އާއްމު އިންތިހާބުގައި މޯދީއާ ވާދަ ކުރުމަށް އުއްތަރަ ޕްރަދޭޝްގައި ވަރުގަދަ ކޯލިޝަނެއް

ސަމަޖުވާދީ ޕާޓީ (އެސްޕީ)ގެ ލީޑަރު އަކިލޭޝް ޔާދަވް އާއި ބަހޫޖާން ސަމަޖް ޕާޓީ (ބީއެސްޕީ)ގެ ލީޑަރު ކުމާރީ މަޔަވަތީ ވަނީ ދެ ޕާޓީން ކޯލިޝަން ހަދަން ނިންމިކަން އިއުލާން ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ޖެނުއަރީ 13): އަންނަ މެއި މަހު އިންޑިއާގައި ބާއްވާ އާއްމު އިންތިހާބުގައި އުއްތަރަ ޕްރަދޭޝްއިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވާދަ ކުރުމަށް އެސްޓޭޓުގެ އިދިކޮޅު ދެ ޕާޓީއަކުން ކޯލިޝަން ހަދައިފި އެވެ.

އުއްތަރަ ޕްރަދޭޝްގެ ގިނަ އަދަދެއްގެ މީހުން ތާއިދު ކުރާ ސަމަޖުވާދީ ޕާޓީ (އެސްޕީ) އާއި ބަހޫޖާން ސަމަޖް ޕާޓީ (ބީއެސްޕީ)ގައި އިސްކޮށް ތިއްބަވަނީ މީގެ ކުރިން އެސްޓޭޓުގައި ޗީފް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުންނެވެ. އެއީ އެސްޕީގެ އަކިލޭޝް ޔާދަވް އާއި ބީއެސްޕީގައި އިސްކޮށް ހުންނަވަނީ ދާލިތު ދަރިކޮޅުގެ ކުމާރީ މަޔަވަތީ އެވެ.

އިންޑިއާގައި ދަށް ފަންތިއެއްގެ ގޮތުގައި ދެކެވޭ އެތައް މިލިއަން ދާލިތު ދަރިކޮޅުގެ މީހުންގެ މެދުގައި މަގުބޫލު މަޔަވަތީ ވަނީ، އެކޯލިޝަނަކީ ގައުމަށް ގެންނަ "އާ ސިޔާސީ އިންގިލާބެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެކޯލިޝަނުން 76 ގޮނޑިއަށް ވާދަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބީޖޭޕީން ވަނީ އެސްޕީ އާއި ބީއެސްޕީއަށް ތާއިދު ކުރާ ފަރާތްތަކުން ކޯލިޝަނަށް ތާއިދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ޕާޓީގެ މެދުގައި ގިނަ ދުވަސްވީ ތަފާތުތަކެއް ހުރި ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓު ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ 80 މެމްބަރުން ގައުމުގެ ޕާލިމެންޓުގެ ތިރީގޭގައި ތިއްބަވަ އެވެ. އަދި އެސްޓޭޓަށް ނިސްބަތްވާ ނުވަ ބޭފުޅުން ވަނީ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް