އޭޝިއަން ކަޕުން އަލްވަދާއު ކިޔަން ޖެހުމާ އެކު އިންޑިޔާގެ ކޯޗު ޓީމާއި ދުރަށް

ސްޓީފެން ކޮންސްޓެންޓީން

އޭޝިއަން ކަޕުގެ ގުރޫޕް ސުޓޭޖުގައި ބަހްރޭންއާއި ކުޅުން މެޗުން ބަލިވެ މުބާރާތުން އިންޑިއާ އަލްވަދާއު ކިޔަން ޖެހުމާއި އެކު އެ ޓީމުގެ ކޯޗް ސްޓީފެން ކޮންސްޓެންޓީން ޓީމުން އިސްތިއުފާދީފިއެވެ.

ވޭތުވެ ދިޔަ ހޯމަ ދުވަހު ބަހްރޭން އާއި ކުޅެ 0-1 އިން އިންޑިއާ ވަނީ ބަލިވެ ގުރޫޕުގެ ' އޭ ' ގެ ފުލަށް ގޮސްފައެވެ. މިއާއި އެކު މުޅި މުބާރާތުން ވެސް ފުރަތަމަ ކަޓައިގެން ދިޔަ ބަޔަކަށް ވެގެން ގޮސްފައިވަނީ އިންޑިއާއެވެ.

މި މެޗަށް ނުކުތް އިރު ދެވަނަ ބުރަށް ކޮލިފައި ވުމުގެ ފުރިހަމަ ތަނަވަސް ބާރު އިންޑިއާގެ އަތުގައި އޮތެވެ. އެހެނީ މެޗު އެއްވަރު ކޮށްގެން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބަހްރޭން ގެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އިންޑިއާގެ ހިތްތައް ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ.

އޭސިއަން ކަޕުގެ ދެވަނަ ބުރާއި ހަމައަށް ވެސް މީގެ ކުރިން އިންޑިއާ ކޮލިފައިވެފައެއް ނުވެއެވެ. އަދި މިފަހަރުގެ މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެ ދިޔަ އަހަރުގެ ފަހު ކޮޅު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ގައި ވާދަ ކުރުމަށް އެ މުބާރާތަށް ފޮނުވާފައި ވަނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމް އެވެ.

ސްޓީފެން ކޮންސްޓެންޓީން ގެ އިންޓަރވިއު އެއްގެ ތެރެއިން

ގުރީސް އަށް ނިސްބަތް ވާ ސްޓީފެން ކޮންސްޓެންޓީން އިންޑިއާ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އަންގާ އިންޑިއާއިން މިކަން ވަނީ ސޯސަލް މީޑިއާގައި އާންމު ކޮށްފައެވެ. 2014 ވަނަ އަހަރު އިންޑިއާގެ ޓީމާއި ހަވާލު ވުމަށްފަހު ކޮންސްޓެންޓީން ވަނީ އެ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ. އެގޮތުން ފީފާ ރޭންކިންގެ 26 ދަރަޖައިގެ ކުރިއެރުމެއް ވަނީ އެ ގައުމަށް ހޯދައިދީފައެވެ.

ރަސްމީ ގޮތެއްގައި އޭނާގެ އިސްތިއުފާ އަދި ހާމަކޮށްފައި ނުވި ނަމަވެސް އޭނަ އިންޑިއާގެ ޓީމަށް ކޮށްދިން މަސައްކަތްތަކަށް ޝުކުރ އަދާ ކުރާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް