"ފުޓްބޯޅައިގެ ރަސްގެފާނު" އަނެއްކާވެސް އާ ރިކޯޑެއް މުގުރާލައިފި!

ލިއޮނަލް މެސީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ މަންޒަރު

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ސުޕަރސްޓަރ ލިއޮނަލް މެސީ އަނެއްކާވެސް ފުޓްބޯޅައިގެ އާ ރެކޯޑެއް ގާއިމު ކޮށްފިއެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް، ފުޓުބޯޅަ ބަލާ އަދި ދިރާސާ ކުރާ ގިނަ ބަޔަކު އިއްތިފާގުވާ މެސީ ވަނީ، ރޭ ސްޕެނިޝް ލީގުގައި އެއިބާ ކޮޅަށް ޖެހި ލަނޑާއެކު، މިހާތަނަށް ލަ ލީގާގައި 400 ގޯލު ހަމަ ކުރި ހަމަ އެކަނި ކުޅުންތެރިޔާގެ ރެކޯޑާއި ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ.

ލިއޮނަލް މެސީ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދާ މަންޒަރު

އަމިއްލަ ދަނޑުގައި 0-3ގެ ނަތީޖާ އަކުން ބާސެލޯނާ މޮޅުވި މި މެޗުގައި މެސީ ޖަހާފައި ވަނީ 1 ގޯލްއެވެ. މި މެޗުގައި އެޓީމަށް އިތުރު 2 ގޯލް ކާމިޔާބު ކޮށްދީފައި ވަނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒެވެ.

އާޖެންޓީނާ އަދި މިހާރު ބާސެލޯނާގެ ވެސް ކެޕްޓަން ކަން ކުރަމުން އަންނަ 31 އަހަރުގެ މެސީގެ މި ތާރީހީ ހަރުފަތާ ހަމައަށް ދަތުރު ކުރީ 435 ލީގު މެޗު ކުޅެގެންނެވެ. މެސީއާ ދެން އެންމެ ގާތުން ވާދަ ކުރަމުން އައީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ 292 ލަ ލީގާ މެޗު ކުޅެ 311 ގޯލް ޖަހައިފައެވެ. ނަމަވެސް މި ސީޒަން ފެށުނު އިރު ރިއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް އޭނާ ވަނީ ބަދަލު ވެފައެވެ.

އެއިބާ ކުޅުންތެރިން މެސީ ހުއްޓުވަން މަސައްކަތް ކުރަނީ

ލަ ލީގާގައި މެސީ ހަދާފައިވާ އިތުރު ރެކޯޑް ތަކަށް ބަލާލާއިރު އޭނާ ވަނީ އެ ލީގުގައި ވާދަކޮށްފައިވާ 29 ފުޓްބޯޅަ ޓީމެއްގެ ތާރީހުގައި ވެސް ޖަހާފައިވާ ޖުމުލަ ގޯލަށް ވުރެން އިތުރަށް ގޯލް ޖަހައިފައެވެ. އަދި މެސީ ވަނީ ލީގުގައި މިހާތަނަށް ބައިވެރިވި 37 ޓީމެއްގެ ކޮޅަށް ގޯލް ޖަހައިފައެވެ. މިއާއި އެކު މެސީ ވެގެން ގޮސްފައި ވަނީ މިހާތަނަށް ޔޫރަޕްގެ ގަދަ 5 ލީގުގައިވެސް އެއްގައުމެއްގެ އެންމެ ގިނަ ޓީމު ކޮޅަށް ގޯލް ޖެހި ކުޅުންތެރިޔާއަށެވެ.

comment ކޮމެންޓް