ނާސްތާ ޕްރޮގްރާމް ތައާރަފުކޮށް، ސްކޫލްތަކުގެ ކިޔެވުން ފައްޓައިފި

ނާސްތާ ޕްރޮގްރާމްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު ރާއްޖޭގެ ސްކޫލްތައް، ހެނދުނުގެ ނާސްތާ ޕްރޮގްރާމާ އެކު މިއަދު ކިޔެވުން ފައްޓައިފި އެވެ.

މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހަފުލާއެއްގައި ނާސްތާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. އެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން އަހަރުގެ ފުރުތަމަ ޓާމްގައި ހެނދުނުގެ ނާސްތާ ދެނީ ރާއްޖޭގެ 25 ސްކޫލަކަށެވެ.

ނާސްތާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ނާސްތާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ނާއިބު ރައީސް ވިދާޅުވީ ދަރިވަރުން މަސައްކަތް ކުރާން ޖެހޭނީ ކިޔަމަންތެރި އަދި ގައުމަށް ހިދުމަތްކޮށްދޭ އަދި ހަމައެހެންމެ މައިންބަފައިންނަށް އަޅާލާ ބަޔަކަށްވާން ކަމަށެވެ.

ދަރިވަރުން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ތައުލީމު އުނގެނުން ކަމަށާއި އިލްމު އުނގެނުމަށް ޓަކައި މެދުކެނޑުމެއް ނެތި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"ހެދިބޮޑުވުމުގައި ދުޅަހެޔޮ ސިއްހަތެއް ލިބިގެން ނޫނީ ފުރިހަމަ ކާމިޔާބަކަށް ނުދެވޭނެ ކަމީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް،" 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެއްޓުމަށް ބޭއްވި ހަފުލާގައި ނާއިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ މިއަދުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ދަރިވަރުންނަށް އަޅާލާ ދަރިވަރުންގެ ތައުލީމު ކުރިއަށް ގެންދިޔުމަށް ޓަކައި ރާއްޖޭގެ ދަރިވަރުންނަކީ ގައުމަށް ވަފާތެރި ހިދުމަތްކުރެވޭ މައިންބަފައިންނަށް އަޅާލާ ފަދަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށެވެ.

ނާސްތާ ޕްރޮގްރާމްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

"ދުވަހަކު ވެސް ތައުލީމަށް ހޭދަނުކުރާ ވަރަށް މި ސަރުކާރުން ހޭދަކުރާނެ. ތައުލީމީ ކަންތައްތައް ކުރިއެރުވުމަށް ޓަކައި ސްކޫލުގެ ވަސީލަތްތައް ގާއިމުކުރުމަށް ދުވަހަކު މަސައްކަތްނުކުރާ ވަރަށް މަސައްކަތް ކުރާނަން." ނައިބު ރައީސް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި އަހަރަކީ އާ އުންމީދުތަކަކާއެކީ އަދި އާ ލަނޑުދަނޑިތަކެއް ހާސިލްވާނެ އަހަރެއް ކަމަށެވެ.

comment ކޮމެންޓް