ޚާޝުގްޖީގެ މަރުގެ ތަހްގީގު ރަނގަނޅަށް ދާނެ ކަމުގެ ޔަގީންކަން ލިބިއްޖެ: ޕޮމްޕެއޯ

ޕޮމްޕެއޯ މުހައްމަދު ބިން ސަލްމާން އާ ބައްދަލު ކުރައްވަނީ

މަސްގަތް (ޖަނަވަރީ 14) : ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި އެގައުމުގެ އިދިކޮޅު ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން ސައޫދީ މަސްއޫލުވެރިންގެ ފަރާތުން ލިބުނު ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ސައޫދީ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އުމާންގެ ވެރިރަށް މަސްގަތަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ޕޮމްޕެއޯ ވިދާޅުވީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީން ކުރާ ތަހްގީގްތައް ދެފުށް ފެންނަ ގޮތެއްގެ މަތިން ކުރާނެ ކަމާއި އަދި އެކަމާ ގުޅުންހުރި ފަރާތްތައް ޒިންމާ ކުރުވާނެކަން ސައޫދީ މަސްއޫލުވެރިން އޭނާ އަށް ކަށަވަރުކޮށްދެއްވި ކަމުގަ އެވެ.

ސައޫދީ އަށް ކުރައްވާ ދަތުރުފުޅުގައި ޕޮމްޕެއޯ މަސައްކަތް ކުރެއްވީ އެމެރިކާ އިން ސައޫދީ އާއެކު ބާއްވާ ސްޓްރެޓީޖިކް ގުޅުންތަކަށް ބުރޫނާރުވައި އެ ގުޅުންތައް ދެމެހެއްޓުމާއެކު ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީ ސަރުކާރު ޒިންމާ ކުރުވުމަށް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.

ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައި ވަނީ ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިންސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އިން ކަށަވަރުކޮށްދޭތީ މިމައްސަލާގައި ސައޫދީ ބައެއް މަސްއޫލުވެރިންނާ އަދި ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކޮންގްރެސްއިން ކުރިމަތިކުރާ ފިއްތުންތަކަށް އެމެރިކާ ސަރުކާރުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ބަދަލުގައި ރައީސް ޓްރަމްޕާއި އެމެރިކާގެ އިސް މަސްއޫލުވެރިން މަސައްކަތް ކުރައްވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާ އަނގަބަހުން ކުށްވެރިކޮށްލައި އެ ޖަރީމާގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބުދިނުމަށް ސައޫދީ ސަރުކާރަށް ގޮވާލުމުގެ މަސައްކަތް އެކަނި ކަމަށް ކޮންގްރެސްގެ ބައެއްމެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ޚާޝުގްޖީ ހަށިގަނޑު ކީހަކުން ބުރިބުރި ކޮށްލަން ފަށާފައި ވަނީ އޭނާ ދިރިހުންނަވަނިކޮށް ސައޫދީ ކޮންސިއުލޭޓް ތެރޭގައި ކަމަށާ އެކަންކުރީ ސައޫދީ ސަރުކާރުން ފޮނުވި ޓީމަކުން ކަމަށް ތުރުކީން ބުނެ އެވެ. އެހާ އަނިޔާވެރިގޮތަކަށް އޭނާ އަވަހާކޮށްލުމަށް އަމުރުކުރެއްވި ކަމުގެ ތުހުމަތު ކުރެވޭ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިންސަލްމާން އާއި އޭނާ އާ ގުޅުންތައް ބޮޑު ސައޫދީ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ޖެހިލުންވާކަމުގެ ތުހުމަތު ކޮންގްރެސްގެ ބައެއް މެންބަރުންވަނީ ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް ކުރައްވައިފަ އެވެ.

އެމެރިކާގެ މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސައޫދީގެ ދައުރު މުހިއްމު ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިސްރާއީލަށް ރައްކާތެރިކަމާ އެކު ދިރިއުޅެވެނީ ސައޫދީގެ އެއްބާރުލުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

ޕޮމްޕެއޯ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ސައޫދީއަށް ވަޑައިގަތުމުގެ ކުރިންވަނީ އުރުދުން، މިސްރު، އިޜާގު އަދި ގަތަރަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ބޭނުމަކީ އީރާނާ ދެކޮޅަށް ބައެއް އަރަބި ގައުމުތަކާއި އިސްރާއީލު ހިމަނައިގެން އެލަޔަންސެއް އުފެއްދުމާ ބެހޭ މަޝްވަރާތައް ކުރުންކަމަށް ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް