަވެ އާއިލީ ލޯބި އިތުރު ވާނީ އާއިލާއަށް ވަގުތު ދީގެންނެވެ.

މަޖާ ވާހަކަތަކާއި އެކު ކުރެވޭ ކުދިކުދި ސަމާސާތަކަކީ އަބަދުވެސް މިފަދަ ގުޅުންތައް ވަރުގަދަވެގެންދާ ކަމެއް ކަމުގައި އޭނާ ޤަބޫލް ކުރެއެވެ. ފަހީމްއަކީ މީހުން ޖެހިލުންވާދަ މީހެއްނަމަވެސް އޭނާގެ ހިތްތިރި މަޑުމައިތިރި ސިފައަކީ އެންމެންނަށް ވެސް ގަޔާވެވޭ ސިފައެކެވެ. މުދާ ކިތަންމެ ގިނަޔަސް އެކަމާ ބޮޑާވެ ކިބުރުވެރިވުމުގެ ސިފަ ފަހީމްގެ ގައިގައި ނެތުމަކީ މުވައްޒަފުންގެ ރުހުމާއި ލޯބި ފަހީމްއަށް ލިބެމުންދާ އެންމެ ބޮޑު ސަބަބެވެ.

"ކަމުދާ ކުއްޖަކު ހުރިއްޔާ ހަމަ ބުނަންވީ ދޯ މިހާރުވެސް، ބައްޕަމެން ދެކޮޅެއް ނަހަދާނަން" ފަހީމްއަށް އިޒިއަންގެ މޫނުމަތީގައި ވި ސީރިއަސްކަން މާނަ ކުރަންވީ ގޮތެއް ނޭނގުނެވެ. އިޒިއަން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވީ ގަދަކަމުންނެވެ. ކެއުމުގެ ވަގުތުގައި ތަފާތު އެކި ކަންކަމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

******

ރޭގަނޑުގެ ކެއުމުގެ ވަގުތުގައި 'ވައިޓް ރޯޒް ވިއު' ގޭގެ ސުރުރާމަތި ވަނީ ތަފާތު ވައްތަރުގެ ކާނާތަކުން ފަޅުފިލުވާލާފައެވެ. މެދުގައި ފުރުޓް ބާސްކެޓެއް ހުރިއިރު އޭގައި ތަފާތު ވައްތަރުގެ މޭވާއާއި ތަރުކާރީ ހުއްޓެވެ. ވަށައިގެން ބަހައްޓާފައިވާ ސާމާނުތަކުގެ ތެރޭގައި ދެވައްތަރެއްގެ ރިހައަކާއި ސެލެޑް ވެސް ހުއްޓެވެ. ބަތާއި ރޮށިވެސް ފެންނަން ހުއްޓެވެ. އޭގެ އިތުރުން ވައްތަރެއްގެ ދިޔާ ޒާތަކަށް ހުރި ސޫޕް ތައްޓެއްވެސް ހުއްޓެވެ.

ކެއުމުގެ ވަގުތުގައި މޭޒު ދޮށުގައި މަދުވަނީ އެންމެ މީހެކެވެ. އާއެކެވެ. ދީމްއެއް ނެތެވެ. ޝަފޫންގެ މޫނުމަތިން އެއްވެސް ވަރަކަށް ނުރުހުންވުމުގެ އަސަރެއް ނުފެނެއެވެ. އާއްމުކޮށް ދީމް އިންނަ ދިމާލުގައި އިން ގޮނޑި އިނީ ހުސްކޮށެވެ. އޭގެ އިތުރުން އަނާލްގެ ޖާގަވެސް މިރޭ ހުރީ ހުސްކޮށެވެ.

"ކޮބާ ނާލް؟" ދީމް ނާންނާނެކަން އެނގޭތީ އައްމާރު ސުވާލުކޮށްލިއެވެ. އޭނާ ބަލާލީ މަޒާޔާ އަށެވެ.

"ދީމް ނާންނާތީ މިރޭ އަނާލް ވެސް ނާންނާނަމޭ ބުނީ... ދީމްއާ އެކީގައޭ ބުނީ މިރޭ ކާނީ" މަޒާޔާ ޝަފޫންއަށް އަވަސް ނަޒަރެއްދިނެވެ. ޝަފޫންގެ މޫނުމަތިން ކޮންމެވެސް ކަހަލަ ބުނެދޭން ނޭނގޭ އަސަރުތަކެއް ފެނިލިއެވެ.

"މިހާރު މާ ކަންތައްތައް މައްޗަށް ދާހެން ހީވަނީ... އެކަކު އަނެކަކަށް އެއްމޭޒު ދޮށަށް ކާން އެރެނީއެއްނޫން، އެހެންވީމަ އަހަރެން ބޭނުން ވާހަކައެއް ބުނަން. ޝަފޫންއާއި އަފާޒުއަށް ދީމްއަށް ހަޤީގަތް ނުކިޔާ ދެވެންޏާ އަހަރެން އެކަން ކޮށްފާނަން... އޭރުން ދީމް އަކަށް ނުޖެހޭނެއެއްނު އޮޅުމެއްގެ ތެރޭގައި ހުރެ ވިސްނަ ވިސްނާ މީހާ ހަލާކުވާކަށް... އަނެއްކޮޅުން އަފާޒުއަށް ވެސް ހުންނަން ޖެހެނީ ދެމެދު ތާށިވެފަ... އަފާޒު ދީމްދެކެ ކިތަންމެ ލޯބިވިޔަސް އެކަމުން ކުރި ފައިދާއެއް އެބައޮތްތަ؟ ޝަފޫން ދީމްދެކެ ނަފްރަތު ތިކުރަނީ އެއްވެސް އެދެވޭ ސަބަބަކާ ލައިގެނެއްނޫން! ދީމް ޝަފޫންއާއި މެދު ވިސްނާލާފައި މަޑުމަޑުން ހުންނާތީ އޭގެ މާނަ އެއްނޫން އޭނާ ދެރަ ނުވަނީއޭ... ޝަފޫންގެ އަމަލްތަކުގެ ސަބަބުން އެ ފަކީރު އުޅޭ ހާލެއް ނުފެނޭތަ؟ ދީމް ބޭނުންނުވާތީއެއްނޫނޭ ޝަފޫންގެ ކުރިމައްޗަށް ނާރާ ވޭތޯ ބަލަނީ... ޝަފޫންގެ ނަފްރަތާ ކުރިމަތިލާނީ ކިހިނެތްކަން ދީމްއަށް ނޭނގޭތީ" އައްމާރުގެ އަޑުގައިވަނީ ހިންހަމަ ނުޖެހުމެވެ. އޭނާ ސީދާ ޝަފޫންއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

"މަޒާޔާ ދޭ! ގޮސް އަނާލްއާއި ދީމްއާ ދެމީހުން ގޮވައިގެން އާދޭ..." އައްމާރު މަޒާޔާއަށް ބަލާލަމުން ބުނެލުމާއެކު އޭނާ ބޯ ޖަހާލަމުން އަނާލްމެންގެ ކޮޓާރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

"ޝަފޫން ވެސް ގޮސްގެން ނުވާނެ" ޝަފޫން ދާން ތެދުވުމާއެކު އައްމާރު އިންޒާރުގެ ބެލުމަކުން ޝަފޫންއަށް ބަލާލިއެވެ. އަފާޒުވެސް އިޝާރާތް ކުރީ އިށީނުމަށެވެ. އެންމެންގެ ތެރޭގައި ދެކޮޅު ހެދުމުގެ ހިތްވަރު ނުލިބި ޝަފޫން މަޑުމަޑުން އިށީނެވެ. އޭނާ އިސްޖަހާލިއެވެ.

މަޒާޔާ އާއިއެކު އަނާލް އަދި ދީމް އައެވެ. ދީމްގެ މޫނުމަތިން ޖެހިލުންވުމުގެ އަސަރު ފެނުނެވެ. ހަމަޖެހުނީ ދީމްއަށް ބަލާލަމުން އަފާޒު ބޯ ޖަހާލުމުންނެވެ.

ކެއުން ކުރިއަށް ދިޔައިރު ދީމް ކަމުން ދިޔައީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ކަންތައްތައް ވެފައި އޮތް ގޮތް ވެސް މަޒާޔާގެ ފަރާތުން ދީމްއަށް ކޮންމެވެސް ވަރަކަށް އެނގިފައިވުމާއެކު ޝަފޫންގެ ފަރާތުން ދެން ރައްދުވާނީ ކޮންފަދަ ވިހަގަދަ ބަސްތަކެއްކަން ނޭނގި ދީމްގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެއްފަހަރު ބަތްސުވާއެއް އަނގަޔަށް ލައިފިއްޔާ އަނެއްދެފަހަރު ދީމްގެ އަރުތެރެއިން އެއްޗެއް ދިރޭ ކަމަށްވަނީ ދެތަށި ފެނާ އެކުގައެވެ. ކިތަންމެ ވަރަކަށް ފެން ބުއި ނަމަވެސް އަރުތެތޭގައި ހުރި ކަރުހިއްކުން ފިލާ ދާހެނެއްހިޔެއްނުވެއެވެ.

*****

ކައިގެން ނިދަން ގޮސް ކޮޓަރިއަށް ވަތް އިޒިއަންގެ ފޯން ވައިބްރޭޓް ވުމާއެކު އޭނާ ޗާރޖަށް ޖަހާފައިވާ ފޯން ނަގާ ބަލާލިއެވެ. އަނާލް ގެ މެސެޖަކަށް ވުމާއެކު އޭނަ އަވަސް އަވަހަށް މެސެޖް ހުޅުވާ ކިޔާލިއެވެ. މާދަމާއަކީ ގިނަ ވަގުތު ހޮސްޕިޓަލް ގައި ހޭދަކުރަން ޖެހޭ ދުވަހެއްކަން ހަނދާން ކޮށްދެމުން އޮފީހަށް ނައިސް އިޒިއަން ހޮސްޕިޓަލަށް ދިޔުމަށް އެދިފައި އޮތެވެ. އެ މެސެޖަށް ޖަވާބު ދެމުން އިޒިއަން ވެސް އިތުރު ކަމެއް ނުކޮށް ނިދީއެވެ.

އަނެއްދުވަހު އިޒިއަންއާއި އަނާލްއާ ދެމީހުން އެކަކު އަނެކަކާ ދިމާކުރީ ހޮސްޕިޓަލުންނެވެ. އަނާލް ގޮނޑީގައި މަޑުކޮށްގެން އިޒިއަން އިންއިރު އޭނާގެ ގާތުގައި ޒައުނާ ހުއްޓިގެން ހުއްޓެވެ. އިޒިއަންއަށް އަނާލްމެން ފެނުމާއެކު ޑްރައިވަރަށް ކާރު މަޑުކޮށްލުމަށް އިޝާރާތް ކޮށްލިއެވެ. ކާރު މަޑުކޮށްލުމާއެކު ކާރުން ފައިބައިގެން ގޮސް އަނާލްގެ ކުރިމައްޗަށް ހުއްޓުނެވެ.

"ހޭ... މޯރނިންގް" އިޒިއަން އަނާލްއަށް ގޮވާލާ ހެނދުނުގެ ސަލާމް ކޮށްލިއެވެ.

ރައްދުގައި އަނާލް ވެސް "މޯރިނިންގް" އޭ ބުނެލަމުން ހިނިތުންވެލިއެވެ.

"ކޮބާ ފައިލްތައް ގެނައިންތަ..." އިޒިއަން ޒައުނާއަށް އިޝާރާތް ކޮށްލަމުން އަހާލިއެވެ. ޒައުނާ އަތުގައި ހުރި ފައިލްތައް އިޒިއަންއަށް ދައްކާލިއެވެ.

"ކޮބާ ރަތް ކުލައިގަ އޮތް ފައިލް... އެފައިލްގައި ވާނީ މިކޮޅުން ތަމްރީނަށް އަދި ކިޔަވަން ބޭރަށް ފޮނުވަން ޝޯޓްލިސްޓް ކުރި މީހުން" އިޒިއަން ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. އަނާލް ޒައުނާއަށް ބަލާލަމުން އެ ފައިލްތައް އޭނާއަށް ދިނުމަށް އެދުނެވެ. ފަހަރަކު ފައިލަކަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ އިރުވެސް އިޒިއަން އެ ބުނާ ފައިލް އަނާލްގެ ލޮލުގައި އަޅައެއް ނުގަތެވެ.

"އެ ފައިލެއް ނެތް!..." އަނާލް ހާސް ކަމާއެކު ބުނެލިއެވެ.

"މީޓިން ފެށޭ ގަޑި އަދި ޖެހެން ކައިރިއެއްނުވޭ... ކިހިނެތް ހަދާނީ" އަނާލްއަށް ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ.

"ހާސްނުވޭ... އަހަރެންގެ އަތުގަ އެބައޮތް ޕްރެޒެންޓޭޝަން... ޒައުނާ ދާންވީނު ގޮސް ފައިލް ގެންނަން... ވަރަށް މުހިންމުވާނެ އެ ފައިލް މިއަދު ހޮސްޕިޓަލާ ހަވާލުކުރަން" އިޒިއަން ހަމަޖެހެމުން ވާހަކަދެއްކިއެވެ. އެ ފައިލް އޮތްތަން އެނގޭނީ ޒައުނާ އަދި އަނާލްއަށް އެކަނި ކަމަށްވެފައި އަނާލްއަށް ތަކުލީފެއް ޖައްސާކަށް އިޒިއަން ބޭނުންނުވެއެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅަކާ އަތުކުރީ އޮތް ގަޑިއަށް ހުއްޓެވެ. އަނާލް ވެސް އެގޮތާ އެއްބަސް ވިއެވެ.

"ޒައުނާ ދޭ އަހަރެންގެ ޑްރައިވަރާއެކު. ގޮސް އަވަހަށް އާދެވޭތޯ ބަލާ" އަނާލް ޑްރައިވަރަށް ގުޅަމުން ޒައުނާއާ ވާހަކަދެއްކިއެވެ. ޒައުނާ ވެސް ބޯ ޖަހާލިއެވެ.

ޑްރައިވަރު އައުމާއެކު ލަސްތަކެއް ނުކޮށް ޒައުނާ އޮފީހަށް ދިޔައެވެ. އިޒިއަންއާއި އަނާލްއާ ދެމީހުން ތިބީ ހޮސްޕިޓަލްގެ ބިއްދޮށުގައި ހައްދާފައިވާ ބަގީޗާގައި މަޑުކޮށްލައިގެންނެވެ. ރަކީންމެން ވެސް ބައިވެރިވާނެ ވާހަކަ ބުނެފައި އޮތުމުން އެމީހުން އަންނަންދެން މަޑުކޮށްގެންނެވެ. މިއަދުގެ ބައްދަލު ވުމަކީ އައްމާރު އަދި ފަހީމްގެ އިތުރުން އަފާޒު އަދި އެހެނިހެން މީހުންވެސް ބައިވެރިވާ ބައްދަލުވުމަކަށް ވުމާއެކު ހުރިހާ ކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދާން އިޒިއަންއާއި އަނާލް ބޭނުމެވެ. އަންނަން ބުނެފައިވާ ގަޑީގެ ބައިގަޑިއިރު ކުރިއަށް ދެމީހުންވެސް އައީ އެހެންވެއެވެ. ޕްރެސެންޓޭޝަން ހުށައަޅައިދޭނީ އިޒިއަން އަދި އަނާލް ކަމަށް ވެފައި އެންމެ ފުރިހަމައަށް ތައްޔާރު ވުމުގެ ގޮތުންނެވެ. އަދި ބައެއް ކަންތައްތަކާ ވާހަކަ ދެއްކުމުގެ ގޮތުންނެވެ.

ތަންކޮޅެއް ދުރުން އިޒިއަންގެ ރައްޓެއްސެއް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އަނާލް ގާތު މަޑުކޮށްލަން ބުނެލާފައި އިޒިއަން އެ އެކުވެރިޔާއަށް ހަނާ އަޅާލަމުން ހިނގައިގަތެވެ. އިޒިއަން ދިޔަ ދިމާ ބަލަންއިން އަނާލް ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.

(ނުނިމޭ...)

https://sun.mv/113899

comment ކޮމެންޓް