ގައުމުގެ އަމާންކަން ގާއިމުކުރެވޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެން: ނައިބު ރައީސް

މިއަދު އަމީނިއްޔާ ސްކޫލްގައި ފެެއްޓި ނާސްތާ ޕްރޮގްރާމު ތައާރަފު ކުރުމުގެ ތެރެއިން --

ގައުމުގެ އަމާންކަން ގާއިމުކުރެވޭނީ ރަނގަޅު ޖީލެއް ބިނާވެގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރަކީ ތައުލީމަށް ހާއްސަ އަހަންމިއްޔަތެއްދޭ ސަރުކާރެއް ކަމަށާއި ރަނގަޅު ޖީލެއް ބިނާކުރުމަށް ޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށެވެ.

"ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަޅުގަނޑުމެންގެ ގައުމުގައި އަމާންކަން ދެމިގެން ނުދާނެ،"

ނައިބު ރައީސް އިތުރަށް ވިދާޅުވީ ދަރިވަރުންނަށް އަޅާލާ ދަރިވަރުންގެ ތައުލީމު ކުރިއަށް ގެންދިޔުމަށް ޓަކައި ރާއްޖޭގެ ދަރިވަރުންނަކީ ގައުމަށް ވަފާތެރި ހިދުމަތްކުރެވޭ، މައިންބަފައިންނަށް އަޅާލާ ފަދަ ބަޔަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

"ދުވަހަކު ވެސް ތައުލީމަށް ހޭދަނުކުރާ ވަރަށް މި ސަރުކާރުން ހޭދަކުރާނެ. ތައުލީމީ ކަންތައްތައް ކުރިއެރުވުމަށް ޓަކައި ސްކޫލުގެ ވަސީލަތްތައް ގާއިމުކުރުމަށް ދުވަހަކު މަސައްކަތްނުކުރާ ވަރަށް މަސައްކަތް ކުރާނަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް