ވުލްވްސް ކައިރިން ސިޓީއަށް ފަސޭހަ މޮޅެއް

ގެބްރިއަލް ޖީސުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ

ރޭ ވޮލްވާހަމްޓަން ވަންޑާސް ގެ މައްޗަށް ފަސޭހަ ކަމާއެކު ކުރި ހޯދައި މެންޗެސްޓާ ސިޓީއިން އެއްވަނައިގައި އޮތް ލިވަޕޫލް އާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި މި ސީޒަން އަށް އަނބުރާ ފުރަތަމަ ޑިވިސަން އަށް ކޮލިފައިވި ވޮލްވާހަމްޓަން ވަންޑާސް ރޭ ބައްދަލު ކުރި މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފައި ވަނީ މެންޗެސްޓަރ ސިޓީއިން އެވެ. 0-3 ގެ ނަތީޖާ އަކުން މި މެޗުން ސިޓީ މޮޅުވުމާއި އެކު އެމީހުން ވަނީ މިވަގުތު އެއްވަނައިގައި އޮތް ލިވަޕޫލް އާ ދެމެދު 4 ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފައެވެ.

ގެބްރިއަލް ޖީސުސް ގޯލް ޖެހުމަށްފަހު އުފާ ފާޅު ކުރަނީ

މެޗު ފެށިގެން 10 ވަނަ މިނެޓުގެ ތެރޭގައި ސިޓީއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. އެމެރިކް ލަޕޯޓް ނަގައިދިން ހުރަހަކުން ގޯލުގެ ތެރެއަށް ފޮނުވާލާ މި ގޯލް ކާމިޔާބު ކޮށްދީފައިވަނީ ގެބްރިއަލް ޖީސުސް އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓިއަކުން އިތުރު ގޯލެއް ޖަހައި ޖީސުސް ވަނީ ދެ ޓީމުގެ ފަރަގު ބޮޑުކޮށްފައެވެ. ސިޓީގެ 3 ވަނަ ގޯލަކީ 78 ވަނަ މިނަޓުގައި ކޮނޯރ ކޯޑީ އަތުން ބައި ކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ރޭގެ މެޗަށް މެންޗެސްޓަރ ސިޓީ ނުކުތުމުގެ ކުރިން ކުޅުނު 2 މެޗުގައި ސިޓީ އިން ވަނީ 16 ގޯލު ޖަހާފައެވެ. ވީމާ މި މެޗުގައިވެސް ސިޓީގެ ފަރާތުން ގިނަ ގޯލް ތަކެއް ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީން ކޮށްގެން އެވެ. ނަމަވެސް މެޗުފެށިގެން ވޮލްވާހަމްޓަން ވަންޑާސް ގެ ފަރާތުން ރަނގަޅު ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. އެހެނަސް މާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ވިލީ ބޮލީއަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާފައެވެ. މިކަމުގެ ފައިދާ ނަގާ ސިޓީއިން ވަނިީ މުޅި ވޮލްވާހަމްޓަން ވަންޑާސް ގެ ޓީމު ޕްރެޝަރަށް ދުއްވާލައި ގޯލު ތަކެއް ޖަހައިފައެވެ.

"އެމީހުންގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ހިސާބުން ޓީމު ފަހަތަށް ފައިބާ ޑިފެންސް ކުރަން ފެށީ. އެހެންވެ އަހަރަމެންނަށް ކުޅެން ވަރަށް އުނދަގޫވި. ދެން ޖެހުނީ ޕާސްކޮށް ކުޅުމުގެ ބަދަލުގަ ދެފަޅިން ހުރަސް ކޮށްގެން ކުޅެން." މެޗު ނިމުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި މެންޗެސްޓަރ ގެ ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ.

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސްގެ ކުޅުމާއި ދޭތެރޭ ހިންހަމަ ޖެހޭ ކަމަށާއި ސްޓްރައިކަރެއްގެ ބޭނުމަކީ ގޯލު ޖެހުން ކަމަށް ވުމުން އޭނާ އެކަން ފުރިހަމައަށް ކޮށްފައިވާ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު