ޕީޕީއެމް މިލްކިއްޔާތުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައިފި

ޕީޕީއެމްގެ ރައީސް ޔާމީން އަދި ކުރީގެ ރައީސް މައުމޫން: ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ ---

ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ޕާޓީގެ މެމްބަރަކު ހުށަހެޅި މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ.

ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ ލ. ގަމަށް ނިސްބަތްވާ އަލީ އަހްމަދެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައި، ބަލަން ނިންމާފައެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ސުޕްރީމް ކޯޓުގައި ވަނީ އިބްތިދާއީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް ވަނީ ދެ ފަރާތާއި ހަވާލު ކޮށްފައެވެ.

އަލީ އަހުމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސްކަމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، މައުމޫންއަކީ ޕީޕީއެމްގެ ރައީސް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު އެ ޕާޓީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމް ދޫކުރައްވައި ވަޑައިގަންނަވަން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.

comment ކޮމެންޓް