އަރަބި ގައުމުތަކުން ސޫރިޔާއާއެކު ވައިގެ ދަތުރުފަތުރުތައް އަލުން ފަށަނީ

އަރަބި އެއާލައިންތަކުގެ ވަފްދުތައް ސޫރިޔާގައި

ދިމިޝްގު (ޖަނަވަރީ 13) : ސޫރިޔާއާއެކު ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށްޓަކައި އަރަބި އެއާލައިންތަކުގެ ވަފްދުތައް ދިމިޝްގަށް އަންނަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ.

ސޫރިޔާގެ ގައުމީ އެއާލައިން ކަމަށްވާ "ސީރިޔަން އަރަބް އެއާލައިން" އިން ބުނީ ވައިގެ ދަތުރުތައް ފެށުމަށްޓަކައި އޮމާން އެއާ، އާއި ޔޫއޭއީ ގެ އިއްތިޙާދު އެއާވޭޒް ގެ މަސްއޫލުވެރިން ގެންދަވަނީ ދިމިޝްގަށް ވަޑައިގެން ސޫރިޔާގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވަމުންނެވެ. މިއިދާރާތަކުގެ ތެރޭގައި "ސީރިޔަން އަރަބް އެއާލައިން" ގެ އިތުރުން ސޫރިޔާގެ އޭވިއޭޝަން އާ ބެހޭ މިނިސްޓްރީ އާއި ފަތުރުވެރިކަމާބެހޭ މިނިސްޓްރީގެ އިތުރުން ސޫރިޔާގެ ޓްރަވެލް އެޖެންސީތައް ހިމެނެއެވެ.

ތޫނިސްގެ ގައުމީ އެއާލައިން ކަމަށްވާ ޓިއުނިޝްއެއާ އިންވަނީ މި ދިޔަ ޑިސެމްބަރު މަހު ސޫރިޔާއަށް ވައިގެ ދަތުރުތައް އަލުން ފަށާފައެވެ. އަދި ޔޫއޭއީ ގެ ގައުމީ އެއާލައިން ކަމަށްވާ އެމިރޭޓްސް ގެ ދަތުރުތައް ފެށުމަށްޓަކައި އެއެއާލައިންގެ ވަފްދެއްވެސް ސޫރިޔާއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކާ ހަމައަށް އައިސްފައިވާއިރު ސޫރިޔާގައި މިހާރު ހަނގުރާމަ ހިނގަނީ ވަރަށް މަދު ސަރަހައްދުތަކެއް ގައެވެ. އެމެރިކާއާއި ގަލްފުގެ ގައުމުތަކާއި ތުރުކީގެ އެހީތައް ލިބިގެން ހަނގުރާމަ ކުރަމުންދިޔަ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ހަނގުރާމައިގާ ބަލިވެ ސޫރިޔާ ސިފައިންވަނީ އެގައުމުގެ ބިމުގެ ގާތްގަނޑަކަށް 80 އިންސައްތަ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. މިއާއެކު ސޫރިޔާ ސަރުކާރުންވަނީ ގައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ ދާޚިލީ ހަނގުރާމަ ކާމިޔާބު ކުރުމުން އަރަބި ބައެއް ގައުމުތަކުންވަނީ ސޫރިޔާގައި އަލުން އެންބަސީތައް ހުޅުވައި ގުޅުންތައް ގާއިމް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އަރަބި ގިނަ ގައުމުތަކުންވަނީ ސޫރިޔާއާ ގުޅުންތައް ކަނޑާލައި ދިމިޝްގުގައި ހުންނަ އެގައުމުތަކުގެ އެންބަސީތައް ބަންދުކޮށްފައެވެ. ނަމަވެސް މިހާރު އޭގެތެރެއިން ގިނަ ގައުމުތަކުންވަނީ ސޫރިޔާއާ އަލުން ގުޅުންތައް ގާއިމްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

(ސޫރިޔާގެ މީޑިޔާ)

comment ކޮމެންޓް
ގުޅޭ ޚަބަރު